ޑރ. އިޔާޒްގެ ވަޒީފާ އަނބުރާ ދިނުމަށް ޓްރައިބިއުނަލްއިން އަމުރުކޮށްފި

ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފް ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ނިންމާ އެ ވަޒީފާ އޭނާއަށް އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

ޑރ. އިޔާޒް މިއަދު "ސަން"އަށް ވިދާޅުވީ އެ ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ ހަތް ދުވަސް ތެރޭ ވަޒީފާ އަލުން ދިނުމަށް ކަމަށެވެ.

ޑރ. އިޔާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އޭރު އެމްއެންޔޫއިން ބުނީ އޭނާގެ ޕޯސްޓުތަކާ ގުޅިގެން ތިން ފަހަރު އިންޒާރު ދީ، ދެ ފަހަރު ލިޔުމުން އިންޒާރު ދީފައިވާ ކަމަށެވެ.

އޭގެ ކުރިން ޑރ. އިޔާޒް ވަނީ ހަމަ އެ ފަދަ މައްސަލައެއްގައި ވަޒީފާއިން ސަސްޕެންޑު ވެސް ކޮށްފައެވެ. އޭނާ މަގާމުން ވަކިކުރީ ސަސްޕެންޝަނުގެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައި ވަނިކޮށެވެ. މި އަހަރުގެ އޭޕްރީލް މަހު ޓްރައިބިއުނަލުން ވަނީ އެ މައްސަލަ ވެސް ޑރ. އިޔާޒާ އެއްކޮޅަށް ނިންމާފައެވެ.

ޑރ. އިޔާޒް ވަކިކުރުމަށް އެމްއެންޔޫއިން ނިންމީ އަންހެނުން ޚިތާނުކުރުމުގެ މައުޟޫއަށް ލިޔެފައިވާ ލިޔުމެއް ޓްވީޓުކުރެއްވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އޭގެ ފަހުން އޭނާ ވަނީ އަންހެނުން ޚިތާނުކުރުމަކީ ބާރުދޭ ކަމެއް ނޫންކަމަށް ވިދާޅުވެ، ބަޔާނެއް ވެސް ނެރުއްވާފައެވެ.

comment ކޮމެންޓް