ނަފްސާނީ ބަލިތަކަށް މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ހާއްސަކޮށްގެން، އައިޖީއެމްއެޗްގައި ވޯޑެއް އިއްޔެ ހުޅުވައިފިއެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލްގެ މެންޓަލް ހެލްޓް ސެންޓަރުން ބަލަހައްޓާ، ނުވަ އެނދުގެ އެ ވޯޑްގައި ޑީއެސްކެލޭޝަން ކޮޓަރިއަކާއި ބޭރަށް ނުކުމެވޭ ގޮތަށް ހަދާފައި ހުންނަ ޓެރަހެއް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ބަލި މީހުން ކަސްރަތު ކުރާނެ މެޝިންތަކެއް ވެސް އެ ވޯޑްގައި ވަނީ ބަހައްޓައިފައެވެ.
މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެފަދަ ވޯޑެއް އައިޖީއެމްއެޗްގައި ގާއިމު ކުރާނެކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ނަފްސާނީ ބަލިތަކަށް ފަރުވާ ދޭން ހާއްސަ ވޯޑެއް އައިޖީއެމްއެޗްގައެއް ނުހުރެއެވެ. ނަމަވެސް އެފަދަ ބަލިތަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް މަދު އެނދުތަކެއް ހުރެއެވެ.
މިސަރުކާރު އައި ފަހުން ނަފްސާނީ ބަލިތަކަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ބަލިތަކަށް ހާއްސަ ފުރަތަމަ ސެންޓަރު އައިޖީއެމްއެޗްގައި ހުޅުއްވައި ދެއްވީ ވެސް ރައީސް ޞާލިޙެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކިޔޫގައި ތިބި މީހުން ގިނަ ކަމުން ފަރުވާ ލިބުން ލަސްވުމެވެ. އައިޖީއެމްއެޗްގެ އިތުރުން އަމިއްލަ ކްލިނިކްތަކުގައި ވެސް ގިނަ ބަޔަކު ކިޔޫގައި އެބަތިއްބެވެ. ފަރުވާ ނުލިބި ލަސް ވުމަކީ އެ މީހުންނަށް އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ.