އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ހާހެއްހާމީހުން މަރުވެ އެތަށްސަތޭކަ ބަޔަކު ޒަޚަމްވެއްޖެ

އަފްޣާނިސްތާނަށް އައި ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓިފައިވާ ސަރަހައްދެއް

ކާބުލް (22 ޖޫން 2022): އަފްޣާނިސްތާނުގެ އިރުދެކުނުގެ ސަރަހައްދުތަކަށް އިއްޔެ އައި ބިންހެލުމުގައި ހާހެއްހާ މީހުން މަރުވެ 700 އެއްހާ މީހުން ޒަޚަމްވެފައިވާކަމަށް އަފްޣާން ސަރުކާރުން ބުނެފިއެވެ.

ކާރިސާތަކާބެހޭ އަފްޣާން އެޖެންސީ އާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން އިއްޔެގެ ބިންހެލުމުގައި މަރުވިކަން ކަށަވަރުވެފައިވާ މީހުންގެ އަދަދުވަނީ 980 އަށް އަރާފައެވެ. އަދި ޒަޚަމްވި ކަމަށް ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު އުޅެނީ 700 އިން މަތީގައެވެ.

ކާރިސާތަކާބެހޭ އަފްޣާން އެޖެންސީ ގެ ވެރިޔާ މުހައްމަދު ނަސީމު ހައްގާނީ ވިދާޅުވިގޮތުގައި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ އަފްޣާނިސްތާނުގެ އިރުދެކުނުގެ ދެ ސްޓޭޓް ކަމަށްވާ ބެކްތިކާ އާއި ޚޯސްތު އަށެވެ. ނަމަވެސް ނަންގަހާރު ސްޓޭޓަށްވެސް އޭގެ އަސަރުކޮށްފައިވެއެވެ.

ދުނިޔޭއަށް އަންނަ ބިންހެލުންތައް ދިރާސާކުރާ އެމެރިކާގެ ސެއިސްމޮލޮޖިކަލް އިންސްޓިޓިއުޓް ބުނާގޮތުން އިއްޔެ އަފްޣާނިސްތާނުގެ އިރުދެކުނުގެ ސަރަހައްދުތަކަށް ދެ ބިން ހެލުމެއް އައިސްފައިވެއެވެ. ފުރަތަމަ ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 5.9 މިނުގެ ބާރުމިނުގައެވެ. ދެވަނަ ބިންހެލުން އައީ ރެކްޓާ މިންގަނޑުން 4.5 ގެ ބާރު މިނުގައެވެ.

މީގެތެރެއިން އެއްބިންހެލުން އައިސްފައިވަނީ ބިމުގެ އަޑިން 51 ކިލޯމީޓަރު ފުނަށެވެ. އަނެއް ބިންހެލުން އައިސްފައިވަނީ ބިމުގެ އަޑިން 10 ކިލޯމީޓަރު ފުނަށެވެ. ބާރުގަދަ ބިންހެލުންތަކުގެ ގޮތުގައި އާންމު ގޮތެއްގައި ބަލަނީ ރެކްޓާ މިންގަނޑުން 7 އަށްވުރެ ބާރުމިނުގައި އަންނަ ބިންހެލުންތަކަށެވެ.

އަފްޣާނިސްތާނުގެ އިރުދެކުނުގެ ސަރަހައްދުތަކަކީ ޕާކިސްތާނުގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ ތަންތަނެވެ. މިއީ އަފްޣާނިސްތާނުގެ ވަރަށް ފަގީރު ސަރަހައްދުތަކެކެވެ. އެތަންތަނުގައި ގިނަ ބަޔަކު ގެދޮރު ބިނާކޮށްފައިވަނީ ކިސަޑުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކުގައިވާ އާންމުންގެ ގެދޮރާއި އެނޫން އިމާރަތްތައްވަނީ މުޅިން ކަހަލަގޮތަކަށް ވެއްޓި ބިމާހަމަވެފައެވެ. ވެއްޓިފައިވާ ގެތަކާއި އިމާރަތްތަކުގެ ދަށުގައި އެތަށްބަޔަކު ވާނެކަމަށް ބެލެވިފައިވާތީ މިކާރިސާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު އިތުރުވާނެކަމަށް އަފްޣާން މަސްއޫލުވެރިން ލަފާކުރައްވައެވެ.

އިއްޔެ އަފްޣާނިސްތާނުގެ އިރުދެކުނުގެ ސަރަހައްދުތަކަށް އައި ބިންހެލުމުގެ އަސަރު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށްވެސް ކުރިކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ބިންހެލުމުގެ ސަބަބުން މީހުންނަށް ގެއްލުން ލިބުނުކަން ޕާކިސްތާނުން ހާމަކޮށްފައެއް ނުވެއެވެ.

އަފްޣާން ސަރުކާރުންވަނީ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ ކަންތައް ކުރިޔަށްދާކަމަށް ބުނެފައެވެ. އަދި ހާލުގައި ޖެހިފައިވާ މީހުން ތިބި ސަރަހައްދުތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަފްޣާން ސަރުކާރުންވަނީ އިންސާނީ އެހީދޭ ޖަމްއިއްޔާތަކަށްވެސް އިލްތިމާސް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު