މަސްދަރު ހިމާޔަތްކުރުމަށް އެދި 158 ނޫސްވެރިން ސޮއިކޮށް ރައީސަށް ޕެޓިޝަނެއް

ނޫސްވެރިން ސޮއިކޮށް އެމްޖޭއޭގެ ފަރާތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހެޅި ޕެޓިޝަން --- ފޮޓޯ/ ނާޒިމް ހަސަން

މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާތީ ބިލު ތަސްދީގުކުރުމުގެ ކުރިން އެ ބިލް އިސްލާހުކުރުމަށް އެދި ނޫސްވެރިންތަކެއް ސޮއިކޮށް ޕެޓިޝަނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ހުށަހަޅައިފިއެވެ.

މިއަދު ހެނދުނު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ 158 ނޫސްވެރިން ސޮއިކޮށްފައިވާ އެ ޕެޓިޝަން ރައީސް އޮފީހަށް ހުށަހަޅާފައެވެ.

ޕެޓިޝަން ހުށަހެޅުމަށްފަހު އެމްޖޭއޭގެ ރައީސް ޢަލީ ރިފްޝާން ވިދާޅުވީ އެ ޕެޓިޝަންގައި އޮންލައިން މީޑިއާތަކާއި ބްރޯޑްކާސްޓިން މީޑިއާގެ ގިނަ ނޫސްވެރިންތަކެއް ސޮއިކޮށްފައިވާކަމަށެވެ.

"މި ހަވާލު ކުރެވުނީ 158 ނޫސްވެރިން ސޮއިކޮށްފަ އޮތް ޕެޓިޝަނެއް. ވަރަށް ގިނަ ނޫސްވެރިންތަކެއް އޮންލައިންތަކުންނާއި ބްރޯޑްކާސްޓީން މީޑިއާތަކުންވެސް ވޭ ސޮއިކޮށްފަ މީގަ،" އޭނާ ވިދާޅުވިއެވެ.

ރިފްޝާން ވިދާޅުވީ ރައީސް ޞާލިޙު އެ ޕެޓިޝަން ބެއްލެވުމަށްފަހު ހެއްކާ ބެހޭ ބިލް ތަސްދީގު ނުކުރައްވާ މަޖިލީހަށް އަލުން ބިލު ފޮނުވާލައި އެ ބިލު އިސްލާހުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޖޭއޭގެ ސެކްރެޓެރީ ޖެނެރަލް އަޙްމަަދު ނާއިފް ވިދާޅުވީ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ ގޮތަށް މިހާރު އޮތް އޮތުން ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

"އެއްވެސް ވަރަކަށް ހުއްޓާ ގޮތަކަށް ނޫން މިތިބީއެއް. ޕެޓިޝަން ހުށަހެޅުމަށް ފަހުވެސް އެ ބިލަށް ބަދަލެއް ނާންނަ ނަމަ އަޅުގަނޑުމެން އެވާހަކަ ދައްކާނަން،" ނާއިފް ވިދާޅުވިއެވެ.

ކުރިއަށް އޮތްތާގައިވެސް މިކަމާ ގުޅިގެން ނޫސްވެރިންނާއެކު އެކި މަސައްކަތްތައް ކުރުމަށް ރާވާފައިވާ ކަމަށާއި އެކަމުގައި ނޫސްވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން އުފަލާއެކު ފާހަގަކުރާ ކަމަށް ނާއިފް ވިދާޅުވިއެވެ.

ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮންނަ އޮތުން ބަދަލުކުރުމަށް ގޮވާލައި، އެ ބިލު ފާސްކުރުމުގެ ކުރިން ނޫސްވެރިން ވަނީ ރައްޔިތުން މަޖިލިސް ސަރަޚައްދުގައި މުޒާހަރާއެއްވެސް ކޮށްފައެވެ.

އެ މުޒާހަރާއަށް ފަހު އެ ސަރަޚައްދުގައި ތިބި ނޫސްވެރިންނާ ބައްދަލުކުރައްވާ މަޖިިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިހާރު އޮތް ހަމަ އެކަނި ގޮތަކީ ބިލުގައި އޮތް ގޮތަށް އެ ބިލު ފާސްކުރުން ކަމަށެވެ. އަދި އޭގެ ފަހުން ނޫސްވެރިން ބޭނުންވާ ގޮތަށް އިސްލާހު ހުށަހެޅިދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް