ބޮޑު އީދަށް މަހަކަށް ވުރެ ކުޑަތަން ވެފައިވާ އިރު، އެތެރޭގެ ގިނަ ފްލައިޓްތަކާއި، ގެސްޓް ހައުސްތައް ފުރިއްޖެއެވެ.
މި ފަހަރު އީދާ ދިމާކޮށް ވެސް ރާއްޖޭގެ އެކި ރަށްރަށުން އަންނަނީ ބޮޑެތި ތައްޔާރީތައް ވަމުންނެވެ. އަދި އީދު ފާހަގަކުރުމަށް ގިނަ ބަޔަކު މިހާރު އަންނަނީ ދަތުރުތައް ރާވަމުންނެވެ.
މާލެ ކައިރިން އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރާނެކަމަށް އިއުލާނުކޮށްފައިވާ، މާފުށީ ކައުންސިލުގެ މެންބަރު ނަސީހު މުހައްމަދު "ސަން"އަށް ވިދާޅުވީ އެ ރަށަށް މި ފަހަރުވެސް އީދާ ދިމާކޮށް ގިނަ ބަޔަކު އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ވެސް އީދާ ދިމާކޮށް އެކި ގެސްޓް ހައުސްތައް ބުކް ކުރަމުންދާ ކަމަށެވެ.
ކ.ގުރައިދޫގައި ގެސްޓްހައުސްއެއް ހިންގަމުންދާ ފަރާތަކުން ބުނީ އެ ރަށުގެ ގިނަ ގެސްޓްހައުސްތައް މިހާރު ވެސް ފުރިފައިވާ ކަމަށެވެ. އަދި އީދާ ދިމާކޮށް ޑިމާންޑު ބޮޑުވެ، އާންމު އަގަށް ވުރެ، ދެގުނަ މައްޗަށް ވެސް އަގުތައް މަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.
މި ފަހަރުގެ ބޮޑު އީދު އަންނަ ޖުލައި މަހާ ދިމާވާ އިރު، އެއީ ރާއްޖޭގެ ކަނޑުތައް އެންމެ ގަދަ އެއް ދުވަސްވަރެވެ. އެހެން ކަމުން، އެތެރޭގެ ވައިގެ ދަތުރުތަކަށް އޮންނަ ޑިމާންޑު އެހެން ފަހަރުތަކަށް ވުރެ މަތިވާނެ ކަމަށް ބެލެވެއެވެ.
ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގް ވިދާޅުވީ މިހާރު ވެސް އެ ރަށަށް ވައިގެ މަގުން ދަތުރުކުރުމަށް ޖާގަ ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މޯލްޑިވިއަން އަދި ބައެއް ޕްރައިވެޓް އެއާލައިންތަކާ ވެސް ވާހަކަދައްކަމުން މި އަންނަނީ އިތުރު ފްލައިޓްތައް ބޭއްވޭތޯ ބަލަމުން،" މޭޔަރު ވިދާޅުވިއެވެ.
އޭނާ ލަފާކުރައްވާ ގޮތުގައި އީދާ ދިމާކޮށް އެ ރަށަށް 400އެއްހާ މީހުން ރަށުން ބޭރުން އަންނާނެއެވެ.
ރާއްޖޭގެ އުތުރުން، ހދ. ކުޅުދުއްފުއްޓާއި، ށ. ފުނަދޫއަށް ދަތުރުކުރާ ފްލައިޓް ތައް މި މަސް ފެށުނު އިރު ވެސް ހުރީ ފުރެން ކައިރިވެފައެވެ.
އައިލެންޑް އޭވިއޭޝަންގެ ތަރުޖަމާނު "ސަން"އަށް ވިދާޅުވީ ބޮޑު އީދާ ދިމާކޮށް އެ އެއާލައިނުން ބެންކޮކަށާއި، މެލޭޝިއާ އަށް ހާއްސަ ފްލައިޓްތަކެއް ރާވާފައިވާ ކަމަށެވެ.
"ޑޮމެސްޓިކް ދަތުރުތައް ވެސް ވަރަށް ބާރުބޮޑުކޮށް މިދަނީ، އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި ވަރަކުން ދަތުރުތައް އިތުރުކުރުމަށް ވެސް ވިސްނާނަން،" އޭނާ ވިދާޅުވިއެވެ.
މި ހިނގާ 1443ވަނަ އަހަރުގެ ޙައްޖު ދުވަސް ދިމާވަނީ އަންނަ ޖުލައި މަހުގެ 8ވަނަ ދުވަހާއެވެ. އެ ދުވަހުން ފެށިގެން ޖުލައި 14ވާ ބުރާސްފަތި ދުވަހާ ހަމައަށް އީދުގެ މުނާސަބަތުގައި ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވެއެވެ.