ދަލު ބޭރުން ޖެހިގެން ކުރެވޭނެ މާބޮޑު ކަމެއް ނެތް، އުންމީދުތައް ހާސިލުވާނީ ބާރުތައް ލިބިގެން: ގާސިމް

"ތައްޔާރު"ގެ ނަމުގައި މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ

ދަލު ބޭރުން ޖެހިގެން ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށާއި އުންމީދުތައް ހާސިލުވާނީ އަމިއްލަ ފައިމައްޗަށް ތެދުވެ ބާރުތައް ލިބިގެންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި "ތައްޔާރު"ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ތެރެއިން ޖުމްހޫރީ ޕާޓީ ބާކީވެގެނެއް ނުދާނެކަމަށެވެ. އަދި ސިޔާސީ ގޮތުން ބާރުވެރިކަމެއް ލިބުމުން ރައްޔިތުން އުންމީދުކުރާގޮތަށް ކަންކަން ކޮށްދޭން މަސައްކަތް ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ދަލު ބޭރުން ޖެހިގެން ތިބޭހެން ތިބެގެން ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނޯންނާނެކަން ރައްޔިތުން ގަބޫލުކުރަންޖެހޭ ހަމަގާއިމު ވެސް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަމަށެވެ. ނަމަވެސް އިންތިޚާބަށް ނުކުންނާނީ އެ ޕާޓީ އެކަނިތޯ ނުވަތަ ކޯލިޝަނަކުންތޯ ނިންމާނީ ޕާޓީގެ ކޮންގްރެސް އިން ކަމަށް އެމަނިކުފާނު ވިދަޅުވިއެވެ.

"އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އަޅުގަނޑުމެން ނިންމާފަ އޮތީ ރިޔާސީ ކެންޑިޑޭޓަކު ނެރޭނެއޭ ޖުމްހޫރީ ޕާޓީން،" ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ގާސިމް ވިދާޅުވީ ތަނެއް އިސްލާހުވާނީ ހަމައެކަނި ގާނޫނު އާސާސީގެ ސަބަބުން ނުވަތަ ތަނެއްގައި އޮންނަ ވެރިކަމެއްގެ ސަބަބުން ނޫންކަމަށެވެ.

"އެކަންކަން ކޮންމެހެނެއް ހުއްޓަސް ކިތަންމެ އައިބު ކަންކަމެއް ހުރިކަމުގައި ވިޔަސް އިޚުލާސްތެރި، ޑައިނަމިކް ވިޝަނަރީ މެނޭޖެޓިކް ތަޖުރިބާހުރި ކަންކަންކުރުމުގެ ކެޕޭސިޓީ ހުރި ގާބިލް މީހަކު އައިސްގެން އިހުސާންތެރި މީހަކު އައިސްފިނަމަ ދެން އަޅުގަނޑުމެނަށް އެކަން ކާމިޔާބު އެވީ،" ގާސިމް ވިދާޅުވިއެވެ.

comment ކޮމެންޓް