ވީއޭއެމް އެސޯސިއޭޝަން ކަޕް: ގުޑީސްގެ މައްޗަށް ވެމްކޯއަށް އުނދަގޫ މޮޅެއް

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ކްލަބު ވެމްކޯއާއި ގުޑީސް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި މިރޭ ކުޅުނު މެޗުގައި ކްލަބު ވެމްކޯއިން ގުޑީސް ސްޕޯޓްސް ބަލިކޮށްފިއެވެ.

އެ މެޗު ވެމްކޯއިން ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުގެ ނަތީޖާއަކުންނެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކްލަބު އަތުން ތިން ސެޓުން ބަލިވެފައެވެ. އަދި ގުޑީސް އެންމެ ފަހުން ކުޅުނު މެޗުގައި ސްޕޯޓްސް ކްލަބް ސިޓީން ވަނީ ސީދާ ތިން ސެޓުން އެ ޓީމު ބަލިކޮށްފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދެވެރި މޮޅު ކުޅުމެކެވެ. މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު ވެމްކޯއިން ވަނީ ކާމިޔާބުކޮށްފައެވެ. އެ ސެޓު އެ ޓީމުން ގެންދިޔައީ 25-12 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

ނަމަވެސް ދެވަނަ ސެޓުގައި ގުޑީސްގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ އެ ސެޓު ކާމިޔާބުކޮށްފައެވެ. އެ ސެޓް ގުޑީސްއިން ކާމިޔާބުކުރީ 25-18ގެ ނަތީޖާއަކުންނެވެ.

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ކްލަބު ވެމްކޯއާއި ގުޑީސް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ފޯރިގަދަ އެ މެޗުގެ ތިން ވަނަ ސެޓު ކާމިޔާބުކުރީ ވެމްކޯއިންނެވެ. އެ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-20އިންނެވެ.

މެޗުގެ ތިން ވަނަ ސެޓުގައި ވޯމްކޯއިން ލީޑު ނަގައިގެން ކުޅެމުންދަނިކޮށް ފަހަތުން އަރައި ގުޑީސްއިން ވަނީ އެ ސެޓު 25-23 ގެ ނަތީޖާއަކުން ހޯދާފައެވެ.

މީގެ އިތުރުންް މެޗުގެ އެންމެ ފަހު ސެޓު 15-9ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވެމްކޯއިން މިރޭގެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ.

އެ މުބާރާތުގައި މާދަމާ ރޭ ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ރޭ 8:15ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކުލަބާއި، ސްޕޯޓްސް ކުލަބް ސިޓީއެވެ.

comment ކޮމެންޓް