"ތަރިކަ މުދާ ބަހާއިރު، ގިނަ ހާލަތްތަކުގައި އަންހެނުންނަށް ލިބޭ މިންވަރު އިތުރު"

އިސްލާމީ މަރުކަޒު --- ސަން ފައިލް ފޮޓޯ

ތަރިކަ މުދާ ބެހުމުގައި، ގިނަ ހާލަތްތަކުގައި އަންހެނުންނަށް ލިބޭ މިންވަރު އިތުރުކަން ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ 'ވާރުތަ މުދަލަށް ރައްކާތެރިވުން' މި މައުޟޫއަށް ޚާއްޞަކޮށްފިއެވެ.

ޚުތުބާގައި ބުނީ މީހަކު މަރުވުމުން އޭނާ ދޫކޮށްފައިދާ މުދަލަކީ، އެ ބަހާނެ އުސޫލުތަކާއި ގަވާއިދުތައް މާތްﷲ ކަނޑައަޅުއްވާފައިވާ ކަމެއް ކަމަށެވެ. ތަރިކަ މުދާ ބަހަންވީ ގޮތުގެ ތަފްސީލު ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ ކަމަށް ޚުޠުބާގައި ބުންޏެވެ.

ތަރިކަ މުދާ ބެހުމަކީ ހެޔޮކަމުގެ ގޮތުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ މާތް ﷲ ފަރުޟު ކުރައްވާފައިވާ އެއްޗެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، މުސްލިމުންނާ ދުޝްމަނުން، އިސްލާމް ދީނުގެ ބުރުސޫރު ހުތުރު ކުރުމަށްޓަކައި ތަފާތު ވާހަކަ ފަތުރާ ކަމަށެވެ.

"އިސްލާމްދީނުގެ ދުޝްމަނުން ކުރާ ބާތިލު ދައުވާތަކުގެ ތެރޭގައި، ތަރިކަމުދާ ބެހުމުގައި، އިސްލާމްދީން އަންހެނުން ނިކަމެތި ކޮށްލާފައިވާ ވާހަކައަކީ، ދޭތެރެ ދޭތެރެއިން ތިލަކުރާ ވާހަކައެެއް،" ޚުޠުބާގައި ބުންޏެވެ.

ތަރިކަމުދާ ބެހުމުގައި އަންހެނުން ނިކަމެތި ކޮށްނުލާ ކަމުގެ ދަލީލަކަށް ޚުޠުބާގައި ބުނީ ތަރިކަ މުދަލުން، ފިރިހެނުންނަށް ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ލިބެނީ އެންމެ ހަތަރު ހާލަތުގައި ކަމަށެވެ.

އެއާ ޚިލާފަށް މާ ގިނަ ހާލަތްތަކުގައި ފިރިހެނުންނަށް ލިބޭ މިންވަރަށް އަންހެނުންނަށް ލިބޭނެކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން، ދިހަވަރަކަށް ހާލަތުގައި ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް ތަރިކަމުދަލުން ލިބޭނެ ކަމަށާއި ތިރީހަކަށް ހާލަތުގައި، ފިރިހެނާއާއި އަންހެނާއަށް ލިބޭ މިންވަރު އެއްވަރުވެ، ނުވަތަ އަންހެނާއަށް ލިބޭ މިންވަރު އިތުރުވެ، ނުވަތަ އަންހެނާއަށް ލިބި، ފިރިހެނާއަށް ނުލިބޭ ހާލަތްތައް ވާކަމަށް ޚުޠުބާގައި ބުންޏެވެ.

ތަރިކަމުދާ ބަހާނީ، މައްޔިތާ ދުނިޔެ ދޫކުރުމުން، އޭނާގެ ކަށުކަމާކެމީގެ ކަންތައް ކޮށް، ދަރަނިތައް އަދާ ކުރުމަށްފަހުގައި ކަމަށް ހުތުބާގައި ބުންޏެވެ.

ތަރިކަމުދާ ބެހުން ލަސްކުރުމުން ދިމާވެދާނެ ނުރަނގަޅު ހާލަތްތައް ކިޔައިދެމުން ހުތުބާގައި ބުނީ، ވާރުތަވެރިޔާ ދޫކޮށްފައިދާ ތަރިކަމުދާ، މާތް ﷲ އަންގަވާފައިވާ ގޮތަށް ބެހުމަށް އަވަސްވެގަންނަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް