ސަޢޫދީ އަރަބިޔާއަށް ޒިޔާރަތް ކުރައްވަނީ ޖަމާލު ޚާޝުގްޖީގެ މަރުގެ ޖަރީމާގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވޭ އެގައުމުގެ ވަލީއުލް އަހްދުއާ ބައްދަލުކުރަން ނޫންކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި ވަރަށް އަނިޔާވެރިގޮތަކަށް ޚާޝުގްޖީ މަރާލުމުގެ ފަހަތުގައި ހުންނެވީ ސައޫދީ ރަސްކަމުގެ ދަރުބާރުގައި އެންމެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ވަލިއުލްއަހްދު މުޙައްމަދު ބިން ސަލްމާން ކަމަށް ގަބޫލު ކުރައްވާ ކަމަށް ކުރިން ބައިޑެން ވަނީ ވިދާޅުވެފައެވެ.
އެޖަރީމާއާ ގުޅޭގޮތުން އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ)އިން ކުރި ތަހްގީގުން އެކަން ހާމަވާކަން އެމެރިކާގެ ނޫސްތަކުން އެދުވަސްވަރު ބުނެފައިވެއެވެ. އަދި ސީއައިއޭގެ ކުރީގެ ވެރިޔާވެސް އެކަމަށް ނުސީދާ ގޮތެއްގައި އިޝާރާތް ކުރައްވާފައިވެއެވެ.
މިމައްސަލާގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މައިތިރި ސިޔާސަތެއް ގެންގުޅުނު ނަމަވެސް ބައިޑެންގެ ސަރުކާރުން މިކަމުގައި ގެންގުޅެނީ ހަރުކަށި ސިޔާސަތެކެވެ. އެމެރިކާގެ ރައީސް ކަމަށް ކުރެއްވި ކޭންޕޭންގައި ބައިޑެން ވަނީ ޚާޝުގްޖީގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ ވެރިކަމެއްގައި ސައޫދީ ވަލީއުލްއަހްދު މުޙައްމަދު ބިން ސަލްމާންއާ ބައްދަލު ނުކުރައްވާނެކަމާއި ބިން ސަލްމާން އެކަހެރި ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މިޖަރީމާގެ ހަގީގަތް ސައޫދީ ސަރުކާރުން ފޮރުވާތީ އޭނާގެ ވެރިކަމެއްގައި ސައޫދީ ސަރުކާރާއެކުވެސް ބާއްވާނީ ކުރިން ބާއްވަމުން ގެންދިޔަ ފަަދަ ގާތްގުޅުންތަކެއް ނޫންކަމާއި ދުރުކަމެއް ގެންގުޅޭނެކަމާއި ސައޫދީ އެކަހެރި ކުރުން ނިމުމަކަށް ގެނެވޭނީ ޚާޝުގްޖީގެ އާއިލާއަށް އިންސާފު ލިބުމުންކަމަށް ބައިޑެންވަނީ ރިޔާސީ ކޭންޕޭންގައި ވިދާޅުވެފައެވެ.
ބައިޑެން އެމެރިކާގެ ރައީސްކަމަށް ވަޑައިގަތުމަށްފަހު ކަން ކުރައްވަމުން ގެންދަވަނީވެސް މިގޮތަށެވެ. ސައޫދީއާ ގާތް ވުމުގެ ސިޔާސަތެއް ނުގެންގުޅުއްވައެވެ. ގެންގުޅުއްވަނީ ސައޫދީއާ ޑިސްޓެންސެއް ބޭއްވުމުގެ ސިޔާސަތެކެވެ. އަދި މިހާތަނަށް ސައޫދީ އިސް މަސްއޫލުވެރިއަކާ ބައިޑެން ބައްދަލުކުރައްވާފައެއްވެސް ނުވެއެވެ.
ނަމަވެސް މިދިޔަ ހަފްތާގައި ވައިޓް ހައުސްއިންވަނީ އަންނަ ޖުލައިމަހު ބައިޑެން ސައޫދީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމެވިކަމާއި މިދަތުރުފުޅުގައި ބައިޑެން ސައޫދީ ރަސްގެފާނާއި އެގައުމުގެ ވަލީއުލްއަހްދާ ބައްދަލުކުރައްވާނެކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. ބައިޑެން ސައޫދީއަށް ވަޑައިގަންނަވަނީ ދެކަމަކާ ގުޅިގެންނެވެ.
