އިމިގްރޭޝަންގެ ތާރީޚުގައިވެސް އެންމެ ބުރަ ދުވަސްތައް، ޕާސްޕޯޓަށް 17،000 ފޯމު

ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑު އެމިގްރޭޝަން -- ފޮޓޯ: ޕީއެސްއެމް

މި ދުވަސްކޮޅު ޕާސްޕޯޓު ހައްދަން ފޯމް ހުށަހަޅާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވެ، އިމިގްރޭޝަން ޑިޕާޓްމެންޓުގެ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ޑިޕާޓްމެންޓުން ބުނެފިއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް މިފްތާހު މުޙައްމަދު މިއަދު "ސަން"އަށް ވިދާޅުވީ މިއަހަރުގެ މާޗު މަހުން ފެށިގެން އެ ޑިޕާޓްމެންޓުގެ ވޯކްލޯޑު ބޮޑުވާކަން ފާހަގަވެފައިވާ ކަމަށާއި މިދިޔަ މަހު އެކަނިވެސް ޕާސްޕޯޓު ހައްދަން 17،000 އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

"މިހާރު އޮތް ވޯކްލޯޑެއް މީގެ ކުރިން އެއްވެސް އިރެއްގަ ނެތް، އެއީ ތެދެއް. ބުރަ މަސައްކަތްތަކެއް ކުރެވިގެން ދަނީ މިކަން ލުއިކޮށް ވީހާވެސް އަވަހަކަށް ޕާސްޕޯޓު އިޝޫ ކުރުމަށް،" އޭނާ ވިދާޅުވިއެވެ.

މިފްތާހު އިތުރަށް ވިދާޅުވީ މިހާރު ދުވާލެއްގެ މައްޗަށް 800 ޕާސްޕޯޓު ހަދަން ޖެހޭ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މީހުންނަށް ޕާސްޕޯޓު ދިނުމަށް ޓަކައި، އިމިގްރޭޝަން ޑިޕާޓްމެންޓުގެ އެހެން ސެކްޝަންތަކުގެ މުވައްޒަފުން ވެސް ޕާސްޕޯޓު ސެކްޝަނަށް ބަދަލުކޮށް މަސައްކަތުގެ ވަގުތުވެސް އިތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އާންމުކޮށް އިމިގްރޭޝަންގެ މަސައްކަތްތައް ރަސްމީކޮށް ފެށޭ ގަޑިއަކީ 8:30އިން 15:00އަށް ވާއިރު ވޯކްލޯޑުގެ ސަބަބުން މިހާރު ޕާސްޕޯޓު ހެދުމުގެ މަސައްކަތް ރޭގަނޑު 9:30އާ ހަމައަށް ކުރެއެވެ. ނަމަވެސް ރަސްމީ މަސައްކަތްތައް އަދިވެސް ކުރާނީ މެންދުރުފަހު 15:00އާ ހަމައަށެވެ.

މިފްތާހު ވިދާޅުވީ މީގެ ކުރިން ދެ ދުވަސް ތެރޭގައި ޕާސްޕޯޓު އިޝޫ ކުރެވޭ ނަމަވެސް މިހާރު މަސައްކަތްތައް އިތުރުވުމުގެ ސަބަބުން ޕާސްޕޯޓު ހަވާލު ކުރެވެނީ ހަތަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

މުސްތަގުބަލުގައި ޕާސްޕޯޓު ހެދުމުގެ ޚިދުމަތް އަވަސް ކުރުމަށް ޕާސްޕޯޓު ޕޯޓަލްއަށް ބަދަލުތަކެއް ގެންނަން އިމިގްރޭޝަން ޑިޕާޓްމެންޓުން މިހާރު ވަނީ ނިންމާފައެވެ.

މިވަގުތު ޕާސްޕޯޓު އައު ކުރުމަށާއި ޕާސްޕޯޓު ހެއްދުމަށް "އިމުގާ" މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުނު ނަމަވެސް ފޯމު ހުށަހެޅުމަށް މެނުއަލް ބައެއް ކަންކަަން ކުރަން ޖެހެއެވެ. އެގޮތުން ޕޯޓަލްއަށް ފޯމް ހުށަހަޅަން ޖެހެނީ ފޯމު ޕްރިންޓުކޮށް، މައުލޫމާތުތައް ފުރިހަމަކޮށް، ސްކޭންކުރުމަށް ފަހުގައެވެ.

މިކަމަށް ހައްލެއް ގެނެސް އެފްލިކޭޝަންތައް ރިޖެކްޓްވާ ވަރު މަދުކުރަން ޓެކްނިކަލް ޓީމާ އެކު މަސައްކަތްތަކެއްކޮށް، އެޕްލިކޭޝަން ހުށަހަޅާ އިރު ފޮޓޯ ރަނގަޅު ނޫން ނަމަ އެކަން ވަގުތުން އެނގޭނެ ގޮތްތައް ހެދުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

"ޕާސްޕޯޓުގެ ޚިދުމަތް އަވަސްކުރަން ކުރެވޭ މަސައްކަތަކަށް ފަހު ޕީޑީއެފް ފައިލް އަލުން އަޕްލޯޑު ކުރުމުގެ ބަދަލުގައި އޮންލައިންކޮށް ފޯމު ފުރާލެވޭނެ. އެންމެ ބޮޑަށް ދިމާވަނި ފޮޓޯގެ މައްސަލަ. އެހެންވީމަ ފޮޓޯ ރަނގަޅު ނޫނަސް އޭރުން ވަގުތުން އެނގޭނެ. ޕާސްޕޯޓުގައި އޮންނަ ސޮއި ވެސް ގަނޑެއްގައި ސޮއި ކުރުމަށް ފަހު ފޮޓޯ ނަގާފައި އަޕްލޯޑް ކޮށްލެވޭނެ،" މިފްތާހު ވިދާޅުވިއެވެ.

މިހާރުވެސް ޕާސްޕޯޓު ހައްދަން ހުށަހަޅަނީ އެ ދުވަހުން ދުވަހަށް ޕާސްޕޯޓު ބޭނުންވެގެން ކަމަށާއި އިމިގްރޭޝަންގެ އަމާޒަކީ ވެސް އެއް ދުވަސްތެރޭގައި ޕާސްޕޯޓު އިޝޫ ކުރުން ކަމަށް މިފްތާހު ވިދާޅުވިއެވެ. އަދި މިހާރުވެސް ދުވާލެއްގެ މައްޗަށް 500އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް