ދީން ސިޔާސީ ހަތިޔާރަކަށް ހަދަން ހެޔޮ ނުވާނެ!

ޔޯގާ މައްސަލާގައި އެއްވި މީހުން ދިދަތައް ހިފައިގެން: އެއްވި މީހުން ވަނީ ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގައިފައި -- ޓްވިޓާ ފޮޓޯ/ ޝިއުނާ

ސިޔާސީ މީހުންގެ ކަންކަން ހުންނާނެ ގޮތަކީ އެ ކަމަކުން ސިޔާސީ މަންފާއެއް ވާނަމަ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ޖެހިލުމެއް ނުވާނެއެވެ. އެއީ މީހެއްގެ ފުރާނައާ ގުޅުން ހުރި ކަމަކަށް ވިޔަސް، ނުވަތަ މުޖުތަމައުގެ ރައްކަލާ ގުޅުންހުރި ކަމަކަށް ވިޔަސްމެއެވެ. ސިޔާސީ މީހުން އިސްކުރާނީ އޭގެ ތެރެއިން ސިޔާސީ ބާރުވެރިކަން ހޯދޭނެ ގޮތެވެ. މިއީ ދުނިޔޭގެ ތާރީހަށް ބެލިޔަސް އަދި މިއަދުގެ ހާލަތަށް ބެލިޔަސް ސިޔާސީ މީހާގެ ފަރާތުން ފެންނަން އޮތް ހަގީގަތެވެ. ނަމަވެސް އެކަމުގައި ވެސް ހައްދެއް ގެންގުޅެން އެބަޖެހެއެވެ.

ގިނަ ދިވެހީންނަކީ އިސްލާމް ދީނަށް ލޯބި ކުރާ މީހުންނެވެ. އެހާ ރަނގަޅަށް ނޫޅޭ މީހާ ވެސް ދީނާ ދެކޮޅަށް އެއްޗެއް ބުނާ އަޑު އިވިއްޖެ ނަމަ ލޭ ކެކޭނެއެވެ. އެހެންކަމުން ރާއްޖޭގެ ސިޔާސީ މީހުން، އެ މީހުން ބޭނުންވާ ކަންކަން ކުރުމަށާއި ވޯޓާއި ތާއީދު ހޯދުމަށް ދީނީ ކާޑު ކުޅުމަކީ ޒަމާންވީ އާދައެކެވެ.

ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ރައީސް އިބްރާހީމް ނާސިރާ ދެކޮޅަށް ވެސް އެ ކާޑު ކުޅުއްވިއެވެ. އަދި ރައީސް މުޙައްމަދު ނަޝީދު، މައުމޫން ބަލި ކުރައްވަން ވެސް ހަމަ ދީން އޭގެ ތެރެއަށް ގެންނެވިއެވެ. ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށާއި ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ވެސް އެންމެ ބޮޑަށް ވިއްކި އެކައްޗަކީ ދީނެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ޔާމީން ބަލި ކުރެއްވުމަށް ވެސް ޝައިހުން ނެރެ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ދީނޭ ކިޔައިގެން ވޯޓާއި ބާރު ހޯދޭތީ އޭގެ ބޭނުން ހިފަނީއެވެ.

މިއީ ސިޔާސީ މީހުން ކުރާ ވަރަށް ނުރައްކާތެރި ކަމެކެވެ. އޭގެ ނަތީޖާ މިދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. ސަބަބަކީ އޭގެ ނާޖާއިޖު ފައިދާ ހަރުކަށި ފިކުރުގެ މީހުންނާއި އިސްލާމް ދީނާ ދެކޮޅު މީހުން ނަގާތީއެވެ. ދިވެހީންގެ ތެރޭގައި މި ދެ ވައްތަރުގެ މީހުން އުޅޭކަން ވެސް އެއީ ހަގީގަތެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަން ބޭއްވި އިވެންޓަށް ވަދެގަތުމަށް ބަލާލަމާ ހިނގާށެވެ. ޔޯގާ ހުއްދަތޯ ނުވަތަ ނޫންތޯ އެ ސުވާލު މިތަނުގައި ބާއްވާށެވެ. ކޮންމެ ގޮތެއް ވިޔަސް ބޭރުގެ ޑިޕްލޮމެޓުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން އެއްވެ ތިބި ތަނަކަށް ގަދަކަމުން ވަދެގަނެ، ހަމަނުޖެހުން ހިންގައި މީހުންނަށް ހަމަލާދީ ތަކެއްޗަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެފަދަ ހަމަނުޖެހުންތައް ހިންގުމަކީ މާތް ވެގެންވާ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ވެސް ނޫނެވެ.

ނަމަވެސް އެކަން އެއޮތީ ބަޔަކު ކޮށްފައެވެ. ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ވެސް އެނގޭ ގޮތުގައި އެކަމުގެ ފަހަތުގައި ވެސް ތިބީ ސިޔާސީ މީހުންނެވެ. ވަދެގަނެ، ހަމަނުޖެހުން ހިންގި މީހުން ބޭނުން ކުރީ ޕީޕީއެމްއިން ދިން ތަކެއްޗެވެ.

ނަމަވެސް ޕީޕީއެމްއިން ބުނަނީ އެ ހަމަނުޖެހުމަކީ އެ ޕާޓީގެ ބޮލުގައި އެކަން އެޅުވުމަށް ސަރުކާރުން ކުރުވި ކަމެއް ކަމަށެވެ. އެ ސީރިއަސް އަމަލު ސިޔާސީ ކޮށްލީއެވެ.

ޔޯގާ އިވެންޓަށް ބަޔަކު ވަދެގަތް އިރު އެކަމުގައި ފުލުހުން އަމަލު ކުރިގޮތް އެންމެ ރަނގަޅެކޭ ނުބުނެވޭނެއެވެ. ކުރިއާލާ އެތައް އިންޒާރެއް ދިނުމަށް ފަހު ބަޔަކު އެއްވީ އެކަން އިއުލާން ކުރުމަށް ފަހުގައެވެ. އެހެންކަމުން ކުރިއާލާ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ފުލުހުންނަށް ފުރުސަތު ލިބުނެވެ. ނަމަވެސް ފެނުނީ މަދު ބަޔަކު ފުލުހުންގެ ސަފު ފަޅާލައި ވަދެ ހަމަލާ ދިން މަންޒަރެވެ. ޑިޕްލޮމެޓުންނާއި ސަރުކާރުގެ އިސްވެރިންގެ ކުރިމަތީގައެވެ.

ދީނީ ބައެއް އިލްމުވެރިންގެ އަމަލުތަކަށް ބަލާއިރު ވެސް ހަމަނުޖެހޭ އެތައް ކަމެއް ފާހަގަވެއެވެ. ސިޔާސީ ގޮތުން ވަކި ކޮޅެއްގައި ހުންނައިރު ދައްކާ ވާހަކައާ އޭގެ އަނެއް ކޮޅުގައި ހުންނައިރު ދައްކާ ވާހަކަ ދިމައެއް ނުވެއެވެ. އަދި ވަކި ބަޔަކު ވެރިކަމުގައި ހުންނައިރު ނުފެންނަ މަންޒަރު އަނެއް ބަޔަކު ވެރިކަމަށް އައުމުން ފެނެއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. ސިޔާސީ މަގާމެއް ދޭ ހިސާބުން ވެސް ބައެއް އިލްމުވެރިންގެ ބަސް މަދުވެއެވެ. ދެން އުޅުއްވަނީ މަގާމުގެ ދިފާއުގައެވެ. އަނެއް ބައި އިލްމުވެރިން ވަކި ބަޔަކު ވެރިކަމަށް އައުމުން އަޑުމަޑުވެފައި ވަކި ބަޔަކު ވެރިކަމަށް އައުމުން އަޑުގަދަވެއެވެ. މިފަދަ ސަބަބުތަކާ ހުރެ ދީނީ ބައެއް އިލްމުވެރިންގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮވެއެވެ.

ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ، އަވަހަށް ހުއްޓުވާ!

އިސްލާމް ދީނާ ދެކޮޅު މީހުން ބޭނުންވާނީ ދީނުގެ ނަން ކިލަނބުވާފަދަ ކަންކަން ކުރުވުމަށެވެ. އެފަދަ ކަންކަން ހިނގި ވަރަކަށް މީހުން ދީނާ ދުރުކުރުމަށް އެ މީހުން ކުރާ މަސައްކަތަށް ފަހި ގޮތް ވާނެއެވެ. ހައްދުފަހަނައަޅާފައި ތިބި މީހުން ބޭނުންވާނީ އެ މީހުން ގަބޫލުނުކުރާ ކަމެއް ހިނގާނަމަ އެކަމެއް ހުއްޓުވުމެވެ. އެކަން ހުއްޓުވުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ.

ރާއްޖޭގެ އިގުތިސާދުގެ މައި ބަދައަކީ ޓޫރިޒަމް ކަމަށްވާއިރު އެ ދާއިރާގެ ގިނަ ކަންކަމަކީ ހައްދުފަހަނައެޅި މީހުން ގަބޫލު ކުރާ ކަންކަމެއް ނޫނެވެ. އެ މީހުންގެ ވިސްނުމުންނަމަ ހުއްޓުވަން ޖެހޭ ކަންކަމެވެ. އެހެންކަމުން ސިޔާސީ މީހުން ފަހަތުގައި ތިބެ މިފަދަ ފުރުސަތުތައް ދޭނަމަ ޓޫރިޒަމަށް އަމާޒު ކޮށްގެން ނުރައްކަލެއް ކުރިމަތި ކުރުވަފާނެއެވެ. އޭގެ ނަތީޖާ މުޅި ގައުމަށް ހިތިވާނެއެވެ.

"ހިތްހަމަ ނުޖެހޭ ކަމެއް ކުރާ ބަޔަކަށް ރާވައިގެން ގުރޫޕް ހަދައިގެން ގޮސް ހަމަލާ ދިނުން އާދައިގެ ކަމަކަށް ވެއްޖެއްޔާ، މާދަމާ ގެސްޓްހައުސް، ސަފާރީ އާއި ރިސޯޓްތަކަށް ހަމަލާ ދިނުން ވެސް ގާތް،" ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން އަނަސް ފަޔާޒް ލިޔެފައިވެއެވެ.

ބައެއް ގައުމުތަކަށް ބަލާއިރުވެސް ދީނީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ހަމަނުޖެހުން ބޮޑުވެ، އެގައުމުތައް ވަނީ ނުރައްކަލުގެ ތެރޭގައެވެ. ޖާނުންފިދާވުމުގެ ހަމަލާފަދަ ނުރައްކާތައް އެހާ އާންމެވެ. ރާއްޖޭގައި އެ ފުރުސަތު ނުދޭން ވެސް ދީން ސިޔާސީ ކުރުން ހުއްޓާލަން ޖެހެއެވެ.

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް، މުހުތާޒް މުހުސިން ވިދާޅުވިގޮތުގައި ޔޯގާ އިވެންޓް ހުއްޓުވުމަށް އަމަލު ކުރިގޮތް ފަދަ ކަންކަމަށް ފިޔަވަޅު ނޭޅިއްޖެނަމަ އެކަންކަން ތަކުރާރު ވުމުގެ ފުރުސަތު އެބައޮތެވެ. އޭގެ ނުރައްކާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާދަމާ ކުދިން ކޮންސެޓެއް ނޫނީ މިއުޒިކް ޝޯއެއް ބާއްވަނިކޮށް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ބުނެ، އެތަނަށް ﷲ އަކުބަރު ގޮވަމުން ވަނީމައި ކިހިނެއް ހަދާނީ؟ އެހެންކަމުން މިފަދަ ކަންކަމަށް ފިޔަވަޅު އަޅަން ޖެހޭ،" މުހުތާޒް ވިދާޅުވިއެވެ.

ގޮށްމުށުގެ ބާރުން ކަންކަން ނިންމާ އުސޫލުން ކަންކަން ހިނގާނަމަ ގައުމުގައި ހަމަޖެހުމެއް ނޯންނާނެއެވެ. ގަދަ މީހާ ގަދަވާ އުސޫލަކީ ގައުމީ ސަލާމަތަށް ނުރައްކަލެކެވެ. ކަންކަން ހުއްޓުވައި ހުއްދަކޮށް ހަދަންވާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ އޮތޯރިޓީއަކުންނެވެ. ތިމާމެން ހިތް ނުރުހޭ ކޮންމެ ކަމަކަށް ވަދެގަނެ، ހަމަނުޖެހުން ހިންގަން ވެއްޖެ ނަމަ އެއްވެސް ހަމަޖެހުމެއް ނޯންނާނެއެވެ.

ސިޔާސީ ތަފާތު ފިކުރުތަކުގެ ސަބަބުން މީހުން ލާދީނީ ކުރުމާއި ހަލާލު، ހަރާމަށް ގޮވުމަކީ ވެސް މިއަދު ރާއްޖޭގައި އާންމުކަމެކެވެ. މިއީ ވެސް ނުރައްކަލެކެވެ. މިފަދަ ކަންކަން މައްޗަށްގޮސް ބޮޑެތި ހަމަނުޖެހުންތައް ހިނގާފާނެއެވެ. މިފަދަ ކަންކަމަށް ވެސް ތެޔޮ އަޅައި ރޯކުރަނީ ސިޔާސީ މަންފާއަށްޓަކައި ސިޔާސީ މީހުންނެވެ.

