އެމެރިކާގެ ސަފީރަކަށް ތިލްމީޒާގެ ބަދަލުގައި ޢަބްދުލްޣަފޫރު

ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި އަބްދުލް ޣަފޫރު މުޙައްމަދު --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ތިލްމީޒާ ހުސައިންގެ ބަދަލުގައި ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި ޢަބްދުލްޣަފޫރު މުޙައްމަދު އެ މަގާމަށް އައްޔަނު ކުރައްވަން ރަައްޔިތުން މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ފޮނުއްވައިފިއެވެ.

ޢަބްދުލްޣަފޫރު ކުރިން ހުންނެވީ ފޮރިން ސެކްރެޓަރީގެ މަގާމުގައެވެ. އޭނާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އދ. ގައި ހުންނަވާ ދާއިމީ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް އަބްދުލްޣަފޫރު ވަނީ ކުރައްވާފައެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު ހަސަން ސޯބިރު، ކޮރެއާގެ ނޮން ރެޒިޑެންޝަލް ސަފީރަކަށް އަދި ބެލްޖިއަމަށާއި އީޔޫގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގް ނެދަލެންޑްސްގެ ނޮން ރެޒިޑެންޝަލް ސަފީރަކަށް ހަމަޖައްސަން، ރަައްޔިތުން މަޖިލީހުގެ ރުހުން ހޯދަން ރައީސް ޞާލިޙު ވަނީ ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނަންތަކަށް ރުހުން ދިނުމާ ގުޅޭ ކަންކަން ނިންމުމަށް ހާރިޖީ ކޮމިޓީ އަށް ފޮނުވާފައެވެ.

comment ކޮމެންޓް