ޕީޖީ ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގައި މަޖިލީހަށް ހުށަހަޅަނީ

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރަކު "ސަން"އަށް ވިދާޅުވީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އަންނަ ހަފުތާގެ ތެރޭގައި އަޅުގަނޑުމެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން،" އޭނާ ވިދާޅުވިއެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމި ނިންމުމާ ދެކޮޅަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހިމެނޭގޮތަށް 18 މެންބަރަކު ވަނީ މިދިޔަ ހޯމަ ދުވަހު ތެދުވެފައެވެ.

ޝަމީމް ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީ ޕީޖީން އެގޮތަށް ނިންމުމާއެކު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ވަނީ ޕީޖީ ޝަމީމްގެ ދިފާއުގައި ނިކުންނަވާނެ މަޖިލިސް މެންބަރުންގެ ލިސްޓެއް އާންމުކޮށްފައެވެ.

އެ ލިސްޓް ވަޓްސް އެޕް ގުރޫޕަށް ފޮނުއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސާން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ.

އެ ލިސްޓުގެ ދެވަނައަށް ނަން ޖެއްސެވީ ރައީސް ނަޝީދެވެ. ހަވީރު ފަހެއް ޖެހުމާ ހަމައަށް އެ ލިސްޓްގައި ވަނީ އެމްޑީޕީ ޕާލަމެޓްރީ ގްރޫޕްގެ 18 މެންބަރުންގެ ނަން ހިމަނުއްވާފައެވެ.

އެ ލިސްޓުގައި ތިއްބެވީ ރައީސް ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެކަންޏެވެ.

comment ކޮމެންޓް