އަލްޖަޒީރާގެ ނޫސްވެރިޔާގެ ގަޔަށް ބަޑި ޖެހީ އިޒްރޭލުގެ ސިފައިން: ޔޫއެން

އިޒްރާއިލުން ދޭ ހަމަލާތަށް ކަވަރު ކުރަން އުޅުމުގެ ތެރޭގައި މަރާލަފައިވާ އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހް---- ފޮޓޯ: އަލްޖަޒީރާ

މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު މަރާލި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޙްލީލް މަރާލުމަށްޓަކައި ބޭނުންކުރި ބަޑީގެ ވަޒަންތަކަކީ އިޒްރޭލުން ޖެހި ވަޒަންތަކެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީސް (އޯއެޗްސީއެޗްއާރު)އިން ބުނެފިއެވެ.

ޝީރީން މަރާލައިފައިވަނީ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގައި އިޒްރޭލުން ހިންގި އޮޕަރޭޝަންތައް ލައިވްކޮށް ކަވަރު ކުރަމުންދަނިކޮށެވެ.

"އަޅުގަނޑުމެން އެއްކުރި ހުރިހާ މައުލޫމާތަކުން އިނގެނީ އަބޫ އަޚްލީހް މަރާލައި އޭނާގެ އެކުވެރިޔާ އަލީ ސަމްމޫދީ ޒަޚަމްކޮށްލި ވަޒަންތަކަކީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ޖެހި ވަޒަންތަކެއް ކަމަށް،" އޯއެޗްސީއެޗްއާރުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވިއެވެ.

އިޒްރޭލު ސިފައިން އޭނާގެ ބޮލަށް ބަޑިޖެހީ، ނޫސްވެރިން އާންމުކޮށް ބޭނުންކުރާ "ޕްރެސް" ޖަހާފައިވާ ގަދަ ނޫކުލައިގެ ޖެކެޓާއި ނޫކުލައިގެ ހެލްމެޓް ވެސް އަޅައިގެން ހުއްޓައެވެ. އިޒްރޭލު ސިފައިން ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ ޝީރީން އަޅައިގެން ހުރި ހެލްމެޓު ނެއްޓޭ ވަރަށް، ކަންފަތް ކައިރިން ބޮލަށެވެ.

ޝީރީންގެ މަރާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ރުޅިވެރިކަން ފާޅުކޮށްފައިވެއެވެ.

މީގެ އިތުރުން ޝީރީންގެ ޖަނާޒާއަށް ވެސް އިޒްރާއިލްގެ ސަލާމަތީ ބާރުތަކުން ހުރަސްއެޅިއެވެ. ޖަނާޒާގައި ބައިވެރިވި ފަލަސްތީނުގެ ޒުވާނުންނަށް ހަމަލާދީ ޖަނާޒާގެ ބައިވެރިންގެ ގައިގައި މުގުރުން ތަޅައި އަނިޔާކުރަމުން ދިޔުމުގެ ސަބަބުން، ޝީރީން ސަންދޯއް ވެސް ބިންމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ.

ޝީރީން މަރާލި މަންޒަރު ފެނުނު ގިނަ ބަޔަކު ބުނެފައިވަނީ އޭނާ މަރާލާފައިވަނި އިޒްރާއީލުގެ ސިފައިން ކަމަށެވެ. އަދި ބައެއް މީޑިއާ ޖަމްޢިއްޔާތަކުން ހިންގާ ތަޙުޤީޤުތަކުންވެސް އެނގިގެން ދިޔައީ ޝީރީން މަރާލާފައިވަނި އިޒްރާއީލުގެ ސިފައިން ކަމަށެވެ.

އޯއެޗްސީއެޗްއާރުގެ ތަހުގީގުން ހާމަވި ގޮތުގައި، އިސްރާއީލް ސިފައިން ބަޑި ޖެހި ފަހުން ޝީރީންއަށް އެހީތެރިކަން ފޯރުކޮށްދޭން ދިޔަ ހަތިޔާރު ނެތް މީހަކަށްވެސް ސިފައިން ހަމަލާ ދިނެވެ.

ޝަމްދަސާނީ ވިދާޅުވީ، އަބޫ އަޚްލީހްގެ މަރާ ގުޅިގެން އިޒްރޭލުން ޖިނާއީ ތަހުގީގެއް ހުޅުވާލުމަށް އޯއެޗްސީއެޗްއާރުގެ ވެރިޔާ މިޝޭލް ބެޝެލެޓް ގެންދަވަނީ ގޮވާލައްވަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓް ވެސް ހިމެނޭ ގޮތަށް އިސްރާއީލުގެ އޮފިޝަލުން ފުރަތަމަ މަސައްކަތް ކުރީ ފަލަސްތީނުގެ ހަތިޔާރުއެޅި ބަޔެއްގެ ބޮލުގައި ޝީރީން މަރާލި ކަމުގެ އިލްޒާމު އެޅުވުމަށެވެ. އަދި އިޒްރާއީލުގެ ސިފައިން ޝީރީންއަށް ހަމަލާދިންކަން އެގައުމުން ފުރަތަމަ ވަނީ ދޮގުކޮށްފައެވެ.

މި މަރާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭނެތޯ ނުވަތަ ނޫންތޯ އިސްރާއީލުން އަދި ނުނިންމާ އިރު، އެތެރޭގެ ތަހުގީގަކުން ނުކުތް ހޯދުންތައް ވެސް އިޒްރޭލުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް