އިސްރާއީލާއި އިންޑިއާއަކާ ތަފާތެއް ނެތް: ރައީސް ޔާމީން

"މަގޭ ނަބިއްޔާ" ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މިއަދު އިސްރާއިލެކޭ އިންޑިއާއެކޭ ތަފާތެއް ނެތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި "ނަބިއްޔާގެ ދިފާއުގައި" ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަދު އިންޑިއާއިންކުރާ ކަންކަން އިސްރާއިލާ ހަމަހަމަކަމަށެވެ.

އިންޑިއާގެ މިއަދު ތުއްތުކުދިންނަށް ކިޔަވަދޭ ލަވަތަކާއި ފިލާވަޅުތަކުގައި މުސްލިމުންނަށް ނަފްރަތު އުފެއްދުމަށް ބޮޑު އިސްކަމެއް ދީފައިވާކަމަށާއި، އެ ކުދިންނަށް ކިޔައިދޭ ލަވަތަކުގައި މުސްލިމުންނަށް އިތުބާރުނުކުރުމަށް ކިޔައިދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިއަދު އިންޑިއާގައި މިހަނގަނީ ކީއްތޯ. އެ ގައުމުގައި މިހާރު އެންމެ ވަރުގަދައަށް ހިނގަނީ ޕޮޕް ލަވަތަކެއް. ހިންދުސްތާނުގެ ލަވަކިޔުންތެރިން. އެމީހުންގެ މުޅި ތީމުގަ މި އޮންނަނީ އިސްލާމުންނަށް އިތުބާރުނުކުރުމާއި، އިސްލާމުން ދާށޭ ޕާކިސްތާނަށް،" ރައީސް ޔާމީން ވިދާޅުވިއެވެ

އެމަނިކުފާނު ވިދާޅުވީ އެމީހުން ބުނާ ގޮތްގޮތަށް އަމަލުނުކުރާ މީހުން ގަތުލު އާމަކަށް ކުރިމަތިލާން އިންޑިއާގައި ގޮވާކަމަށެވެ. ފަލަސްތީން ވެސް ނިމިދިޔައީ އިސްރާއީލުގެ ފަރާތުން އެފަދަ ކަންކަން ކުރިމަތިވުމުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިކަމުގައި އެއްވެސް ތަފާތެއް ނެތެއް ނޫންތޯ. މިތަނުގައި [އިންޑިއާ]ގައި ވެސް ނަގައިދެނީ ހަަމަ މި ފިލާވަޅެއް ނޫންތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.

"މަގޭ ނަބިއްޔާ" ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށް ޑިމަކޮރަސީ ނޫން ވާހަކައެއް ދައްކާފައެއް ނެތްކަމަށެވެ. އެހެންނަމަވެސް އެ ޑިމަކޮރަސީ ތެރޭގައި ވެސް ވަކިކަހަލަ ހުދޫދެއް ނުވަތަ އިމެއް ވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެބައެއްގެ ދީނާއި ސަގާފަތާ ބެހުމަށް ހުއްދަ ދެވިގެންނުވާނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އައިފަހުން ފާޅުވި އެމްޑީއެން އާއި އުތެމާ ފަދަ ޖާމައަތްތަކަކީ އެ ފުރުސަތު ދެވުމުން ފާޅުވި ބައެއްކަމަށެވެ.

"އެއްވެސް މުޖުތަމެއްގެ ތެރޭގައި ބުއްދުވެރިއަކު ނުކުރާނެ ދެކަމެއް އޮވޭ. އެ ދެކަމަކީ އެބައެއްގެ ދީނާ ބެހުން. ދެވަނަ ކަމަކީ އެބައެއްގެ ސަގާފަތާބެހުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާޅަކީ އެއްމެ ފަހަރު ނަގާ އެއްޗެއް ނޫންކަމަށެވެ. އެއް ރާޅަށްފަހު އަނެއް ރާޅު ނެގުމަކީ ދުނިޔެ ދައްކާ ހަގީގަތްކަމަށެވެ. އެހެންކަމުން ރަސުލާއަށް ފުރައްސާރަކުރުމަކީ އެއްވެސް ދިވެއްސަކު އަދި މުސްލިމަކު ގަބޫލުކުރާނެކަމަށް ނުވާއިރު އެކަންކަމާ ކުރިމަތިލާން ދަސްކުރަންޖެހޭކަމަށް އެމަނިފާނު ވިދާޅުވިއެވެ.

"މަގޭ ނަބިއްޔާ" ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ރައީސް ޔާމީން ވިދާޅުވީ ހިންދޫ ދީނުގެ މީހުން ރަސޫލާއަށް ފުރައްސާރަކުރުމަކީ އިއްތިފާގެއް ނޫންކަމަށެވެ. އެމީހުންގެ ފަލްސަފާއަކީ ހިންދުސްތާނެއް ބިނާކުރުންކަމަށް ވާއިރު އެ ހިންދިސްތާނުގައި އުޅެންޖެހޭނީ ހިންދޫއިންކަމަށް އެމީހުން ގަބޫލުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހިންދުސްތާނަކީ ނަސޯރާއިން ހިންދޫން އަދި އެހެން ދީންތަކުގެ މީހުން އުޅޭ ތަނަކަށް ވީނަމަވެސް އެ މީހުން ވިސްނުމަކީ މިތަން އެބަޖެހެއޭ ތޯހިރުކުރަން. މިތަނުން ނަސްލެއް އެބަ ނައްތާލަންޖެހެއޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރަސޫލާގެ ދިފާއުގައި ރާއްޖޭގައި ތަފާތު އެކި ހަރާކަތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ދާދިފަހުން ރަސޫލާއަށް އޮތް ލޯބި ދައްކާލުމަށް މާލޭގައި ޒުވާނުން އިސްވެ ސައިކަލު ބުރެއް ބާއްވާފައެވެ.

ރަސޫލާގެ ދިފާއުގައި ނިކުންނަށް ޖެހުނީ އިންޑިއާގެ ބީޖޭޕީ ލީޑަރެއް ރަސޫލާއަށް ފާޅުގައި ފުރައްސާރަކުރުމާ ގުޅިގެންނެވެ.

އިންޑިއާގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން އެ ގައުމުގެ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރު ޝަރުމާ، ވަނީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން ވާހަކަ ދައްކައި، ފުރައްސާރަ ކުރުމުގެ އިތުރުން ކީރިތި ޤުރުއާނަށް މަލާމާތްކޮށްފައެވެ. އަދި އެ ޤުރުއާނާމެދު، މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާ ނަފުރަތު އުފެދޭ ޒާތުގެ ވާހަކަތައް ވެސް، މި ޓީވީ ޝޯގައި އޭނާ ދެއްކިއެވެ.

comment ކޮމެންޓް