ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު، މޮރިޝަސް ބޭންކަށް ދެ މިލިއަން ތިން ލައްކަ ފަސް ހާސް އެއްސަތޭކަ ރުފިޔާ (2,305,100ރ.) ދައްކަން ޖެހޭ ކަމަށް، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރަން ނުޖެހޭ ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ޢަލީ ޒާހިރު އަތުން 2.3 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މޮރިޝަސް ބޭންކުންނެވެ. އެއީ އަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތިސް އެ އަދަދަށް ބޭނުންކުން އޭނާއަށް ފައިސާ ދޫކޮށްފައިވާތީއެވެ.
މޮރިޝަސް ބޭންކުގައި ޢަލީ ޒާހިރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން 2.3 މިލިއަން ރުފިޔާ ނަގައިދިނުމަށް އެހެން މީހަކު ޗެކަކުން އެދުނީ, ޢަލީ ޒާހިރުގެ އެކައުންޓަށް 4,125,000ރ. ޖަމާކޮށްފައިވާ ކަމުގެ ޗެކް ޑިޕޮޒިޓް ދެއްކުމަށްފަހުއެވެ.
ބޭނުންކުން ޢަލީ ޒާހިރުގެ ނަމުގައި އޮތް ޗެކަށް 2.3 މިލިއަން ރުފިޔާ ދޫކުރިއެވެ. ނަމަވެސް އޭގެ ކުރިން އޭނާގެ އެކައުންޓަށް ޖަމާކުރަން ހުށަހެޅި 4.1 މިލިއަން ރުފިޔާގެ ޗެކް ޖަމާވެފައި ނުވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ޢަލީ ޒާހިރުގެ ޗެކެކަށް ބޭންކުން 2.3 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ 4.1 މިލިއަން ރުފިޔާ ޗެކް ޖަމާކުރުމަށް އައި ފަރާތަށެވެ.
އެހެންކަމުން ހައިކޯޓުން ނިންމާފައިވަނީ އޯވަރޑްރާފްޓްގެ ގޮތުގައި ބޭންކުން ޢަލީ ޒާހިރުގެ އެކައުންޓުން ޗެކަށް ދޫކުރި ފައިސާއަކީ އެ ފައިސާއަށް އޭނާ ގާނޫނީ ގޮތުން ޒިންމާވާން ޖެހޭނެ ފައިސާއެއް ކަމަށެވެ.
ޢަލީ ޒާހިރު ދޫކުރި ޗެކަށް ޕްރޮސެސްކޮށް އޭނާގެ އެކައުންޓުން އޯވަޑްރޯކުރި ފައިސާއަކީ ބޭންކުން ޢަލީ ޒާހިރަށް ދިން "ފްރީ ގިފްޓް" އެއް ކަމުގައި ބެލެވެން ނެތް ކަމަށް ވެސް ހައިކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.