ދިވެހި ފުޓުބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ވިކްޓްރީ ސްޕޯޓްސް ކުލަބު އެކި ސަބަބުތަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑު ކޮށްފައި އޮތުމަށް ފަހު އެ ކުލަބުގެ ސަސްޕެންޝަން އުވާލަަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމައިފިއެވެ.
އެ ކުލަބުގެ ސަސްޕެންޝަން އުވާލަން ނިންމީ އިއްޔެ ބޭއްވި އެފްއޭމް ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުގެ އަގުލަބިއްޔަތުންނެވެ. ވޭތުވެ ދިޔަ ދެ އަހަރު އެފްއޭއެމްގެ ކޮންގްރެސްގައި ކްލަބްތަކުން ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓާފައި ވީމަނަމަވެސް އިއްޔެ އެފްއޭއެމުން ކްލަބްތަކުގެ ތާއީދާއެކު ނިންމީ ވިކްޓަރީން އެ ކްލަބްގެ ދަރަނިތައް ދައްކާފައިވާތީ އެ ކްލަބްގެ ސަސްޕެންޝަން އުވާލުމަށެވެ.
މީގެ އިތުރުން ނިއު ރޭޑިއަންޓުން އެ ކްލަބްގެ ދަރަނި ދެއްކިހާ އަވަހަކަށް އެފްއޭއެމްގެ އެކްސްކޯއިން އެ ކްލަބްގެ ސަސްޕެންޝަން އުވާލާ ގޮތަށް އިއްޔެގެ ކޮންގްރެސްގައި ވަނީ ނިންމާފައެވެ. އަދި ނިއު ރޭޑިއަންޓުން ދައްކަންޖެހޭ ދަރަނިތައް ދައްކައި ނިމުމުން، ކުލަބުތަކުގެ ވޯޓުން ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެކްސްކޯއަށް ދިނުމަށް ނިންމިއެވެ. އެގޮތުން ނިއު ރޭޑިއަންޓުން ދަރަނި ދެއްކުމުން ދެން އެންމެ އަވަހަށް ބާއްވާ އެކްސްކޯ ބައްދަލުވުމެއްގެ މެޖޯރިޓީ ވޯޓާ އެކު އެކުލަބުގެ ސަސްޕެންޝަން އުވާލެވޭނެއެވެ.
އެފްއޭއެމުން އެންމެ ފުރަތަމަ ނިއު ރޭޑިއަންޓު ސަސްޕެންޑްކުރީ 2019 ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. ނިއު އޭރު ސަސްޕެންޑްކުރީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުންނެވެ. މިހާރު އެ ފައިސާ ނުދައްކާ ކޮންމެ ދުވަހަކީ ޖޫރިމަނާއަށް ދައްކަން ޖެހޭވަރު އިތުރުވާ ދުވަހެކެވެ.
ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން ދަމަހައްޓަން އެފްއޭމްއިން އެންމެ ފުރަތަމަ ނިންމީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ ކުލަބުން ލޯކަލް އަދި ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލަތަކެއް ފީފާ އިންވެސް ބަލައި އޮތީ ފިޔަވަޅު އަޅައިފައެވެ.
ވިކްޓްރީން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކުލަބު ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަން ކޮށްފައިނުވާތީ އެ އެސޯސިއޭޝަނުން އެ ކްލަބް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މިހާރު އެ ކުލަބުން ވަނީ ދަރަނި އެއްކޮށް ދައްކައި، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެ، ޕްރެކްޓިސްތައް ވެސް ފަށައިފައެވެ.
މި ދެ ކުލަބު އަނބުރާ އައުން ވާނީ ދިވެހި ފުޓުބޯޅައަށް ލިބޭ އިތުރު ފުރިހަމަ ކަމަކަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެ ދެ ކުލަބު އަނބުރާ އައުން ވާނީ އެފްއޭމްއަށް ވެސް ލިބޭ އުފަލަކަށް ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ޢަދީލު ޖަލީލު ވިދާޅުވިއެވެ.