ބިޓްކޮއިންގެ އަގު ފާއިތުވި ދެ އަހަރު ނުދާހާ ދަށަށް

ބިޓްކޮއިން--

ބާޒާރުގައި ވިއްކާ ބިޓްކޮއިންގެ އަދަދު އިތުރުވެ، ފާއިތުވި ދެއަހަރު އެ ފައިސާގެ އަގު ނުދާހާ ދަށަށް ވެއްޓިއްޖެއެވެ.

ކޮއިންބޭސްގެ ހިސާބުތަކުން ދައްކާ ގޮތުން، މިއަދު ބިޓްކޮއިންގެ އަގު ހުރީ 23،000 ޑޮލަރާއި ގާތްކުރާ ވަރެއްގައެވެ. އިއްޔެގެ ވަގުތެއްގައި އޭގެ އަގު ވަނީ 21،000 ޑޮލަރުން ވެސް ދަށަށް ވެއްޓިފައެވެ. މީގެ ކުރިން ބިޓްކޮއިންގެ އަގު މި ވަރުގައި ހުރީ 2020ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.

އިއްޔެ ބިޓްކޮއިންގެ އަގު 14 އިންސައްތަ ދަށަށް ދިޔަ އިރު، މަގުބޫލު އެހެން ކްރިޕްޓޯ ކަރަންސީއެއްކަމުގައިވާ އެތީރިއަމްގެ އަގު ވެސް ވަނީ 12 އިންސައްތަ ދަށަށް ގޮސްފައެވެ.

ދުނިޔޭގެ އިގްދިސާދަށް ބޮޑު ދަތިކަމެއް އަތުވެދާނެ ކަމުގެ ބިރާއެކު، ރިސްކުބޮޑު އެސެޓުތައް ވިއްކާ މިންވަރު އިތުރުވުމުގެ ސަބަބުން، މި އަހަރުގެ ފެށުނީއްސުރެ، ކްރިޕްޓޯކަރަންސީގެ ބާޒާރު އަންނަނީ ހީނަރުވަމުންނެވެ.

މިދިޔަ ހޯމަ ދުވަހު ގިނަ ބަޔަކު ބޭނުންކުރާ ޓްރޭޑިން ޕްލެޓްފޯމްތަކެއް ކަމަށްވާ ބައިނޭންސްއާއި ސެލްސިއަލް އިން ވަނީ ފައިސާ ދޫކުރުން ހުއްޓާލާ، މުވައްޒަފުންގެ އަދަދު ވެސް މަދުކޮށްފައެވެ. މީގެ އިތުރުން ވެސް އެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނި ތަކަކުން ވަނީ މިފަދަ ފިޔަވަޅު ތަކެއް އަޅާފައެވެ.

އެމެރިކާގެ މަރުކަޒީ ބޭންކުގެ ބެންޗްމާކް ފަންޑް ރޭޓް 75 ޕޮއިންޓަށް އިތުރުކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމުގެ ރިޕޯޓްތައް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. އެއާ އެކު ކްރިޕްޓޯކަރަންސީ ފަދަ މުދަލަކުން ކުރިމަގުގައި ފައިދާއެއް ހޯދުމުގެ އުންމީދު ގިނަ އިންވެސްޓަރުންނަށް ވަނީ ފަނޑުވެފައެވެ.

comment ކޮމެންޓް