އަޚްލާގީ މިންގަނޑާ އެއްގޮތަށް ހަބަރު ފެތުރުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފި

މީޑިއާ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މީޑިއާ ކައުންސިލް

މީޑިއާތަކުން ހަބަރު ފެތުރުމުގައި ހަމަތަކާއި، އަޚްލާގީ މިންގަނޑަށް ސަމާލުކަން ދިނުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމުގައި ދިވެހި މީޑިއާގެ ހަމަތަކާއި، އަޚްލާގީ މިންގަނޑުތަކާއި، މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

އެގޮތުން، މީހުންގެ އަބުރަށް ނުވަތަ ހައްގަށް އުނިކަމެއް އަތުވެދާނެ ފަދަ މައުލޫމާތެއް އާންމުކުރާނަމަ، އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކޮށް ފެތުރުމަކީ މީޑިއާ ކައުންސިލުގެ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، އެފަދަ މައުލޫމާތެއް ފޯރުކޮށްދޭނަމަ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބަސް ހިމަނައިގެން ގެނެސްދިނުމަށް އެ ބަޔާނުގައި އެދިފައިވެއެވެ.

މީގެ އިތުރުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުގެ އިދާރާތަކުގައި އެދުމުން، ވީހާ އަވަހަކަށް ކަމާގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް މީޑިއާ ކައުންސިލުން އެދިފައިވެއެވެ.

މީޑިއާ ކައުންސިލުން އެ ބަޔާން ނެރެފައި ވަނީ ހައި ޕްރޮފައިލް ބަޔަކަށް ތުހުމަތުވާ ބަދުއަހުލާގީ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އޭގެ ތެރެއިން ބައެއް މައްސަލަތަކުގެ ތަހުގީގު ފުލުހުން މިހާރު ފަށާފައިވާއިރު، ގިނަ ބަޔަކު ހިމެނޭ ބްލެކްމެއިލިންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް