ޔޯގާ ޑޭ ފާހަގަކުރަމުން ދަނިކޮށް ބަޔަކު ގަލޮޅުދަނޑަށް ވަދެގަނެ، އެކަން ހުއްޓުވައިފި

ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ބަޔަކު ގަލޮޅުދަނޑަށް ވަދެ ހަމަނުޖެހުން ހިންގާ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް

މިއަހަރު ފާހަގަކުރާ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ގަލޮޅުދަނޑުގައި ފާހަގަކުރަމުން ދަނިކޮށް ބަޔަކު ދަނޑަށް ވަދެ އެ ހަރަކާތައް ހުރަސްއަޅައި ހުއްޓުވައިފިއެވެ.

މިއަދު ހެނދުނު 6:30 ގައި ޔޯގާ ދުވަހުގެ ހަރަކާތްތައް ގަލޮޅުދަނޑުގައި ފެށިއިރު ބަޔަކު އެތަނަށް ވަދެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރީ އޭރު ދަނޑުގައި ތިބި މީހުން ޔޯގާ ހަދަން ތިއްބައެވެ.

ގަލޮޅުދަނޑަށް ވަދެ އަޑުގަދަ ކުރިއިރު އެމީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އޭރު ޔޯގާ ހަދަން ދަނޑުގައި ތިބި މީހުން އެތަން ދޫކޮށް ދިއުމަށް އިންޒާރުދިނެވެ.

އެންމެ ފުރަތަމަ އެ މީހުން ހަމަނުޖެހުންން އުފައްދަން މަސައްކަތް ކުރިއިރު އެ ސަރަޚައްދުގައި ތިބީ ހައެއްކަ ފުލުހުންނެވެ. އެ ފުލުހުން އެކަން ހުއްޓުވާފައި ވަނީ ޕެޕާސްޕްރޭ ބޭނުން ކޮށްގެންނެވެ.

ޔޯގާ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އިލްމުވެރިންގެ ގުޅުމުން ވެސް އިއްޔެ ވަނީ އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި އެ ޖަމިއްޔާއިން ވަނީ ޔޯގާއަކީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނާއި ޚިލާފަށް ކުރެވޭ ނުރައްކާތެރިކަމެއް ކަމަށް ބުނެފައެވެ. އަދި މިއަދު ޔޯގާ ޑޭ ފާހަގަކުރުމަށް ހިންގޭ ހަރަކާތްތައް ހުއްޓުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ވެސް އެ ޖަމިއްޔާއިން ވަނީ މިނިސްޓްރީގައި އެދިފައެވެ.

މިއަހަރު އެންމެ ފުރަތަމަ ޔޯގާ ދުވަސް ފާހަގަކުރަން ނިންމީވެސް ރަސްފަންނުގައެވެ. ނަމަވެސް ގިނަ ބައެއްގެ ޝަކުވާ އަންނަ ކަމަށް ބުނެ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެ ހަރަކާތައް ރަސްފަންނު ނުދޭން ނިންމާފައެވެ.

މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ޔޯގާ ދުވަހުގެ ހަރަކާތް ގަލޮޅުދަނޑުގައި ބާއްވާ ގޮތަށް ނިންމީއެވެ.

ދީނާ ހިލާފު ކަމެއް ކަމަށް ބުނެ ޔޯގާ ދުވަސް ފާހަގަ ކުރުން ހުއްޓުވިއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެ ދުވަސް މާލޭގައި ފާހަގަ ކުރިއެވެ. އެފަހަރު ވެސް ފާހަގަ ކުރީ އިންޑިއަން ކަލްޗާ ސެންޓަރާއި ދިވެހި ސަރުކާރާ ގުޅިގެންނެވެ. އޭރު އެ ހަރަކާތަށް އެއްވެސް ބަޔަކު ހުރަހެއް ނާޅައެވެ.

comment ކޮމެންޓް