ހުރަވީ ސްކޫލުން މިއަހަރާއި މިދިޔަ އަހަރު ބޭއްވި އިތުރު ހަރަކާތްތަކުގެ ނަތީޖާ ފާޅުކޮށްފި

ހުރަވީ ސުކޫލުން މިދިޔަ އަހަރާއި މިއަހަރު ބޭއްވި އިތުރު ހަރަކާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުރަވީ ސުކޫލުން މިދިޔަ އަހަރާއި މިއަހަރު ބޭއްވި އިތުރު ހަރަކާތްތަކުގެ ނަތީޖާ ފާޅުކޮށްފިއެވެ.

"ސަކްސެސް ސެލެބްރޭޝަން"ގެ ނަމުގައި އެ ސުކޫލު ހޯލުގައި މިރޭ 08:15ގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.

އެ ރަސްމިއްޔާތުގައި ވަނީ އެ ސުކޫލުން ބޭއްވި އެކިއެކި އިތުރު ހަރަކާތްތަކުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ސެޓިފިކެޓު ދީފައެެވެ. އެގޮތުން ސްޕެލިން ބީގެ ނަތީޖާއާއި ދިވެހި އަދަބީ ފޯވަހި، މަދަހަ މުބާރާތް، ސައިންސް ފެއާ އަދި ފާއިތުވި އަހަރާއި މި އަހަރު ސްކޫލަށް ރީތިނަން ހޯދައިދިން ދަރިވަރުންނަށް ވަނީ ސެޓިފިކެޓު ދީފައެވެ.

އެގޮތުން އިންޓަ ސުކޫލު އެތްލެޓިކްސް ކޮމްޕެޓިޝަންއިން ވަނަވަނަ ހޯދި ދަރިވަރުންނަށާއި މިދިޔަ އަހަރުގެ ކޮމަންވެލްތް އެސޭ ރައިޓިން އިން ވަނަވަނަ ހޯދި ދަރިވަރުންނަށާއި، މަޒުމޫނު ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތުން ވަނަވަނަ ހޯދި ދަރިވަރުންގެ އިތުރުން ޤުރުޢާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތުން ވަނަވަނަ ހޯދި ދަރިވަރުންނަށް ވަނީ ސެޓިފިކެޓުދީފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުރަވީ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު ވިދާޅުވީ ސުކޫލެއްގައި މިފަދަ އިތުރު ހަރަކާތްތައް ބޭއްވުމުގެ ބޭނުމަކީ ދަރިވަރުންގެ ކިބައިގައިހުރި، މުސްތަގުބަލުގައި ބޭނުންހިފޭ ދަފަ އިތުރު ހުނަރުތައް ކުރިއެރުވުމަށް މަގު ފަހިކޮށްދިނުން ކަމަށެވެ.

ދަރިވަރުންނާ މުޚާތަބުކުރައްވައި ޕްރިންސިޕަލް ވިދާޅުވީ މުޖުތަމައުއަށް ނުކުންނައިރު އަމިއްލަ ފަރުދެއްގެ ގޮތުގައި ކުރިއެރުމަށް ވުރެ މުޖުތަމަޢުގެ ކުރިއެރުމަށް ވިސްނަންޖެހޭނެކަމަށެވެ.

"އަޅުގަނޑުމެން އުޅޭ މުޖުތަމައުއަކީ އެކަކު އަނެކަކުގެ ކިބައިން އެހީތެރިކަން ހޯދާ އެކަކު އަނެކަކަށް އަޅާލުމާ އޯގާތެރިކަން ދީ އެކަކުގެ ބޭނުން އަނެކަކު ފުއްދައިދީގެން އުޅޭ ބަޔަކަށް ވާންވާނެ،" އޭނާ ވިދާޅުވިއެވެ.

އަނެކާއަށް ލިބޭ ކުރިއެރުމަކީ ތިމާގެ ކުރިއެރުމަށް އެޅޭ ހުރަހެއްކަމަށް ވިސްނުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި ގުޅިގެން ހޯދާ ކާމިޔާބީ މާ ފޮނިވާނެކަމަށް ޕްރިންސިޕަލް ނަސޭހަތްތެރިވިއެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފުވެރި މެހެމާން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ ސްކޫލުގެ ކިޔެވުން ފުރިހަމަކުރުމަށްފަހު ހުރަވީ ސްކޫލުގެ ހިޔާވަހިކަމުން މުޖުތަމައުއަށް ނުކުތުމަށް ފަހު ވެސް ދަރިވަރުން ސްކޫލުގެ ޝިއާރު ހަނދާން ނައްތާނުލާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެ ސްކޫލްގެ ޝިއާރަކީ "ގައުމަށް ފައިދާކުރުވަނިވި އުޖާލާ މުސްތަގުބަލެއް ބިނާކުރުން" އެވެ.

ޑރ. އަޝްރަފް ވަނީ ގައުމަށް ފައިދާވާނީ ކޮން ގޮތަކަށް އަމަލުކުރުމުންތޯ ދަރިވަރުންނާ ސުވާލުކުރައްވާފައެވެ.

އެގޮތުން އުޖާލާ މުސްތަގުބަލަކަށްޓަކައި ކޮންމެ މީހަކު ވަކި ވިސްނުމެއް ނުވަތަ ތިމާ ދެކޭގޮތް އިސްކުރުމުގެ ބަދަލުގައި ދީނާއި މިނިވަންކަމާއި ދިވެހި ބަސް އަދި ދިވެހީންގެ އާދަކާދަ އާއި ސަގާފަތް އިސްކުރުމަށް ޑރ. އަޝްރަފް ގޮވާލެއްވިއެވެ.

"އިމާރާތްތައް ވެއްޔާ މޮޑެވި ފުނޑުފުނޑުވެ ކިޔަވައިދޭނެ ސުކޫލެއް ނެތި، ސިއްހީ ނިޒާމެއް ނެތި އަދި ހުވަފަތް ވެފައިވާ އަންހެނުން އެބަ ތިބި އެތައް ގައުމެއްގަ. އަނބިން ގެއްލިފަ ތިބި ފިރިން އެބަތިބި، ބޭސް ކުރާނެ ބޭހެއް ނެތް، މައެއްގެ އަޅާލުމެއް ނުލިބިފަ ތިބި ދަރިން ތިބި ކިތައް ގައުމު އެބައޮތް ތޯ؟ ނަމުން ގައުމެއް،" އޭނާ ވިދާޅުވިއެވެ.

ޑރ. އަޝްރަފް ވިދާޅުވީ އެ ގައުމުތައް ފަދައިން ރާއްޖެ ވީރާނާވާން ނޭދޭނަމަ ކުރިން ދެންނެވި ގައުމިއްޔަތުގެ ހަތަރު އަސާސުގެ ބޭނުން ހެޔޮގޮތުގައި ހިފާ މުސްތަޤުބަލު އުޖާލާކުރަން އެންމެން ވެސް މަސައްކަތް ކުރަންވާނެކަމަށެވެ.

comment ކޮމެންޓް