އަންހެނެއްގެ އިނގިލި ބުރިކޮށްލި މީހާ ޝަރީޢަތް ނިމެންދެއް ބަންދުކުރުމަށް އަމުރުކޮށްފި

ގ. ޗެރީ ހައުސް، އަލީ ހަސަން --- ފޮޓޯ/ ކިޔުންތެރިއެއް

ގެއަކަށް ވަދެ، ބިރު ދައްކާ، އަންހެނެއްގެ އިނގިލި ބުރިކޮށްލި މައްސަލާގައި ގއ.ވިލިނގިލިން މިދިޔަ މޭ މަހު ހައްޔަރުކޮށްފައިވާ މީހާ ޝަރީޢަތް ނިމެންދެއް ބަންދުކުރުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ގ. ޗެރީ ހައުސް، 35 އަހަރުގެ އަލީ ހަސަންއެވެ.

އޭނާގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވާ އިރު، އެ ދައުވާތައް ސާބިތު ވެއްޖެނަމަ ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

ޕީޖީ އޮފީހުން އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ:

* އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ

* ގައިގާ އަތްލުމުގެ ކުށުގެ ދައުވާ

* އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ

ޢަލީ ހަސަން ހައްޔަރުކުރީ މިދިޔަ މޭ މަހުގެ ތިންވަނަ ދުވަހުގެ ރޭ ފަތިސްވާން ކައިރިވެފައިވަނިކޮށް، އެ ރަށުގެ ގެއަކަށްވަދެ، މާރާމާރީ ހިންގި މަައްސަލައެއްގައެވެ. އެގޭ ތެރެއަށް ގަދަކަމުން ވަންނަން އޭނާ މަސައްކަތް ކުރުމުގެ ތެރޭގައި ހިންގި މާރާމާރީގައި އެ އާއިލާގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

އެރަށުން "ސަން"އަށް މައުލޫމާތު ދިން މީހަކު އޭރު ބުނީ މާރާމާރީގައި އެ އަންހެންމީހާގެ އަންހެން ކޮއްކޮގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ކަމަށެވެ. އަދި އެ އަންހެންމީހާގެ މަންމަގެ ދެ އިނގިލި ވެސް ބިންދާލާފައިވާއިރު އިތުރު އަންހެއްގެ އަތުގައި ދަތްއަޅާފައިވާ ކަމަށާއި މީގެ އިތުރުން އެ ގޭގައި އުޅޭ ކައުންސިލަރެއްގެ މޫނުމަތީގައި ވަރަށް ބާރަށް ޖަހައި މާރާމާރި ހިންގާފައިވާ ކަމަށް ބުންޏެވެ.

comment ކޮމެންޓް