އެމެރިކާއާއި އިސްރާއީލު އަޑީގައި ތިބެގެން އައިއޭއީއޭއިން ފާސްކުރި ގަރާރުގެ ނަތީޖާ ވަރަށް ގޯސްވާނެ: އީރާން

އައިއޭއީއޭ ގެ ގަވަނިންގް ކައުންސިލް

ވިއެނާ (9 ޖޫން 2022) : އީރާނުގައި ޔޫރޭނިޔަމް ފައްކާނުކުރާ ކަމަށް ކަނޑައަޅާފައިވާ ނިއުކްލިޔާ ތިން މަރުކަޒަކުން ފައްކާކުރި ޔޫރޭނިޔަމްގެ އަސަރު ހުރިކަމަށް ބުނާ މައްސަލައާ ގުޅިގެން އެގައުމާ ދެކޮޅަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ގަރާރެއް ފާސްކުރުމުން އެކަމުގެ ނަތީޖާ ގޯސްވާނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އައިއޭއީއޭ އަށް ކަނޑައަޅާފައިވާ އީރާނުގެ މަންދޫބު ވިދާޅުވީ އެތިން ތަނުން ޔޫރޭނިޔަމްގެ އަސަރު ފެނުނު މައްސަލާގައި އައިއޭއީއޭގެ ފަންނީ ބޭފުޅުން ކުރި ސުވާލުތަކަށް އީރާނުގެ ފަންނީ ބޭފުޅުން ޖަވާބުދީ ފަންނީ ގޮތުން އެކަން ހައްލުކޮށްފައިވާ ކަމުގައެވެ. ނަމަވެސް އަލުން ގަރާރެއް ފާސްކޮށްގެން އެ މައްސަލަ ހިލުވާލުމަކީ އީރާނުގެ ދުޝްމަނުންނާ ގުޅިގެން އައިއޭއީއޭ ހިންގާ ސިޔާސީ ކުޅިވަރެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"ސިޔާސީ ކުޅިވަރުކުޅެން އައިއޭއީއޭއަށް އެއްބާރުލުން ނުދެވޭނެ, އެގަރާރާ ގުޅިގެން އީރާނަށް ބިރުދައްކައި އާ ހާލަތެއް އީރާނަށް ކުރިމަތި ކުރުމުގެ ފުރުސަތުވެސް އައިއޭއީއޭ އަށް ނުދެވޭނެ،" އީރާނުގެ މަންދޫބު ވިދާޅުވިއެވެ.

ނިއުކްލިޔާ ހަކަތައާބެހޭ އީރާނުގެ އިދާރާ ގެ ވެރިޔާ މުހައްމަދު އިސްލާމް

މިމައްސަލާގައި އައިއޭއީއޭ ގެ ގަވަނިންގް ކައުންސިލުން އީރާނާ ދެކޮޅަށް ރޭ ފާސްކުރި ގަރާރު ބުނަނީ ޔޫރޭނިޔަމް ފައްކާނުކުރާ ކަމަށް ކަނޑައަޅާފައިވާ ނިއުކްލިޔާ ތިން މަރުކަޒަކުން ފައްކާކުރި ޔޫރޭނިޔަމްގެ އަސަރު ފެނުނު މައްސަލަ އަދި ނުނިމޭކަމަށާ މިކަން ހައްލުކުރުމަށް އީރާނުން އިތުރު އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

ނަމަވެސް އައިއޭއީއޭ އަކީ އީރާނާ ދެކޮޅަށްވެސް އަދި އެ އިދާރާގެ މެންބަރު އެހެން ގައުމަކާ ދެކޮޅަށްވެސް ބާރުގެ ބޭނުންކުރުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އަދި ބާރެއްވެސް ނެތް އިދާރާއަކަށް ވާތީ މިގަރާރު ގައި އެދިފައިވާ ކަންކަމަށް އީރާނުން އެއްބާރުލުން ނުދިން ނަމަވެސް އީރާނާ ދެކޮޅަށް ކުރެވޭނެ މާބޮޑުކަމެއް އެ އިދާރާއަކަށް ނޯންނާނެއެވެ.