ފުރަތަމަ ކަމަކީ ދުނިޔޭގެ ބާޒަރުގައި ތެލުގެ އަގު ބޮޑުވުމުން އެމެރިކާގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސައޫދީން އިތުުރު ތެޔޮ ބާޒާރަށް ނެރުމަށް ސައޫދީ މަސްއޫލުވެރިންނަށް ބާރު އެޅުއްވުމެވެ. ދެވަނަ ކަމަކީ އީރާން ނިއުކްލިޔާ ބާރެއްގެ ގޮތުގައި ނުކުންނަމުންދާ މައްސަލައަކީ އެމެރިކާގެ އިތުރުން ސައޫދީއަށާއި ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްރާއީލަށްވެސް ނުރައްކާވާނެ ކަމަކަށްވެފައި މިއީ މިތިން ގައުމުގެ މަސްލަހަތު ގުޅިފައިވާ ކަމަކަށްވާތީ އީރާން މައިތިރި ކުރެވޭނެ ގޮތަކާ ބެހޭގޮތުން ސައޫދީގެ އެއްބާރުލުން ހޯއްދެވުމެވެ. ބައިޑެން އިސްރާއީލަށްވެސް ވަޑައިގަންނަވަނީ އީރާނާ ބެހޭގޮތުން ވާހަކަ ދެއްކުމަށެވެ.
ވައިޓް ހައުސްގެ ބަޔާނާއެކު ސައޫދީ ރަސްކަމުގެ ދީވާނުންވެސްވަނީ އަންނަ ޖުލައި 15އިން 16އަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައޫދީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަމާއި އެދަތުރުފުޅުގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއުލްއަހްދު މުޙައްމަދު ބިން ސަލްމާން ބައިޑެންއާ ބައްދަލުކުރައްވާނެކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.
މިކަމާގުޅިގެން އެމެރިކާގެ އެތެރެއިންވަނީ ބައިޑެންއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މިމައްސަލާގައި ބައިޑެންއާ ދެކޮޅަށް ނުރުހުން ފާޅުކުރާ ފަރާތްތަކުން ވަނީ ބައިޑެން ބިން ސަލްމާންއާ ބައްދަލުކުރެއްވުމަކީ އެމެރިކާގެ ރައްޔިތުންނަށް އޭނާ ވެވަޑައިގެންނެވި ރިޔާސީ ވައުދާ މުޅިން ޚިލާފުކަމެއްކަމަށް ބުނެފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އެ ޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެކަމާ ނުރުހުން ފާޅުކުރަމުންދާ މީހުންނަށް އިއްޔެ ބައިޑެންވަނީ ރައްދު ދެއްވާފައެވެ.
ބައިޑެން މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް އަންނަ ޖުލައި މަހު ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާއިރު، ސަޢޫދީ ޢަރަބިއްޔާގެ އިތުރުން އިސްރާޢީލަށް ވެސް އޭނާ ވަޑައިގަންނަވާނެއެވެ. ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަމުން ބައިޑެން ވިދާޅުވީ، އޭނާ ސަޢޫދީއަށް ކުރައްވާ ދަތުރުފުޅަކީ ސައޫދީގެ އިތުރުން އިސްރާއީލާއި ފަލަސްތީނުވެސް ހިމެނޭގޮތަށް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅެއްކަމުގައެވެ.
ބައިޑެން ވިދާޅުވެފައިވާ ގޮތުގައި ސައޫދީއަށް ކުރައްވާ ދަތުރުފުޅުގައި އޭނާ ރަސްމީކޮށް ބައްދަލުކުރައްވާނީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުއާއެވެ. ސަލްމާން ރަސްގެފާނާ ބައްދަލުކުރައްވާއިރު ސަޢޫދީ ވަލީއަޙުދު މުހައްމަދު ބިން ސަލްމާން އިންނެވުމަކީ އޭނާއާ ވަކިން ބައްދަލުކުރެއްވުން ކަމުގައި ގަބޫލު ނުކުރައްވާ ކަމަށާއި އެހެންކަމުން އެއީ ވައުދާ ޚިލާފުވުން ނޫންކަމަށް ބައިޑެންވަނީ ވިދާޅުވެފައެވެ.
