ފުނައްޑޫއިން މަސްގަންނަން ފެށޭނީ އަންނަ އަހަރު: މިނިސްޓަރު

ފުނައްޑޫ ފުއްޓަރު ފަރާތް --- ސަން ފޮޓޯ: ކިޔުންތެރިއެއް

ތ. ފުނައްޑޫގައި މިފްކޯއިން މަސް ގަނެ ރައްކާކުރަން ފެށޭނީ އަންނަ އަހަރު މެއި މަހުގައި ކަމަށް ފިޝެރީސް މިނިސްޓަރު ޑޮޮކްޓަރު ޙުސައިން ރަޝީދު ޙަސަން މިއަދު ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް ވަނީ ފުނައްޑޫއިން މަސް ގަނެވޭނެ ތާރީޚަކާ ގުޅޭގޮތުން ލިޔުމުން ޖަވާބު ހޯދުމަށް އެދި މެއި 22 ވަނަ ދުވަހު ހުށަހަޅާފައެވެ.

މެންބަރުގެ ސުވާލަށް ލިޔުމުން މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ ފުނައްޑޫ އޮޕަރޭޓު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން ފެށޭ ތާރީޚުން ފެށިގެން އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމާ ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ.

''އެހެންކަމުން ބޭނުންވާ ލޯން ހަމަޖެހި ފުނައްޑޫއަށް މަސް ގަންނަން ފެށޭނެކަމަށް މިހާރު އަންދާޒާ ކުރެވެނީ މެއި 2023 ކަމުގައި ދަންނަވަން.'' މިނިސްޓަރުގެ ޖަވާބުގައި ވެއެވެ.

އެސެސްމެންޓުތަކުން ދައްކާގޮތުގައި ފުނައްޑޫގައި ޤާއިމްކޮށްފައިވާ މަސް ގަންނަ ފެސިލިޓީ އޮޕަރޭޝަނަށް ގެނައުމަށްޓަކައި އެރަށުގެ ބަނދަރުގެ ބޮޑު މަރާމާތެއް ކުރަން ޖެހޭކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

''މިހާރު ބަނދަރު އޮތް ހާލަތުން އެ ފެސިލިޓީއަށް ގަންނަ މަސް އެކްސްޕޯޓުކުރުމަށް ނުވަތަ ރަށުން ބޭރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ވެސް ވަނީ ފާހަގަކުރެވިފަ. އަދި ބަނދަރު ހެދުމާއެކު މުޅި ފެސިލިޓީ އެއްކޮށް މަރާމާތުކޮށް މަސް ގަނެވޭ ހާލަތަށް ގެނައުމުގެ މަސައްކަތްތަކަށް 10.2 މިލިއަން އެމެރިކާ ޑޮލަރު، 157.3 މިލިއަން ރުފިޔާ ޚަރަދު ކުރަން ޖެހޭނެކަމަށް ވަނީ އަންދާޒާކޮށްފަ.'' މިނިސްޓަރުގެ ޖަވާބުގައިވެއެވެ.

ހަމަ މިއާއެކު، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ބެނުންވާ ފައިސާ ހޯދުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކޮށް އެ މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ފައިސާއަކީ މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަކަށް ނުވާތީ އާއި މިވަގުތު ދައުލަތުގެ ކޭޝްފްލޯގެ ހާލަތުހުރި ގޮތުން މިކަމަށް ދައުލަތުގެ ބަޖެޓުން އެ މިންވަރަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''ދައުލަތުގެ ބަޖެޓުން އެ މިންވަރަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރެއިން މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މިފްކޯއަށް ވާނީ އަންގާފައި. އެހެންކަމުން މި ފައިސާ ލޯނުގެ ގޮތުގައި ހޯދުމަށް ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ބޭންކުތަކާއިއެކު މިފްކޯގެ ފަރާތުން މިހާރު ދަނީ މަޝަވަރާ ކުރަމުން. އެހެން ނަމަވެސް މިފްކޯގެ މާލީ ހާލަތު ހުރިގޮތުން މިފަދަ ލޯނެއް ނެގުމަށް ބެނުންވާ ކަންކަން ހަމަޖެއްސުމަށް އަދި މަދުވެގެން ދެ މަސް ދުވަސް ބޭނުންވާނެ.'' މިނިސްޓަރުގެ ޖަވާބުގައިވެއެވެ.

ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އަޙްމަދު ތަސްމީން ޢަލީ ތަރައްގީކުރެއްވި ރަށެކެވެ.

ތަސްމީން ވަނީ ފުނައްޑޫ ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނު ނަންގަވާފައެވެ. އެ ރަށް ވިއްކާލަން ބޭންކުން އިޢުލާން ކުރީ ލޯނު ނުދެއްކުމުންނެވެ.

އަދި ފުނައްޑޫގެ ކާރުޚާނާ ސަރުކާރަށް ގަނެ މިފްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގައެވެ.

ފުނައްޑޫގައި މަސް ގަތުމުގެ އޮޕަރޭޝަންތައް ހުއްޓާލީ 2008ގައެވެ.

comment ކޮމެންޓް