މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ޝަހީމަށް ޝަރަފްވެރިކަމުގެ އެވޯޑެއް

ޑރ.މުޙައްމަދު ޝަޙީމް ޢަލީ ސަޢީދަށް ރޭ އެރުވުނު އެވޯޑާއެކު--ފޮޓޯ/ސޯޝަލް މީޑިއާ

މަދީނާގެ އިސްލާމިކް ޔުނިވާސިޓީއިން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދަށް އެ ޔުނިވާސިޓީގެ އިސްދަރިވަރުންނަށް އަރުވާ އެންމެ ޝަރަފުވެރި އެވޯޑު (ޖައިޒަތުލްޙިއްރީޖީނައްރުއްވާދު) އަރުވައިފިއެވެ.

މި އެވޯޑު ހަވާލުކޮށްފައިވަނީ ރޭ މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި އޮތް ޚާއްސަ ހަފްލާއެއްގައެވެ. ޑރ. ޝަހީމަށް އެވޯޑު ހަވާލުކޮށްދެއްވީ ސަލްމާން ރަސްގެފާނުގެ ދަރިކަލުން، މަދީނާގެ އަމީރު ފައިޞަލްބިން ސަލްމާނެވެ.

މި އެވޯޑުގެ އިތުރުން 50,000 ރިޔާލްގެ(204,906 ދިވެހި ރުފިޔާ) ފައިސާގެ އިނާމް ވެސް ވަނީ އަރުވާފައެވެ.

މި އެވޯޑަކީ އެ ޔުނިވާސިޓީން ގްރެޖުއޭޓުވުމަށްފަހު އެ ދަރިވަރަކު ކުރާ މަސައްކަތާއި ޤައުޟީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި އިލްމީ އަދި އިދާރީ ލީޑާޝިޕާއި އިޖުތިމާއީ ކަންކަމާއި އުފެއްދުންތެރި ވިސްނުމަށް ބަލައި އަރުވާ އެވޯޑެކެވެ.

ޑރ.މުޙައްމަދު ޝަޙީމް ޢަލީ ސަޢީދަށް ސަލްމާން ރަސްގެފާނުގެ ދަރިކަލުން މަދީނާގެ އަމީރު ފައިޞަލްބިން ސަލްމާން އެވޯޑު ހަވާލުކޯށްދެއްވަނީ --ފޮޓޯ/ސޯޝަލް މީޑިއާ

އެވޯޑާ ގުޅޭގޮތުން ޑރ ޝަހީމް ''ސަން'' އަށް ވިދާޅުވީ މިފަދަ އެވޯޑެއްލިބުމަކީ ވަރަށް އުފާވި ކަމެއް ކަމަށާއި މި އެވޯޑަކީ ރާއްޖެއަށް ލިބިގެންދިޔަ ރީތި ނަމެއް ކަމަށެވެ.

''ވަރަށް އުފާވި މިފަދަ އެވޯޑެއް ލިބުމުން. އަޅުގަނޑު ދެކެނީ މިއީ ރާއްޖެއަށް ލިބިގެން ދިޔަ އެވޯޑެއްކަމަށް. ރާއްޖެއަށް ލިބިގެންދިޔަ ރީތިނަމެއްގެ ގޮތުގައި . އެކަމާ އަޅުގަނޑު އުފާކުރަން،'' ސައުދީގައި ހުންނަވައި ޝަހީމް ވިދާޅުވިއެވެ.

އިތުރަށް ޝަހީމް ވިދާޅުވީ މިފަދަ ބޮޑު ހަފްލާއެއްގައި ރާއްޖޭގެ ނަން އިވުމުން ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވުނު ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ އެ ޔުނިވާސިޓީން ކިޔެވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި އެ ޔުނިވާސިޓިގެ އިތުރުން ސަޢުދީގެ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

ޝަހީމް ވިދާޅުވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ދަރިވަރުންނަށް އަރުވާ އެންމެ މަތީ އެވޯޑު(އަލިމްނި ޓޯކޯ އެވޯޑު) ވެސް އޭނާއަށް ލިބޭނެކަން އެ ޔުނިވާސިޓީގެ ރައީސް އިއުލާނު ކުރައްވާފައިވާ ކަމަށެވެ. އެ އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގައެވެ.

ރާއްޖޭން ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، ޝަހީމް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވާން ފެއްޓެވީ 2000 ވަނަ އަހަރުގައެވެ. ޝަހީމް ވަނީ ދިވެހި ރާއްޖެއާއި ޕާކިސްތާނާއި މިޞްރާއި ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މެލޭޝިޔާއިން ވެސް ތައުލީމު ހާސިލްކުރައްވާފައެވެ.

މިވަގުތު އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ޝަހީމް ވަނީ 2018 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައެވެ.

ޝަހީމް ވަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި އެ މިިނިސްޓްރީގެ މިނިސްޓަރުކަމާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑިބީ) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ގަވަރުނަރުކަމާއި، އެ ބޭންކުން ރާއްޖެއަށް ކަނޑައަޅާފައިހުންނަ ގަވަރުނަރުކަން ވެސް ކޮށްފައެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ އިތުރުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ މަޖިލީހުގެ މެމްބަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ވެސް އޭނާ ކުރެއްވިއެވެ.

މީގެ އިތުރުން ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް އޭނާ ކުރެއްވިއެވެ.

comment ކޮމެންޓް