އާރަށު މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް ބަލައެއް ނުގަތް

ކުރީގެ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެއް ވަނީ ބަލައި ނުގަނެ ބޭރުކޮށްލާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފު ކުރަން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލައި ނުގަންނަން މިއަދު ނިންމައިފިއެވެ.

މާނަކުރުމުގައި އެރި އޮޅުމެއްގެ ސަބަބުން ރައީސް ޔާމީންގެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅަން ހުރި ހުށަހެޅުންތައް ހުށަހެޅުމަށް ދައުލަތަށާއި ދިފާއަށް ކްރިމިނަލް ކޯޓުން ދިނީ 15 ދުވަހެވެ.

މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާ ހަވަލާދީ މައްސަލަ ބައްލަވާ އިސް ގާޒީ އަޙްމަދު ޝަކީލް ވިދާޅުވީ, އެ މުއްދަތު ހަމަވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ. އަދި ތިން ފަރާތުން ވެސް ހުށަހެޅުންތައް ކޯޓަށް ފޮނުވާފައިވަނީ މުއްދަތު ހަމަވި ފަހުން ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންކަމުން ގާޒީ ނިންމެވީ ތިން ފަރާތުގެ ހުށަހެޅުންތައް ވެސް ބަލައި ނުގަތުމަށެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން, ހައި ކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ ބަލައި ނުގަތުމަށް ނިންމަވާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ, ދަށު ކޯޓުގެ ނިންމުމެއް ހައި ކޯޓުގައި އިސްތިއުނާފް ކުރެވޭނީ އެ ނިންމުގައި ގާނޫނާ ޚިލާފްވެފައިވާކަމަށް ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމައެވެ.

ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގައި އެފަދަ ހާލަތެއް އޮތްކަމަށް ބަޔާންކޮށްފައި ނުވާ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ބުނެފައެވެ.

"އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ޖުމްލަ ގޮތެއްގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރު ޝަރީއަތުގެ އަޑުއެހުމުގައި ނިންމާފައިވާ ނިންމުމެއްގައި ގާނޫނު ނުބައިކޮށް މާނަކޮށްފައިވާ ކަން," ރަޖިަަަަަަަަަަަަަަަަަަަަަސްޓްރާގެ ނިންމުމުގައި ވަނީ ބުނެފައެވެ.

މާނަކުރުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ހަތް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ގުނާނަމަ އެ ދެމެދަށް އަންނަ ބަންދު ދުވަސްތައް, މުއްދަތު ގުނުމުގައި ނުހިމެނޭނެ ކަމަށެވެ.

comment ކޮމެންޓް