ޢީދު ދުވަހުގެ މާރާމާރީއާ ގުޅިގެން ހޯދަމުންދާ 4 މީހުން އަދިވެސް ނުފެނޭ: ފުލުހުން

ޢީދު ދުވަހުގެ މާރާމާރީ އާއި ގުޅިގެން ހޯދަމުންދާ ހަތަރު މީހުން--ފޮޓޯ/ ފުލުސް މީޑިއާ

ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި މިދިޔަ ޢީދު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީގެ ތުހުމަތުގައި ފުލުހުން ހޯދަމުން އަންނަ މީހުންގެ ތެރެއިން ހަތަރު މީހުން އަދިވެސް ނުފެންނަކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާއި ގުޅިގެން މިހާރު ހޯދަމުންދަނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، 27 އަހަރުގެ މަޢުޞޫމް މުޙައްމަދުދީދީ އާއި ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، 24 އަހަރުގެ އަޙްމަދު ރަބީޢު، އާއި ސ. ހުޅުދޫ/ ނާދީ، 20 އަހަރުގެ މުނާދު ޖަޢުފަރުގެ އިތުރުން ސ. މަރަދޫ/ ކޮރަލް، 21 އަހަރުގެ އަޙްމަދު ސާތިޢުއެވެ.

މި މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިނަށް ގުޅާ އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުންވަނީ އެދިފައެވެ.

މިމާރާމާރީއާއި ގުޅިގެން ހަތް މީހަކު ހޯދުމަށް ކުރިން ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ:

  • ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ).
  • ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ).
  • ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ).
  • ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ).
  • 15 އަހަރުގެ ކުޑަ ކުއްޖެއް.

ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުންވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ، އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތަރު ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

comment ކޮމެންޓް