ހައްޖު ކޯޕަރޭޝަންގެ މުވައްޒަފަކު މުދަލެއް ވަގަށް ނެގި މައްސަލަ ފުލުހަށް ހުށަހަޅައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު އެއާޕޯޓުގައި. ހައްޖު ކޯޕަރޭޝަނުން ވަނީ އެ ކުންފުނީގެ މުވައްޒަފަކު ލެޕްޓޮޕެއް ވަގަށް ގެންދިއަ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ --- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ މުވައްޒަފަކު އެ ކުންފުނީގެ ހުއްދަ ނެތި ލެޕްޓޮޕެއް ވަގަށް ގެންދިއަ މައްސަލައެއް ތަހުގީގު ކޮށްދިނުމަށް ފުލުހަށް ހުށަހަޅައިފިއެވެ.

އެކަން ބަޔާންކޮށް އެ ކުންފުނިން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދަށް ސިޓީއެއް ވަނީ ފޮނުވާފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ހައްޖު ކޯޕަރޭޝަނުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އެ ކޯޕަރޭޝަންގެ އިންފޮމޭޝަން އިންޖިނިއާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މއ. މޭނާޒު، މުޙައްމަދު ނާޒިމް އެ ކުންފުނީގެ މެކްބުކް ޕްރޯއެއް ހުއްދަ ނެތި ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ލެޕްޓޮޕް ކުންފުންޏާ ހަވާލުކުރަން އެންގުމުން އޭނާ އެކަމާ ދެކޮޅުހަދާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވީ، އެ ކުންފުންޏަކީ ދައުލަތުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް ކަމުން އެ ކުންފުނީގެ ހުއްދަ ނެތި އެ މުދާ ގެންދިއުން ވާނީ ދައުލަތުގެ މުދަލަކަށް ޚިޔާނާތްތެރިވުން ކަމަށެވެ.

އެ ކުންފުންޏަކީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ބަލަހައްޓާ ކުންފުންޏެއް ކަމުން ޚިދުމަތް ހޯދާ މީހުންގެ ޒާތީ މައުލޫމާތުގެ އިތުރުން ކުންފުނީގެ މާލީ މުއާމަލާތްތައް ރައްކާތެރި ކުރުމަކީ ކުންފުނީގެ މައްޗަށް ލާޒިމު ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ލެޕްޓޮޕްގައި ހައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދާ މީހުންގެ ޒާތީ މައުލޫމާތު ހުންނާނެ ކަން ފާހަގަކޮށް އޮފިޝަލް ވިދާޅުވީ، އެ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ވައްކަން ކުރި މުވައްޒަފަށް އެބައޮތް ކަމަށެވެ. ވުމާއެކު އެ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދިނުމާއެކު އެ ލެޕްޓޮޕް އަނބުރާ ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އެދިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް