ތަފާތު އެކި ދިރާސާތައް ހެދުމަށް ވިލާ ކޮލެޖާއި މާލޭ ވޯޓާ އެންޑް ސުވެރޭޖް ކޮންޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހުއެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ރެކްޓަރު ޑރ. އަޙުމަދު އަންވަރެވެ.
އެ އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖާއި އެމްޑަބްލިއުއެސްސީން ބޭނުންވާ ދާއިރާތަކުން ދިރާސާކުރުމަށްޓަކައި އެއްބާރުލުން ދިނުމާއި މައުލޫމާތު ފޯރުކޮށްދިނުގެ އިތުރުން ދިރާސާތަކަށް ބޭނުންވާ އެކިއެކި ތަމްރީނުތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅިގެން މިއަދު އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހު ވިދާޅުވީ ބައިނަލްއަގުވާމީ ޕްލެޓުފޯމުތަކުގައި ވިލާ ކޮލެޖުގެ ދަރިވަރުން ތަމްސީލުކުރާތަން ދެކެން ބޭނުންވާ ކަމަށެވެ. އަދި މި އެއްބަސްވުމަކީ އެކަމަށް އެޅޭ ހެޔޮ ފާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު --- ސަން ފޮޓޯ/ ނާއިލް ހުސެއިން
"ދިރާސާތައް ހެދުމަކީ އުނދަގޫ އަދި ބުރަ ކަމެއް. ނަމަވެސް މި އެއްބަސްވުމާއެކު ފަސޭހަތަކެއް އަންނާނެ. އަޅުގަނޑުމެންނަށް ދެވެން އޮތް އެއްބާރުލުމެއް އަދި އެހީތެރިކަމެއް މިކަމަށް ދޭނަން. މި އެއްބަސްވުމަކީ ރަނގަޅު ފެށުމެއް،" ޝާހު ވިދާޅުވިއެވެ.
ސޮއި ކުރެވުނު އެއްބަސްވުމާ ގުޅިގެން ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަންވަރު ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއެކު ދިރާސާތައް ހަދާ ކުދިންނަށް އިތުރު ފަސޭހަތަކެއް ލިބޭނެކަމަށެވެ.
"މި ކުންފުންޏާއެކު މިކަހަލަ ކަމެއް ކުރުމަކީ ލިބޭ އުފަލެއް. އަދި ޝަރަފެއް. ދިރާސާ ހަދާ ކުދިންނަށް ވެސް ލިބޭ އިތުރު ފަސޭހަތަކެއް. އެ ކުދިންގެ މަސައްކަތްތަކަށް ވެސް އިތުރު ފުރިހަމަކަމެއް ގެނުވާނެ،" ރެކްޓަރު ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަޙުމަދު އަންވަރު --- ސަން ފޮޓޯ/ ނާއިލް ހުސެއިން
އެ އެއްބަސްވުމުގެ ސަބަބުން ދިރާސާ ކުރުމުގެ ދާއިރާ އިތުރަށް ފުޅާވެ، ތަރައްގީވެ، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، އިލްމީ ހޯދުންތައް ހޯދުމުގައި އައު ގޮތްތައް ތައާރަފް ވެގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.