ތެޔޮ ދޫކުރާ މިންވަރު ކޮންޓްރޯލް ކުރީ ނަހަމަ ވިޔަފާރި ހުއްޓުވަން: އަމްރު

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެފްއެސްއެމުން ރަށްރަށުގައި ތެޔޮ ވިއްކާ ފަރާތްތަކަށް ތެޔޮ ދޫކުރާ މިންވަރު ކޮންޓްރޯލް ކުރުމަށް ނިންމީ ތެލުގެ ނަހަމަ ވިޔަފާރި ހުއްޓުވުމަށް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު "ސަން"އަށް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި އިންތިހާއަށް ތެލުގެ އަގު އުފުލިފައިވާއިރު، އޭގެ ސަބަބުން އާންމުންނަށް ވާނެ ގެއްލުން ކުޑަކުރުމަށް އެ ކުންފުނީގެ ޝެޑުތަކުންނާއި، މަސްވެރިންނަށާއި ރަށްރަށަށް ތެޔޮ ވިއްކަނީ ހެޔޮ އަގެއްގައި ކަމަށެވެ.

ނަމަވެސް، ރިސޯޓުތަކަށް ތެޔޮ ވިއްކަމުން އަންނަނީ އޭގެ ހަމަ އަގުގައި ކަމަށް އަމްރު ވިދާޅުވިއެވެ.

"މިކަން ކުރަމުންދާއިރު ބައެއް ފަރާތްތަކުން އަގުހެޔޮކޮށް ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ވިއްކަން މަސައްކަތްކުރާކަން ފާހަގަވޭ،" އޭނާ ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެކަން ހުއްޓުވުމަށްޓަކައި، ރަށްރަށުގައި ތެޔޮ ވިއްކާ ފަރާތްތަކުން އެވްރެޖްކޮށް ނަގަމުން އަންނަ އަދަދުގެ އިތުރުން، ބޭނުންވާ ވަރަށް ވުރެ އިތުރަށް ތެޔޮ ދޫ ނުކުރެވޭނެކަން އަންގާފައިވާނެ ކަމަށެވެ.

އެފްއެސްއެމުން ތެޔޮ ގަންނަ ފަރާތްތަކަށް އެކަން އަންގާފައިވަނީ މިއަދުއެވެ.

ދުނިޔޭގެ ބާޒާރުގައި މި ވަގުތު ސާފުނުކުރާ ތެލުގެ އަގު ހުރީ ފީފާއެއް 111 ޑޮލަރުގައެވެ.

އެފްއެސްއެމްގެ ޝެޑުތަކުން ވިއްކަމުން އަންނަ ތެލުގެ އަގު އެންމެ ފަހުން ބޮޑު ކުރީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. އެ ކުންފުނިން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.55 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 16.77 ރުފިޔާއަށެވެ.

comment ކޮމެންޓް