އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަހިވެތިކަމުގެ ސަބަބުން އެ ޕާޓީގެ ތެރޭގައި 'ކެންސަރު' އުފެދިފައިވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
'ސަން އެކްސްކްލޫސިވް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ނަޝީދަށް ތާއީދެއްނެތް ކަމަށާއި އެއީ މިހާރު އެމްޑީޕީއަށް 'ޗޮއިސް' އެއް ނޫން ކަމަށެވެ.
މޫސަ ވަނީ އެމްޑީޕީ ދެ ފެކްޝަނަކަށް ބައިބައި ވެފައިވާއިރު ޕާޓީގެ ތެރޭގައި ފަސާދަ އުފެއްދުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެމަނިކުފާނަކީ ޕާޓީއަށް އިޚުލާސްތެރި ބޭފުޅެއް ނޫން ކަމަށާއި ޕާޓީގެ ތެރޭގައި އެމަނިކުފާނު ބަޣާވާތް ކުރައްވާ ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ.
މޫސަ ވިދާޅުވީ އެކަން އެންމެ ބޮޑަށް ހާމަވެފައި ވަނީ އެމްޑީޕީގެ ލީޑާޝިޕަށް އައި އެންމެން ޕާޓީން ބޭރު ކޮށްލަން އެމަނިކުފާނު މަސައްކަތް ކުރެއްވުމުން ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތުތަކަކީ ޑިމޮކްރަސީ އާ މުޅިން އިދިކޮޅު ސިޔާސަތެއް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
"ޑިމޮކްރަސީއެއް ނެތް. އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދު އުޅުއްވާތާ 15 އަހަރު މި ވީ. އެއީ ޑިމޮކްރަސީ ތޯ؟ ޕާޓިން އެހެން އެއްވެސް މީހަކަށް ފުރުސަތެއް ނުދޭ،" އޭނާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީއަށް މިހާރު އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު ޕާޓީގެ އިސް ސަފުން ދުރުވެވަޑައިގަތުން ކަމަށެވެ. އަދި ރައީސް ނަޝީދާއެކު ޕާޓީގެ ތެރޭގައި ފަސާދަ އުފައްދަން މަސައްކަތް ކުރައްވާ މެންބަރުން ވެސް ޕާޓީގެ ލީޑާޝިޕުން ދުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ އިތުރުން އާންމު ރައްޔިތުންގެ މެދުގައި ވެސް ރައީސް ނަޝީދަށް މިހާރު ތާއީދެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނަށް ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމަށް އާދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދާ ހިޔާލު ތަފާތުވުމަށް ޖާގަ ނޯންނަ ކަމަށް މޫސަ ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އަދި އެމްޑީޕީ އޮންނަނީ ރައީސް ނަޝީދުގެ އަޅުވެތިކަމުގެ ދަށުގައި ކަމަށާއި ގިނަ މެންބަރުން އެމްޑީޕީން ވަކިވާންޖެހުނީވެސް އެހެންވެ ކަމަށް މޫސަ ވިދާޅުވިއެވެ.
"އަބަދުވެސް ރައީސް ނަޝީދު ވެރިކަަމަށް ވަޑައިގެން އެމްޑީޕީ ހިފެހެއްޓީއްސުރެ ފަށައިގެން، އެމްޑީޕީ އޮންނަނީ ރައީސް ނަޝީދުގެ އަޅުވެތިކަމުގަ. ޕާޓީއަށް ލިބޭ އާމްދަނީންވެސް ހޭދަކުރައްވާ، ރައީސް ނަޝީދަށް ސަނާކިޔާ ގުރޫޕުގަނޑެއް އަބަދުވެސް [ޕާޓީ ތެރޭގައި] އުޅޭ. އެއީ އަޅުގަނޑުމެން އެމްޑީޕީ ދޫކޮށްފަ ބޭރަށް ނުކުންނަންޖެހޭ ކަމަކީ," މޫސަ ވިދާޅުވިއެވެ.
މައްސަލަ ޖެހުނީ ރައީސް ނަޝީދު ވެރިކަމަށް އަންނަން ބޭނުންވެފައި ހުއްޓައި، އެމްޑީޕީގެ ގަވާއިދުގައި އޮންނަ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރިޔާސީ ދެ ދައުރު ދޭންޖެހޭތީ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ އެމްޑީޕީގެ މެންބަރުކަމުން ވަކިކުރުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިނާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރަން ވޯޓު ނުދިނުމަށް ޕާލަމެންޓްރީ ގްރޫޕުން ތްރީލައިންވިޕެއް ނެރެފައި ވަނިކޮށް އެއާ ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އެއީ 2016 ވަނަ އަހަރެވެ.