ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ފެމިލީ ކޯޓުގެ އިސް ގާޒީ ހުޒައިފާ މުޙައްމަދު އައްޔަންކޮށްފިއެވެ.
އެ މަގާމަށް ހުޒައިފާ އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ އިއްޔެ އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ޢަލީ ސަމީރު އިސްތިއުފާ ދެއްވުމުންނެވެ. ހުޒައިފާގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލެއްވީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ފަސް އަހަރު މަސައްކަތް ކުރެއްވި ޝުކުރުﷲ ޝަކީލްއެވެ.
ފަނޑިޔާރުން އައްޔަން ކުރާ ކޮމިޓީން ވަނީ މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަގާމަށް ކުރިމަތިލި ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެ މަގާމަށް ހުޒައިފާ އައްޔަން ކުރުމަށް ޖޭއެސްސީއަށް ލަފާ ދީފައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ހުޒައިފާއަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
ހުޒައިފާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ އަކީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީ ކަމަށް އައްޔަން ކުރި ފުރަތަމަ އަންހެން ބޭފުޅާއެވެ.
ހައިކޯޓަށް އަދި އިތުރު ދެ ފަނޑިޔާރުން ބޭނުންވާނެއެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީއެވެ.
ފަނޑިޔާރު ހަމީދު ހައި ކޯޓުގެ ފަނޑިޔާރު ކަމުން ވަކި ކުރަން ފާސްކުރީ ޤާނޫނު އަސާސީގެ 152ވަނަ މާއްދާއާ ޚިލާފަށް މަޖިލީހުގެ އެއްވެސް ދައުރެއް ނެތި، ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި ކަމަށް ޖޭއެސްސީން ނިންމި ނިންމުމާ ގުޅިގެންނެވެ. އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ބުނެ ޖޭއެސްސީން ފަނޑިޔާރުކަމުގެ މަގާމުން ހަމީދު ވަކި ކުރަން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގައެވެ.
ޖޭއެސްސީން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ހަމީދުގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފްގެ ނަންވެސް މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް ފަނޑިޔާރު ރައޫފް އަމިއްލަ ފުޅަށް މަގާމުން އިސްތިއުފާ ދެއްވީއެވެ.