ސިންގަޕޫރުގެ ސަފީރުކަމަށް ތަސްމީނު އައްޔަނު ކުރަން ރުހުން ދީފި

ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީން ޢަލީ--- ފޮޓޯ

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރު ކަމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީން ޢަލީ އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

ތަސްމީނު އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ސިޓީފުޅެއް ފޮނުވާފައެވެ.

ރައީސް ފޮނުއްވާފައިވާ އެ މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

އެ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ބުނީ ތަސްމީންއާ އިންޓަވިއުކޮށްފައިވާ ކަމަށާއި އެމަނިކުފާނަކީ ކަމާގުޅޭ ދާއިރާތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަަދި އޭނާއަކީ މަގާމަށް އައްޔަނު ކުރަން އެކަށީގެންވާ ބޭފުޅަކަށް ވާތީ އޭނާއަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށް ކޮމިޓީން ބުންޏެވެ.

ސިންގަޕޫރަށް ތަސްމީން އައްޔަން ކުރުމުގެ އިތުރުން މެލޭޝިއާއާއި އިންޑިއާއަށް ރާއްޖެއިން ކަނޑަ އަޅާ ސަފީރުންނަށް ރުހުން ހޯދުމަށް ވެސް ރައީސް ވަނީ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އެ ސިޓީފުޅުގައި ވަނީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ޢަލީ ހުސެއިން ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމުގައި މިހާރު ހުންނެވި ޙުސެއިން ނިޔާޒުގެ ބަދަލުގައި އެ މަގާމަށް، މިހާރު ސިންގަޕޫރުގެ ސަފީރުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝަހީބް ހަމަޖެއްސުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

މެލޭޝިއާގެ ހައި ކޮމިޝަނަރުގެ ގޮތުގައި ދާދި ފަހަކާ ޖެހެންދެން ހުންނެވީ ތަސްމީންގެ އަނބިކަނބަލުން ވިސާމް ޢަލީއެވެ. ދެހާސް ނަވާރަ ވަނަ އަހަރު އެ މަގާމާ ހަވާލުވެވަޑައިގެންނެވި ވިސާމް މިދިޔަ އޭޕްރިލް މަހު އިސްތިއުފާ ދެއްވި އިރު، އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް ހާމަ ނުކުރައްވައެވެ.

comment ކޮމެންޓް