މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓުން އެއްވެސް މީހަކު އުނިނުކޮށް ރައްޔިތުންނަށް ހާމަކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން "ވޮއިސް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި މީހުންގެ ފުރިހަމަ ލިސްޓު ރައްޔިތުންނާ ހިސާބަށް ނުފޯރާ ސަބަބާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އޭގެ ލިސްޓެއް އާންމުވާ ކޮންމެ ފަހަރަކީ ވެސް ތަފާތު ލިސްޓެއް ރައްޔިތުންނަށް ފެންނަ ފަހަރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިފަހަރު އެމްޑީޕީގެ ޗެއާއަށް ވާދަކުރިއިރު އެބޭފުޅުން އެބޭފުޅުންގެ ތެރޭގައި އަމިއްލައަށް އެވާހަކަ ގޮވީ. އެންމެ ކުޑަ މިނުން ރައްޔިތުންނަށް އެބަ ޖެހޭ އެމްއެމްޕީއާރުސީގެ ރިފްލެކްޓިވް ލިސްޓެއް ނުވަތަ ހަގީގީ ލިސްޓެއް ފެންނަން. ކީއްވެތޯ އެކަން ނުވެގެން އުޅެނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެ ހިޔާނާތުގައި އެންމެ ގިނައިން ބައިވެރިވެފައި ހުރީ ޕީޕީއެމް މީހުންކަން ނުވަތަ އެމްޑީޕީ މީހުންކަން ވެސް އެނގޭނީ ލިސްޓު ހާމަކުރުމުން ކަމަށާއި މި ސަރުކާރަށް އެކަން ހާމަކުރަން ފަސޭހަ ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އެމްއެމްޕީއާރުސީގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެ ވާހަކަ އެއްވެސް ފަރާތަކުން ނުދައްކަނީ ކީއްވެކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ މުއައްސަސާތަކާ އެކަން ބެލުމުގެ ހުއްދައާއި ބާރު އޮންނަ އެހެން ފަރާތަކަށް ވެސް އެ މައްސަލަ ބަލައި ތަހުގީގު ކުރަން މިއަދު ނުކުޅެދިފަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޕްރޮސިކިއުޓާ ޖެނެރަލް މިކަމަށް އިންކޭޕަބަލް، ޕޮލިސް ކޮމިޝަނާގެ ޒިންމާއެއް އެއީ މިފަދަ މައްސަލަތައް އަމިއްލައަށް އިސް ނަގައިގެން ބެލުން،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފުރިހަމަ އަދި އިންސާފުވެރި ތަހުގީގެއް ނުގެންދެވޭއިރު، ރާއްޖޭގައި އަދުލު އިންސާފުންދާ އެއްވެސް ކަމެއް އޮންނަ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"ބޮޑެތި ހިޔާނާތްތައް ތަހުގީގެއް ނުކުރެވޭ. ދެން އެކި ކަހަލަ ދައުވާތައް ކޮށްގެން އަޅުގަނޑުގެ ފަހަތުން ނުނެއްޓުމަކީ އަޅުގަނޑުގެ މައްސަލައެއް ނޫން. ކުުދިކުދި އުނދަގޫތައް ކުރިމަތިވޭ. އެކަމުވެސް ފަރުވާލެއް ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުވާތައް އުފުލަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ދަތިތަކެއް ކުރިމަތިކުރެއްވުމުގެ ގޮތުން ކަމަށް ސިފަކުރައްވާފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކުރާށެވެ. ނަމަވެސް އޭގެ ފަހުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، އެމަނިކުފާނު މިނިވަން ކުރަން އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިހާރު ދަނީ، ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ބާއްވަމުންނެވެ.