ކޯލިޝަނާއެކު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލާން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވިނަމަވެސް އަދި އެކަމާމެދު ގޮތެއް ނުނިންމާ ކަމަށް ކޯލިޝަނުންގައި ހިމެނޭ ޕާޓީތަކުން ބުނެފިއެވެ.
'ސަން' އަށް މައުލޫމާތު ދެމުން އަދާލަތު ޕާޓީން ބުނީ އެ ޕާޓީން އަބަދުވެސް ގަބޫލުކުރަނީ އެއް ޕާޓީއަކަށް އެކަނި ވެރިކަން ނުކުރެވޭނެ ކަމަށެވެ.
އަދާލަތުން ބުނީ ފާއިތުވި އަހަރުތަކުގައި ވެރިކަމަށް އައި އެއްވެސް ކޯލިޝަނަކަށް ކާމިޔާބުކަމާއެކު ވެރިކަން ކުރެވިފައިވާ ނުވިނަމަވެސް ރައީސް ޞާލިހާއެކު ކޯލިޝަނުގެ ވެރިކަން ވަރަށް ކާމިޔާބު ކަމަށެވެ. އަދި އެ ޕާޓީން 2023 ގެ ރިޔާސީ އިންތިޚާބާމެދު ވަކި ގޮތެއް ނުނިންމާ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެން ގޮތް ނިންމާނީ މެންބަރުންގެ ރޫހަށް ފެންނަގޮތަކަށް. އަދި ރައްޔިތުންނަށް އެންމެ ރަނގަޅުވާނެ ގޮތަކަށް" އަދާލަތު ޕާޓީގެ އޮފިޝަލަކު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާމެދު މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ވެސް އަދި ގޮތެއް ނިންމާފައި ނުވާކަމަށް އެ ޕާޓީގެ ސެކެޓްރީ ޢަބްދުލް އަލީމް މިއަދު 'ސަން' އަށް ވިދާޅުވިއެވެ.
ކޯލިޝަނުގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް އަދި ރިޔާސީ އިންތިޚާބުގައި ބައިވެރި ވާނެ ގޮތަކާ މެދު މަޝްވަރާ ކޮށްފައިނުވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ދެވަނަ ދައުރަކަށް ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށްދިއަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ޞާލިހު ވިދާޅުވީ, އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވެން އޮތީ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ.
"ގިނަ ޕާޓީތަކެއް އެކުވެގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަން. އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއި އެކީގައި އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބް ކުރެވޭނެކަން," ރައީސް ވިދާޅުވިއެވެ.