މިގަގާރު ހުށަހެޅީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް އެންމެ ބޮޑަށް ހުރަސްއަޅާ އެމެރިކާއިންނެވެ. ތާއީދުކުރީ އެމެރިކާއަށް ވާގިވެރިވާ އިނގިރޭސިވިލާތުންނެވެ. މި ދެ ގައުމަކީވެސް ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ނިއުކްލިޔާ ހަތިޔާރު ހަދާ ދެ ގައުމެވެ. އަދި ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ ބައިނަލްއަގްވާމީ މުއާހަދާގައި ސޮއިކުރުމަށް ދެކޮޅު ހަދާ ދެ ގައުމެވެ.

މިދެ ގައުމާ ޚިލާފަށް އީރާނަކީ ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ ބައިނަލްއަގްވާމީ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެކެވެ. އަދި އީރާނަކީ އެ ދެ ގައުމާ ޚިލާފަށް ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ގައުމެއްވެސް ނޫނެވެ. އަދި އައިއޭއީއޭއަށް ނިއުކްލިޔާ ކަންކަމުގައި އެއްބާރުލުން ވެސް ދޭ ގައުމެކެވެ.

މި ގަރާރު ފާސްކުރީ އައިއޭއީއޭ ގެ ގަވާނިންގް ކައުންސިލްގައި ހިމެނޭ 35 ގައުމުގެ ތެރެއިން 30 ގައުމު ވޯޓު ދީގެންނެވެ. މިގަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ ރަޝިއާއާއި ޗައިނާއިންނެވެ. ވަކިކޮޅަކަށް ވޯޓު ނުދޭ ތިން ގައުމަކީ އިންޑިއާ، ޕާކިސްތާން އަދި ލީބިޔާއެވެ.

އީރާން ތުހުމަތުކުރާ ގޮތުގައި އައިއޭއީއޭގެ ގަވާނިންގް ކައުންސިލްގައި ހިމެނޭ ގިނަ ގައުމުތައް އެގަރާރާ އެއްކޮޅަށް ވޯޓުދިނީ އެމެރިކާގެ ފިއްތުންތަކާއި އެމެރިކާ ދިން ރިޝްވަތުގެ ސަބަބުންނެވެ. އަނެއްކޮޅުން އައިއޭއީއޭގެ ގަވާނިންގް ކައުންސިލްގައި ޔޫރަޕްގެ ވަރަށް ގިނަ ގައުމުތައް ހިމެނޭއިރު ޔޫރަޕްގެ ގިނަ ގައުމުތަކަކީ އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައިވާ އަދި އެމެރިކާ ކޮންޓްރޯލް ކުރާ ގައުމުތަކެކެވެ.

އެމެރިކާގެ މަސްލަހަތު އޮންނަ ކަންކަމުގައި ޔޫރަޕްގެ ގައުމުތަކަށް މުސްތަގިއްލު ސިޔާސަތެއް ނުގެންގުޅެވެއެވެ. އޮންނަނީ އެމެރިކާ ކޮޅަށް ދީލާލަން މަޖުބޫރުވެފައެވެ. އައިއޭއީއޭގެ ގަރާރަށް ރައްދު ދިނުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އީރާން ވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކުގެ ހަރަކާތްތައް ބެލުމަށް އައިއޭއީއޭއިން ބަހައްޓާފައިވާ ކެމެރާތަކުގެ ތެރެއިން ދެ ކެމެރާއެއްގެ މަސައްކަތް ހުއްޓުވާފައެވެ.

މިހާރު އެ ދެ ކެމެރާއަށް އެއްވެސް ފޮޓޯއެއް އަދި ވީޑީއޯ އެއްވެސް ނުކުރެވޭނެއެވެ. އީރާން ބޭނުންނަމަ އައިއޭއީއޭގެ އެހެން ކެމެރާތަކަށްވެސް މިހެން ހެދިދާނެއެވެ. މިގޮތަށް ހެދުމުން އެންމެ ބޮޑުކަމަކަށްވެސް އެމެރިކާއަށް ވެސް އައިއޭއީއޭ އަށްވެސް ކުރެވޭނެ ކަމަކީ އެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ގެންދިޔުމެވެ. ގެންގޮސްފިނަމަ މިހާރު ދުނިޔޭގެ މަސްރަހު އޮތްގޮތުން ޗައިނާއާއި ރަޝިއާއިން ވީޓޯކޮށް އީރާން ދިފާއުކުރާނެކަމަށް ވަނީ ބެލެވިފައެވެ.

އެހެން ނޫނަސް އީރާނާ ދެކޮޅަށް ކުރެވޭނެ މާބޮޑުކަމެއް އައިއޭއީއޭ އަކަށް ނޯންނާނެއެވެ. އީރާނުގެ އެއްބާރުލުން ނުދޭނަމަ އައިއޭއީއޭގެ އިނިސްޕެކްޓަރުންނަށް އީރާނަށްވެސް ނުދެވޭނެއެވެ. އީރާނުގެ ނިއުކްލިޔާ ސައިޓަކާ ގާތްވެސް ނުވެވޭނެއެވެ.

އައިއޭއީއޭގެ ވެރިޔާ ރަފައޭލް ގްރޮސީ

މިމައްސަލާގައި އީރާން އެންމެ ބޮޑަށް ރުޅިއައިސްފައިވަނީ މިމައްސަލައިގެ ތެރެއަށް އިސްރާއީލު ވަނުމުގެ ފުރުސަތު އައިއޭއީއޭ އިން ދިނުމުންނެވެ. އިސްރާއީލަކީ ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދައިގެން އެއިން އީރާނަށާއި އަވަށްޓެރި ގައުމުތަކަށް ބިރުދައްކާ އިސްތިއުމާރީ ގައުމެކެވެ.

އަދި އިސްރާއީލަކީ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާގައި ސޮއިކުރުމަށް ވެސް ކަނޑައެޅިގެން ދެކޮޅުހަދާ ގައުމެކެވެ. އަދި އިސްރާއީލަކީ އެ ގައުމުގެ ނިއުކްލިޔާ މަރުކަޒަކަށް އައިއޭއީއޭގެ އިނިސްޕެކްޓަރަކު ވެއްދުމާއި އެތަންތަނުގައި އައިއޭއީއޭގެ ކެމެރާއެއް ހަރުކުރުމުގެ ފުރުސަތު ވެސް ދިނުމަށް ދެކޮޅު ހަދާ ގައުމެކެވެ.

ނަމަވެސް އީރާނުގެ ނިއުކްލިޔާ ތިން މަރުކަޒަކުން ފައްކާކުރި ޔޫރޭނިޔަމްގެ އަސަރު ފެނުނު މައްސަލާގައި ޖާސޫސީ މައުލޫމާތު ހޯދުމަށް އައިއޭއީއޭގެ ވެރިޔާ ރަފައޭލް ގްރޮސީ ވަނީ ދާދިފަހުން އިސްރާއީލަށް ޒިޔާރަތް ކުރައްވާފައެވެ.

އިސްރާއީލަކީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ޓެރަރިސްޓް ހަމަލާތައްދީ އީރާނުގެ ނިއުކްލިޔާ ސައިންސްވެރިން އަވަހާރަކޮށްލުމަށް ޓެރަރިސްޓް އަމަލުތައް ހިންގަމުން ގެންދާ ކުށްވެރި ގައުމެކެވެ. މިއީ އައިއޭއީއޭއިން ކުށްވެރި ކުރަންޖެހޭ ކަންކަމެވެ. ނަމަވެސް މިކަންކަމުގައި އެ އިދާރާ އިޚުތިޔާރުކުރަނީ ހަނުހުރުމެވެ.

އިސްރާއީލުން ވަނީ އީރާނާ ދެކޮޅަށް އައިއޭއީއޭއިން ފާސްކުރި ގަރާރަށް މަރުހަބާކިޔައި އީރާނުގެ ނިޔުކްލިޔާ މަރުކަޒުތައް އިތުރަށް ބަލައި ފާސްކުރުމަށް އައިއޭއީއޭއަށް ގޮވާލާފައެވެ.

އައިއޭއީއޭގެ މަސައްކަތުގެ 25 އިންސައްތަ އީރާނަށް އަމާޒުކުރާއިރު އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަކީ އެ އިދާރާއިން ބަލައި ފާސްކުރަން ޖެހޭ ތަންތަނުގެ އެންމެ ތިނެއް އިންސައްތައެވެ. މިއީ އިންސާފުތޯ އީރާނުން ވަނީ ސުވާލުކޮށްފައެވެ.

comment ކޮމެންޓް