ބައިޑެން ސަޢޫދީއަށް ވަޑައިގެން ސަލްމާން ރަސްގެފާނާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބާއްވާއިރު ސަލްމާން ރަސްގެފާނުގައި އަރިހުގައި ސައޫދީ ވަލީއަޙުދު މުހައްމަދު ބިން ސަލްމާން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި މިބައްދަލުކުރެއްވުމުގައި ބައިޑެން، ބިން ސަލްމާން އާ ވަހަކަދައްކަވަން މަޖުބޫރުވާނެތީ އެކަން ކުރައްވާނެކަމަށްވެސް ވަނީ ބެލެވިފައެވެ.
ޚާޝުގްޖީގެ މަރުގެ ޖަރީމާއަށްފަހު ބިންސަލްމާން އުޅުއްވަނީ އެކަހެރި ގޮތެއްގައެވެ. އެޖަރީމާއަށްފަހު ބިންސަލްމާން އެމެރިކާއަށް ޒިޔާރަތް ކުރައްވާފައި ނުވާއިރު އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައި އޮންނަ ޔޫރަޕްގެ ގައުމަކަށްވެސް ބިން ސަލްމާން ޒިޔާރަތް ކުރައްވާފައެއް ނުވެއެވެ.
ނަމަވެސް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ލީޑަރުން ވަނީ ސައޫދީއަށް ވަޑައިގެން ބިންސަލްމާންއާ ބައްދަލުކުރައްވާފައެވެ.
ބައިޑެން ބިން ސަލްމާންއާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުން ސައޫދީ އާއި އެމެރިކާގެ ގުޅުންތައްވަނީ ހީނަރުވެފައެވެ. ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ތެޔު އެކްސްޕޯޓް ކުރާ މިންވަރު އިތުރުކޮށްދިނުމަށް ސައޫދީގެ ކިބައިން ބައިޑެން ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް އެކަމަށް އިޖާބަ ދިނުމަށް ސަޢޫދީ ސަރުކާރުވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ.
ތެލުގެ އަގު ބޮޑުވުމުން އެމެރިކާގައި ތަކެތީގެ އަގުތައް ބޮޑުވެ އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ގެއްލުން އެމެރިކާއަށް ވަމުންދާއިރު ތެލުގެ އަގު ބޮޑުވުމުން ސައޫދީއަށް ދަނީ އިތުުރު އާމްދަނީގެ ގޮތުގައި އެތައް ބިލިޔަން ޑޮލަރެއް ލިބެމުންނެވެ. މިކަމުގެ ސަބަބުން ސައޫދީއަށްވަނީ ބޮޑު ތަނަވަސްކަމެއް ލިބިފައެވެ.
އަދި ސައޫދީ ސަރުކާރު ފަހަތުގައި އޮވެގެން ބައިޑެންއަށް ޖޯކު ޖަހައި ބައިޑެންއަކީ ފިޓު ނޫން (ހަންޓޯޓޯވެފައިވާ މުސްކުޅި އެއްކަން) ދޭހަވާގޮތަށް މަލާމަތާއި ފުރައްސާރަ ކުރުމުގެ ވީޑިއޯ ތަކެއްވެސް ދާދިފަހުންވަނީ ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައެވެ.
ބައިޑެންއަށް ބިންސަލްމާންގެ މައްސަލަ ހައްސާސް ވެފައިވަނީ ކުރިއަށް އޮތީ އެމެރިކާގެ ކޮންގްރެސް މިޑްޓާމް އިންތިޚާބު ކަމަށްވެފައި ބިންސަލްމާންއާ ބައްދަލުކުރައްވައިގެން ރިޔާސީ ވައުދާ ޚިލާފު ވެއްޖެނަމަ އެއިންތިޚާބުގައި އޭނާގެ ޑިމޮކްރެޓިކް ޕާޓީއަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރާ ގުޅިގެންނެވެ.