ދައުލަތުގެ މާލީ ކަންކަމަކީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ހަވާލުކުރެވިފައި ނުވާކަމެއްކަމަށް މިނިސްޓަރަށް ވިދާޅުނުވެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ކުރެއްވި ސުވާލަކަށް، އަމީރު މިއަދު މަޖިލީހަށް ލިޔުމުން ދެއްވި ޖަވާބުގައި ވަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ބެލެހެއްޓުން ގާނޫނީ ގޮތުން ހަވާލު ކުރެވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ކަމަށެވެ. އަދި ރިޒާވްގެ ތަފާސްހިސާބުތައް ބަލަހައްޓާ އަންދާޒާތައް ތައްޔާރުކުރުމަކީ ވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އީވާ ހޯއްދަވާ މައުލޫމާތު އެމްއެމްއޭއިން ސާފުކުރެއްވުމަށް އަމީރު ވަނީ އެދިވަޑައިގެންފައެވެ.
އަމީރުގެ ޖަވާބު މަޖިލީހުގެ އަމީންއާންމު އިއްވެވުމާއެކު ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ ވަޒީރުގެ ޖަވާބުގައި އުނިކަމެއް ހުރިކަމަށެވެ.
"ގަލޮޅު އުުތުރު ދާއިރާގެ މެންބަރު އީވާ ކުރެއްވި ސުވާލަކީ މިނިސްޓަރުގެ މަސްއޫލިއްޔަތުގައިވާ ކަންކަމަށް ނިސްބަތްވާ ސުވާލަކަށް ވާއިރު ގާނޫނު އަސާސީގެ 134 ވަނަ މާއްދާގެ ދަށުން ވަޒީރަށް މަޖިލީހުގައި ޖަވާބުދާރީ ވާން މަޖުބޫރުވާނެ. އެހެންކަމުން ވަޒީރު ޖަވާބުގައި ފޮނުއްވި ސިޓީ އަލުން އިސްލާހު ކުރުމަށްފަހު މަޖިލީހަށް ހުށަހަޅަން ވާނެ،'' ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާގޮތުން ސަރުކާރުން އުފައްދަން ބޭނުންވާ އެންމެހާ ވުޒާރާތަކާއި އެވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ވާކަމަށާއި ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެމަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ.
މީގެ އިތުރުން ފެބްރުއަރީ 22، 2019ގައި ރައީސުލްޖުމްހޫރިއްޔާ ގާނޫނަށް ގެންނަން ނިންމެވި އިސްލާހުގައި ވާގޮތުން ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތާ ބެހޭ ކަންކަމާއި ދައުލަތުގެ ބަޖެޓާ ބެހޭ ކަންކަމާއި ދައުލަތުގެ އާމްދަނީ އާއި ހަރަދާ ބެހޭ ކަންކަމާއި ބޭރުގެ އެހީއާއި ލޯނުހޯދުމާ ގުޅޭ ކަންކަން ހިމެނޭކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ސުވާލު ކުރެއްވީ ކުރިއަށް އޮތް ޖުލައި މަސް ނިމޭއިރު ކާޑާއި، ތެލާއި ބޭސް ގަންނަން ދައުލަތުގެ ރިޒާވްގައި ހުންނާނެ ފައިސާއާ ބެހޭ ގޮތުންނެވެ.
މިނިސްޓަރު ވިދާޅުވީ ޖުލައި މަހުން ފެށިގެން ކުރިއަށް އޮތް ފަސް މަހަށް ބޭނުންކުރެވޭނެ ޔޫސެބަލް ރިސާވް ދައުލަތުގައި އެބަހުރި ކަމަށެވެ.