ފަތުވާ މަޖިލީހާ އިސްލާމިކް މިނިސްޓްރީގެ ދައުރު މުހިންމު

ގާނޫނީ ވަކީލުންނެކޭ އެއްގޮތަށް ދީނީ އިލްމުވެރިންގެ މެދުގައި ވެސް ގިނަ ކަންކަމުގައި ހިލާފު އުފެދެއެވެ. އެއްގަލަކަށް ނޭރޭ ކަންކަން ގިނައެވެ. ގާނޫނީ ދާއިރާއަށް ބަލާއިރު އެ ހާލަތުގައި އަދުލުވެރި ގޮތް ނިންމަން ދާން ޖެހެނީ ކޯޓަށެވެ. ދީނީ ކަންކަމަށް ބަލާއިރު ވެސް އެ ގޮތް އިހުތިޔާރު ކުރަން ޖެހެއެވެ. ދީނީ ގޮތުން ހިޔާލު ތަފާތުވާ ކަންކަމުގައި ފަހު ބަސް، އިސްލާމިކް މިނިސްޓްރީއާއި ފަތުވާ މަޖިލީހުން ބުނެދޭން ޖެހެއެވެ.

މުހުތާޒް ވިދާޅުވި ގޮތުގައި މީގެ އެންމެ ބޮޑު މައްސަލައަކީ މިހާލަތަށް ކަންކަން ދާއިރު އިސްލާމިކް މިނިސްޓްރީއާއި ފަތުވާ މަޖިލިސް "ނިދާފައި" އޮތުމެވެ.

ކަމެއް ހިނގުމުން ބަޔާން ނެރެ، އެކަން ކުށްވެރި ކުރުމުގެ ބަދަލުގައި އެކަމެއް ހިނގިޔަ ނުދޭން ކުރިއާލާ ފިޔަވަޅު އަޅަން ޖެހޭކަން މުހުތާޒް ފާހަގަ ކުރެއްވިއެވެ.

ޔޯގާ އިވެންޓްގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި އެދިފައިވަނީ އިޚްލާސްތެރިކަމެއް ނެތި ދީނާއި ނަބިއްޔާގެ ދިފާއުގައިކަމަށް ބުނެ ބައެއް މީހުން ސިޔާސީ މަންފާއަށް ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށެވެ.

ހަގީގަތަކީ ދީނީ ހިލާފުތައް ރާއްޖޭގައި ގިނަ ވެފައިވާއިރު އެކަންކަން ހައްލު ކުރުމަށް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް އިސްލާމިކް މިނިސްޓްރީ އާއި ފަތުވާ މަޖިލީހަށް ނުކުރެވޭ ކަމެވެ. ތިބެނީ މާ މަޑުންނެވެ. މައްސަލަތައް ބޮޑުވެ ހަމަ ނުޖެހުމަށް ދާއިރުވެސް ގޮތެއް ނުނިންމެއެވެ. މިއުސޫލު ބަދަލުވާން ޖެހެއެވެ.

ހަމައެހެންމެ އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ ކަންކަމުގައި ވެސް ފިޔަވަޅު އެޅޭތަން ފެންނަނީ މަދު ފަހަރެއްގައެވެ. ދީނަށް ފުރައްސާރަކޮށް އެތައް ކަމެއް ކުރާއިރު އެންމެ އެކަށީގެންވާ ފިޔަވަޅެއް އެކަންކަން ހުއްޓުވުމަކަށް ނާޅައެވެ.

ސިޔާސީ ވިޔަސް ހަގީގަތުގައި ވެސް ހައްދެއް އޮންނަންވާނެއެވެ. މަގާމާއި ބާރުގެ ދަހިވެތިކަމުގައި ކުރާ ކަންކަމުގެ ސަބަބުން އޭގެ ނަތީޖާ އެބަ ވަރަށް ގޯސްވެއެވެ. މި ނުރައްކާ ދުވަހުން ދުވަހަށް މިދަނީ ބޮޑުވަމުންނެވެ. ދީނަކީ އަމިއްލަ ފައިދާއަށް ބޭނުންކުރާ އެއްޗަކަށް ހަދާނަމަ އޭގެ ގެއްލުން އަދި ކުރިއަށް އޮތްތާ މާ ބޮޑުވާނެއެވެ. ހަމަނުޖެހުންތައް ބޮޑުވާނެއެވެ. އެހެންކަމުން ސިޔާސީ ބޭނުމަށް ދީން ހަތިޔާރަކަށް ހަދަން ހެޔޮ ނުވާނެއެވެ.


comment ކޮމެންޓް