ޔުނައިޓެޑުން ބޭނުންވި ނަމަވެސް ނުނޭޒް ދާންބޭނުންވަނީ ލިވަޕޫލަށް

ބެންފިކާއަށް ކުޅެމުންއަންނަ ޒުވާން ފޯވާޑް ޑާވިން ނުނޭޒް ----

ބެންފިކާއަށް ކުޅޭ ޒުވާން ފޯވާޑް ޑާވިން ނުނޭޒް ހޯދުމުގެ ރޭހުގައި ޔުނައިޓެޑުން ބައިވެރިވިނަމަވެސް އޭނާ އެންމެ ދާން ބޭނުންވަނީ ލިވަޕޫލަށްކަމަށް ނުނޭޒް ބުނެފިއެވެ.

އުމުރުން 22 އަހަރުގެ ނުނޭޒް ބެންފިކާއަށް ދައްކަމުންދާ މޮޅުކުޅުމުގެ ސަބަބުން ގިނަ ޓީމުތަކެއް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

ލިވަޕޫލްގެ ސާޑިއޯ މާނޭ އަދި އެ ޓީމުގެ މުޙައްމަދު ސަލާހު އެ ޓީމު ދޫކޮށްލަން އުޅޭކަމުގެ އަޑު ގަދަވެފައިވާއިރު އެ ތަން ފޫބެއްދުމަށް ގެނައުމަށް ބަލާފައިވާ ކުޅުންތެރިންގެ ތެރޭގައި ނުނޭޒް ހިމެނެއެވެ.

ނުނޭޒް ގެންދަން ބޭނުންވާ ޓީމަކުން 100 މިލިއަން ޔޫރޯގެ ފީއެއް ބެންފިކާއަށް ދައްކަން ޖެހެއެވެ. ޔުނައިޓެޑުން ދަނީ އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް އެނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ފުޓުބޯޅަ ދިރާސާކުރާ ގިނަ މީހުން އިއްތިފާގުވާގޮތުގައި ނުނޭޒް އަކީ މި ސީޒަނުގައި ޕޯޗުގަލް ލީގުގެ އެންމެ މޮޅު ކުޅުންތެރިއާއެވެ. ސީޒަން ނިމުނުއިރު ތާވަލުގެ ތިން ވަނައިގައި ބެންފިކާ އޮތްއިރު ސީޒަނުގައި އޭނާ 41 މެޗު ކުޅެ 34 ގޯލު ޖަހާފައިވެއެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ ބެންފިކާ ބަލިވި ނަމަވެސް އެ ދެ ލެގުގައި ވެސް އޭނާ ވަނީ ގޯލު ޖަހައިފައެވެ.

ލިވަޕޫލްގެ ފޯވާޑްލައިން ވަރުގަދަކުރުމަށް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ޕީއެސްޖީގައި މަޑުކުރަން ނިންމި ކައިލިއަން އެމްބާޕޭ އެ ޓީމަށް ގެނައުމަށް ވެސް އެ ޓީމުން ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެ ޓީމުން ވަނީ ފުލްހަމްއަށް ކުޅެމުންއައި އުމުރުން 19 އަހަރުގެ ފަބިއޯ ކަރްވާޅޯގެ ސޮއި ހޯދާފައެވެ. އޭނާ ޖުލައި މަހުގެ އެއްވަނަ ދުވަހު އެ ޓީމާ ގުޅޭނެއެވެ.

comment ކޮމެންޓް