އެމްއެންޔޫއިން މާލެ ސަރަހައްދުގެ ވައިގެ ސާފު މިންވަރު ހަ މަހު ބަލައި، ނަތީޖާ ހަވާލުކޮށްފި

ރިސާޗް ޕްރޮޖެކްޓުގެ ޕްރޮގްރްސް އާއި ވަގުތީ ނަތީޖާ ތައް ހުށަހަޅައިދެނީ --- ފޮޓޯ/ އެމްއެންޔޫ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން އެމެރިކާގެ ޑޫކް ޔުނިވާސިޓީއާ ގުޅިގެން ކުރިއަށްގެންދާ ދިރާސާއެއްގެ ދަށުން މާލެ ސަރަހައްދުގެ ވައިގެ ސާފު މިންވަރު މޮނީޓާކޮށް، ފުރަތަމަ ހަ މަސް ދުވަހުގެ ނަތީޖާ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފިއެވެ.

އެއީ ޑޫކް ޔުނިވާސިޓީގެ "ބިލްޑިން ކެޕޭސިޓީ އިން އެއާ ކޮލިޓީ އިން ސައުތް އޭޝިޔާ" ރިސާޗް ޕްރޮޖެކްޓުގެ ދަށުން، ގައުމީ ޔުނިވާސިޓީން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފަށައިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ ދިރާސާއެކެވެ.

އެ ދިރާސާގެ ތެރެއިން މިހާތަނަށް، ވައިގެ ސާފު މިންވަރު ބަލާ ސެންސާތައް މާލެ ސަރަހައްދުގެ ފަސް
ތަނެއްގައި ހަރު ކޮށްފައިވެއެވެ. އެއީ މާލޭގެ ތިން ސަރަހައްދަކާއި ހުޅުމާލެ އާއި ހުޅުލެ އަދި ވިލިނގިލީގައެވެ.

އެމްއެންޔޫއިން ބުނީ އެ ސެންސާތަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިއަހަރުގެ މާޗު މަހުގެ ނިޔަލަށް އެއްކުރި މައުލޫމާތު ތަހުލީލު ކޮށްގެން ލިބުނު ވަގުތީ ނަތީޖާތައް ކަމާބެހޭ ފަރާތްތަކާ ހިއްސާ ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައެންސް އެންޑް ޓެކްނޮލޮޖީގައި ބޭއްވި ސްޓޭކްހޯލްޑާ ބައްދަލުވުމުގައި ކަމަށެވެ.

ރިސާޗް ޕްރޮޖެކްޓުގެ ޕްރޮގްރްސް އާއި ވަގުތީ ނަތީޖާތައް ހުށަހަޅައިދެނީ --- ފޮޓޯ/ އެމްއެންޔޫ

އެ ސްޓޭކްހޯލްޑަރުންގެ ތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރުމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި މޯލްޑިވްސް މީޓަރަލޮޖިކަލް ސާވިސަސް، އާއި އެންވަޔަމަންޓް
ޕްރޮޓެކްޝަން އޮތޯރިޓީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ މުވައްޒަފުން ބައިވެރިވި ކަމަށް އެމްއެންޔޫއިން ބުންޏެވެ.

ރާއްޖޭގައި އެ ޕްރޮޖެކްޓް ކޯޑިނޭޓް ކުރައްވާ އެމްއެންޔޫގެ ލެކްޗަރާ، ނޫރާ ޚަލީލު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ވައި މި މުއްދަތުގައި އެންމެ ބޮޑަށް ނުސާފުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ މާޗު މަހުގެ ނިޔަލަށެވެ.

ވައި ނުސާފުވުމަކީ އާންމު ގޮތެއްގައި އިރުވައި މޫސުމުގައި ފާހަގަކުރެވޭނެ ކަމެކެވެ. ނަމަވެސް އެ ދިރާސާއިން ފާހަގަ ކުރެވުނު ގޮތުގައި އެ މުއްދަތުގައި ގާތްގަނޑަކަށް ކޮންމެ ތިން ދުވަހަކުން އެއް ދުވަހު މާލެ ސަރަހައްދުގައި ވައިގެ ކޮލިޓީ (ޕަޓިކިއުލޭޓް މެޓާ 5.2) އެވަރެޖްކޮށް ހުރި މިންވަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަށްވުރެ މައްޗެވެ.

ރިސާޗް ޕްރޮޖެކްޓުގެ ޕްރޮގްރްސް އާއި ވަގުތީ ނަތީޖާތައް ހުށަހަޅައިދެނީ --- ފޮޓޯ/ އެމްއެންޔޫ

އެ ބައްދަލުވުމުގައި ޑޫކް ޔުނިވާސިޓީގެ ސައިންޓިސްޓް ޑރ. ޕްރަކާޝް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ޕްރޮޖެކްޓް މުޅި ރާއްޖެއަށް ފުޅާވެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވައިގެ ސާފު މިންވަރު ދެނެގަނެވިގެންދާނެކަން ފާހަގަކޮށް މި ޕްރޮޖެކްޓް އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން އޭނާ މަޝްވަރާ ކުރެއްވިއެވެ.

comment ކޮމެންޓް