ދަރުސް އިންތިޒާމުކުރާ ފަރާތްތަކާއި، ދަރުސް ދިނުމަށް އެދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ހުއްދަ ހޯދުމުގެ އިންތިޒާމު ހަމަޖެހިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލް, 'ދަރުސް ޕޯޓަލް' އިފްތިތާހު ކޮށްފިއެވެ.
ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓްރީގެ ”ދަރުސް ޕޯޓަލް” އިފްތިތާހު ކޮށްދެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ދަރުސް ޕޯޓަލްގައި ރެޖިސްޓްރީކޮށް، ހުއްދައަށް އެދުމުން އެސްއެމްއެސްއެއް މެދުވެރިކޮށް ހުއްދަ ލިބުނުކަން ހުއްދައަށް އެދުނު ފަރާތަށް އެނގިގެންދާނެ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ދީނީ އިލްމުވެރިންނާއި ޖަމުއިއްޔާ ޖަމާއަތްތަކަށާއި، ކައުންސިލްތަކަށް ހުއްދައަށް އެދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދަރުސް ބޭއްވުމުގެ ހުއްދަ ހޯދުމަށްފަހު ހުއްދަ ދެވިފައިވާ ގޮތަށް، ދަރުސް ބޭއްވުނުކަން ނުވަތަ ނޫންކަން ޕޯޓަލް މެދުވެރިކޮށް އެންގުމުގެ އިންތިޒާމް ޕޯޓަލްތެރެއިން ވަނީ ހަމަޖެހިފައެވެ.
މީގެ ކުރިން ދަރުސް ދިނުމަށް ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންޖެހޭނީ ފޯމެއް މެދުވެރިކޮންނެވެ. ނަމަވެސް އެ ޕޯޓަލްއާއިއެކު ކުރިއަށްވުރެ ފަސޭހައިން ހުއްދައަށް އެދެވޭއިރު ފޯމެއް ހުށަހަޅަން ނުޖެހޭނެއެވެ.