ބާ ކައުންސިލްގެ ރައީސްކަމަށް ވިޝާމް އިންތިޚާބުކޮށްފި

ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވި އިސްމާއީލް ވިޝާމް

ބާ ކައުންސިލްގެ ރައީސްއަކު ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ އެސިސްޓަންޓް އެޓާނީ ޖެނެރަލް އިސްމާޢިލް ވިޝާމް ކާމިޔާބުކުރައްވައިފިއެވެ.

މިއަދު ބޭއްވި އިންތިޚާބު ވިޝާމް ކާމިޔާބު ކުރައްވާފައިވަނީ މުޙައްމަދު ފައިސަލްއާ ވާދަކުރައްވާ ކުރި ހޯދަވައިގެންނެވެ.

އެގޮތުން ވިޝާމްއަށް ލިބިވަޑައިގަތީ ޖުމްލަ 270 ވޯޓެވެ. އަދި ފައިސަލް އަށް ލިބިވަޑައިގަތީ 182 ވޯޓެވެ.

ބާ ކައުންސިލްގެ ނައިބު ރައީސް ކަމަށް އިންތިޚާބުވެފައި ވަނީ މިޒްނާ އަޙްމަދެވެ. އެ މަގާމަށް ކުރިމަތިލެއްވީ އޭނާ އެކަންޏެވެ. އެހެންކަމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

މި އިންތިޚާބު ބާއްވާފައިވަނީ އިލެކްޓްރޯނިކް ވޯޓިން ނިޒާމަކުންނެވެ.

މި އިންތިޚާބަކީ "ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު"ގެ ދަށުން އިންތިޚާބު ކުރި ރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ ދައުރު މި އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ ބޭއްވި އިންތިޚާބެކެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރުން ތިއްބަވާނެއެވެ. މެންބަރު ކަމަށް ކުރިމަތިލެއްވީ ހަ ބޭފުޅުން އެކަނި ކަމަށްވާތީ ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

ބާ ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސަކީ މައުމޫން ހަމީދެވެ. އެ ދައުރުގެ ނައިބު ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.

comment ކޮމެންޓް