ބެންފިކާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ޑާވިން ނުނޭޒް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ފާރަލަނިކޮށް، އެ ޓީމާވާދަވެރި ލަވަޕޫލުން އޭނާގެ ސޮއި ހޯދައިފިއެވެ.
ފުޓުބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނިގޮތުގައި މިހާރު ލިވަޕޫލަށް އޭނާ އައުމަށް އަނގަބަހުން ވަނީ އެއްބަސްވެފައެވެ. އަދި މިހާރު އެ ޑީލްގެ ކަންކަން ނިންމުމަށް ދެ ޓީމުގެ މެދުގައި ރަސްމީ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރާކަމަށް އޭނާ ބުންޏެވެ.
ފަބްރީޒިއޯ ބުނީ ނުނޭޒް އެ ޓީމާ ގުޅޭނީ 80 މިލިއަން ޔޫރޯގެ އަގަކަށް ކަމަށެވެ. އަދި ބޯނަހުގެ ގޮތުގައި 20 މިލިއަން ޔޫރޯ ލިބޭނެކަމަށް ވެސް އޭނާ ބުންޏެވެ. އެ ޓީމާ އޭނާ ގުޅޭނީ ފަސް އަހަރ ދުވަހުގެ މުއްދަކަށެވެ.
އުމުރުން 22 އަހަރުގެ ނުނޭޒް ބެންފިކާއަށް ދައްކަމުންދާ މޮޅުކުޅުމުގެ ސަބަބުން ގިނަ ޓީމުތަކަކުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
ލިވަޕޫލްގެ ސާޑިއޯ މާނޭ އަދި އެ ޓީމުގެ މުޙައްމަދު ސަލާހު އެ ޓީމު ދޫކޮށްލަން އުޅޭކަމުގެ އަޑު ގަދަވެފައިވާއިރު އެ ތަން ފޫބެއްދުމަށް ގެނައުމަށް ބަލާފައިވާ ކުޅުންތެރިންގެ ތެރޭގައި ނުނޭޒް ހިމެނެއެވެ.
ފުޓުބޯޅަ ދިރާސާކުރާ ގިނަ މީހުން އިއްތިފާގުވާގޮތުގައި ނުނޭޒް އަކީ މި ސީޒަނުގައި ޕޯޗުގަލް ލީގުގެ އެންމެ މޮޅު ކުޅުންތެރިއާއެވެ. ސީޒަން ނިމުނުއިރު ތާވަލުގެ ތިން ވަނައިގައި ބެންފިކާ އޮތްއިރު ސީޒަނުގައި އޭނާ 41 މެޗު ކުޅެ 34 ގޯލު ޖަހާފައިވެއެވެ.
މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ ބެންފިކާ ބަލިވި ނަމަވެސް އެ ދެ ލެގުގައި ވެސް އޭނާ ވަނީ ގޯލު ޖަހައިފައެވެ.
ލިވަޕޫލްގެ ފޯވާޑްލައިން ވަރުގަދަކުރުމަށް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ޕީއެސްޖީގައި މަޑުކުރަން ނިންމި ކައިލިއަން އެމްބާޕޭ އެ ޓީމަށް ގެނައުމަށް ވެސް އެ ޓީމުން ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެ ޓީމުން ވަނީ ފުލްހަމްއަށް ކުޅެމުންއައި އުމުރުން 19 އަހަރުގެ ފަބިއޯ ކަރްވާޅޯގެ ސޮއި ވެސް ހޯދާފައެވެ. އޭނާ ޖުލައި މަހުގެ އެއްވަނަ ދުވަހު އެ ޓީމާ ގުޅޭނެއެވެ.