ފުރިހަމަ ޑިމޮކްރަސީއަށް ރުޖޫއަވުމަށް ވާހަކަ ދައްކައިގެން ކަންކަން ޙައްލުކުރުމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދު އޮތީ ތައްޔާރަށް: ބަޔާން

10:00


ބަލިކަށިވަމުންދާ ރާއްޖޭގެ ޒުވާން ޑިމޮކްރަސީ އަލުން އަނބުރާ ހޯދައި، ރައްޔިތުން އުއްމީދުކުރާ ފުރިހަމަ ޑިމޮކްރަސީއަށް ރުޖޫއަވުމަށްޓަކައި ވާހަކަ ދައްކައިގެން ކަންކަން ޙައްލުކުރުމަށް ތައްޔާރަށް އޮތް ކަމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.


ގުޅިފައިވާ އިއްތިހާދުގެ އިސްވެރިން އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރޮބަޓް ބްލޭކާ އެކު ބުރާސްފަތު ދުވަހު ބައްދަލުކުރުމަށްފަހު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހު "ގަޑުބަޑުކޮށްފައި"ވާ މިދަނޑިވަޅުގައި ރޮބަޓް ބްލޭކް ރާއްޖެ ވަޑައިގެން ބަލިކަށިވަމުން މިދާ ރާއްޖޭގެ ޒުވާން ޑިމޮކުރަސީ އަލުން އަނބުރާ ދިވެހިންނަށް ހޯއްދަވައިދެއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ސިޔާސީ ފަރާތްތަކާ ވާހަކަ ދެއްކެވުމަށް އޭނާ ފެށްޓެވި މަސައްކަތަށް ގުޅިފައިވާ އިއްތިހާދުން ތާއީދުކުރާ ކަމަށެވެ.


ރޮބަޓް ބްލޭކާ އެކު ގުޅިފައިވާ އިއްތިހާދުގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި، މިހާރު ރާއްޖެއަށް ގެނެސްފައިމިވާ ސިޔާސީ ހަމަނުޖެހުން ފެށުމަށް މެދުވެރިވި ސަބަބުތަކާއި، ކުރިމަތިވެފައިވާ މައްސަލަތަކާއި ޚިޔާލުތަފާތުވުންތައް ޙައްލުކުރުމަށްހުރި ގޮންޖެހުންތައް އޭނާ އާއެކު ހިއްސާކުރެވުނު ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ސިޔާސީ މަސްރަހަށް ފިނިކަމެއް ނައިސް ދިގުލައިގެން ހިނގައްޖެނަމަ ތަފާތު ރޮނގުރޮނގުން ރާއްޖެ ކުރިމަތިލާންޖެހިދާނެ ނާޒުކު ހާލަތާ މެދު މަޝްވަރާކުރެވުނު ކަމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު