ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށް ހުށަހެޅުމާ ދައުލަތުގެ ނަމުގައި ގެރެންޓީ ދޭނަމަ އެކަން ކުރަށް ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު ކަމަށް ބަޔާންކޮށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓިއަށް ފޮނުވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 36 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ ބިލުގައި ބުނީ ލޯންސް އެންޑް ކެޕިޓަލް ވޯކްސް ފަންޑާއި، އެޑްވާންސް ފަންޑާއި، ކޮންސޮލިޑޭޓް ރެވެނިއު ފަންޑާއި، ސޮވެރިން ޑިވަލޮޕްމަންޓް ފަންޑް އަދި ޓްރަސްޓް ފަންޑް ބެލެހެއްޓުމުގެ ޒިންމާ ނަންގަވަން ވާނީ ފިނޭންސް މިނިސްޓަރު ކަމަށެވެ.
ބިލުގައިވާ ގޮތުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާ ޚަރަދުކޮށް އިންވެސްޓް ކުރުމާމެދު ގޮތް ނިންމަން ވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓުކުރުމަށާއި، ދަރަނި އަދާކުރުމަށާއި، އާމްދަނީ އިތުރު ކުރުމަށްޓަކައި އެސްޑީއެފްގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭގައި) ކަސްޓޯޑިއަލް އެކައުންޓެއް ގާއިމްކޮށް ބަލަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.