ދައުލަތުގެ ނަމުގައި ދަރަނި ނެގުމާ، ގެރެންޓީ ދިނުމުގެ ބާރު މިނިސްޓަރަށް

ފިނޭންސް މިނިސްޓަރު އަމީރު--- ސަން ފޮޓޯ

ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށް ހުށަހެޅުމާ ދައުލަތުގެ ނަމުގައި ގެރެންޓީ ދޭނަމަ އެކަން ކުރަށް ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު ކަމަށް ބަޔާންކޮށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް ފަށައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ ބިލުގައި ބުނީ ލޯންސް އެންޑް ކެޕިޓަލް ވޯކްސް ފަންޑާއި، އެޑްވާންސް ފަންޑާއި، ކޮންސޮލިޑޭޓް ރެވެނިއު ފަންޑާއި، ސޮވެރިން ޑިވަލޮޕްމަންޓް ފަންޑް އަދި ޓްރަސްޓް ފަންޑް ބެލެހެއްޓުމުގެ ޒިންމާ ނަންގަވަން ވާނީ ފިނޭންސް މިނިސްޓަރު ކަމަށެވެ.

ބިލުގައިވާ ގޮތުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރާ ފައިސާ ޚަރަދުކޮށް އިންވެސްޓް ކުރުމާމެދު ގޮތް ނިންމަން ވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓުކުރުމަށާއި، ދަރަނި އަދާކުރުމަށާއި، އާމްދަނީ އިތުރު ކުރުމަށްޓަކައި އެސްޑީއެފްގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭގައި) ކަސްޓޯޑިއަލް އެކައުންޓެއް ގާއިމްކޮށް ބަލަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލަށް ބަހުސް ކުރައްވާ ބައެއް މެންބަރު ވަނީ މި ބިލަށް ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް