22 އަހަރަށްފަހު މާއެނބޫދޫގައި އަޟްހާ އީދު ފާހަގަކުރާނީ ބޮޑެތި "ސަޕްރައިޒް"ތަކާއެކު

މާއެނބޫދޫ ކަނބަލުން ބަށި ކުޅެނީ: 22 އަހަރަށްފަހު އެރަށުގައި ބޮޑު އީދު ފާހަގަކުރާނީ "ސަޕްރައިޒް"ތަކާއެކު

ބާވީހަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެންމެ ކުރިން ފާހަގަ ކުރި ގޮތަށް ދ. މާއެނބޫދޫގައި މިފަހަރު އަޟުހާ އީދު ފާހަގަކުރާނީ ބޮޑެތި "ސަޕްރައިޒް"ތަކާއެކު ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އެ ރަށު ކައުންސިލުގެ ރައީސް ޔޫސުފް ސައީދު މިއަދު "ސަން"އަށް ވިދާޅުވީ މިފަހަރުގެ ބޮޑު އީދަކީ ވަރަށް ކުލަގަދަކޮށް ފާހަގަކުރެވޭ އީދަކަށް ވާނެ ކަމަށެވެ. އެންމެ ކުރިންސުރެ ވެސް މާއެނބޫދޫއަކީ އީދު ފާހަގަކުރުމުގައި ލާމަސީލު ރަށެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރަށަކީ އެންމެ ކުރިންސުރެ ވެސް ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރާ ރަށެއް. އެތައް އަހަރަކަށް ފަހު މިއުޅެނީ އަނެއްކާވެސް ހަމަ އެ ޒަމާން އިއާދަކުރަން. ކުޅިވަރުތައް ވަރަށް ހުންނާނެ. ހުރިހާ އެއްޗެއް ހާމަ ކުރާކަށް ބޭނުމެއް ނޫން. މަޖާވެސް ވާނީ އޭރުން،" ޔޫސުފް ވިދާޅުވިއެވެ.

އެންމެ ކުރިން މާއެނބޫދޫގައި އީދު ފާހަގަކޮށް އުޅުނު ގޮތާމެދު ޔޫސުފް ވިދާޅުވީ، އީދުވިލޭރޭ އީދު ފެށޭނީ ކުޑަ ހަފްލާއަކުން ކަމަށެވެ. އީދުގެ ހަރަކާތްތައް ކުރިއަށްގެންދަނީ ފަސް ދުވަހަށް ބަހާލައިގެންނެވެ. އީދު ދުވަހު ޖަމާއަތުގައި އީދު ނަމާދު ކުރުމަށްފަހު އީދު ސައި އޮވެއެވެ. އޭގެ ފަހުން އޮންނާނީ ފެންކުޅި ކުޅުމާއި ކުލަ ޖެހުމުގެ ހަރަކާތްތަކެވެ.

"އީދު ދުވަހަކީ އުފަލާ މަޖަލުގައި ރަށު ރައްޔިތުން ހޭދަ ކުރާ ދުވަހެއް،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެރަށުގައި ކުޅޭ އީދުގެ ކުޅިވަރުތަކުގެ ތެރޭގައި ފަން ކުޅުމާއި ވާދެމުމާއި ތިންމުގޯލި ކުޅުމާއި ތިން ދަނޑިކުޅުމުގެ އިތުރުން މޫދުކުޅިވަރުތައް ވެސް ހިމެނެއެވެ. އަދި ކޯޑި ޖެހުމުގެ ކުޅިވަރަކީވެސް އެ ރަށުގައި ވަރަށް ބޮޑުކޮށް ކުރާ ކަމެކެވެ. ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ތާރަޖެހުމާއި ލަނގިރިޖެހުން އަދި ދަނޑި ޖެހުން ހިމެނެއެވެ.

މާއެނބޫދޫއަކީ އެންމެ ކުރީގައި އީދަށް ތައްޔާރުވުމަށްޓަކައި ތަނެއް ހިޔާކޮށްގެން އެތަނުގައި އީދުގެ ތައްޔާރީތައްވާ ރަށެކެވެ. އީދުގައި ޝޯ ދޭނީވެސް އެ ތަނުގައެވެ. އޭރުގެ ޒުވާނުން ވެގެން އަމިއްލަ ބޭންޑެއްވެސް އުފުއްދި ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"މި ރަށަކީ ވަރަށް ކޮމިޓެޑް ވެގެން އީދު ފާހަގަކުރި ބަޔަކު އުޅުނުތަނެއް. އޭރު ޝޯ ދޭން ވެސް ވަކި ތަނެއް ހިޔާކޮށް އަމިއްލަ ބޭންޑެއް އުފައްދައިގެން އުޅޭނި. ވަރަށް ފެންވަރުގަ އަދި ވަރަށް ފުރިހަމަކޮށް އެކަން ކުރާނި،" އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ ބޮޑު އީދުގައި ކުރީގައި އެރަށުގައި އީދު ފާހަގަކުރުމަށް ކުރި އެކަހަލަ ހުރިހާ ކަމެއް ފެންނާނެ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. މުޅިންވެސް ސިފަކުރެވޭނީ ކުރީގައި އެރަށުގައި އީދު ފާހަގަކޮށް އުޅުންގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކުރީގެ ކަންކަމުގެ އިތުރުން އެހެނިހެން ކަންކަން ވެސް މިފަހަރުގެ ބޮޑު އީދުގައި އެ ރަށުން ފެންނާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މިއުޒިކް ޝޯތައް އޮންނާނެ. މަޝްހޫރު ފަންނާނުން އަންނާނެ. ނަޝާ ގުރޫޕެއް އަންނާނެ. އަދި އަންހެނުންނަށާއި ފިރިހެނުންނަށް ބައިވެރިވެވޭ ގޮތަށް ފުޓުބޯޅަ މުބާރާތަކާއި ވޮލީ ބޯޅަ މުބާރާތެއް އޮންނާނެ. އެއީ އީދުގެ ތެރޭގަ އޮންނަ ކަމެއް ނޫން ކުރީގަ، އެކަމު މިފަހަރު މިއޮތީ ލާފަ އީދު ތެރެއަށް. ހަމަ އެގޮތަށް ކުޑަ ކުދިންގެ ހަވީރެއް ވެސް އޮންނާނެ،" ޔޫސުފް ވިދާޅުވިއެވެ.

ކުރީ ޒަމާނުގައި އީދު ފާހަގަކުރުމަށް ކުޅުނު ސަގާފީ ކުޅިވަރުތައް ވަރަށް ބޮޑަށް ނެތެމުންދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިފަހަރުގެ އަމާޒަކީ އެ ކުޅިވަރުތައް ވެސް އަލުން އިއާދަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އާއިލާތައް އެކަހެރިވެ ބައިބައިވެފަ އޮންނަ އޮތުން ބަދަލުކޮށް އެއް ރޫހެއްގައި އެކީގައި އުޅުމަށް ބާރު އެޅުމަކީ ވެސް މިފަހަރު މިހާ ކުލަ ގަދަކޮށް އީދު ފާހަގަކުރުމުގެ މަގުސަދެއް ކަމަށް ޔޫސުފް ވިދާޅުވިއެވެ.

މާއެނބޫދޫގެ ކައުންސިލުގެ ރައީސް ވިދާޅުވިގޮތުގައި އީދުގެ ހަރަކާތްތަކުގައި ރަށު ހުރިހާ ރައްޔިތުުންގެ ވެސް ފުރިހަމަ އެއްބާރުލުން ލިބެއެވެ.

މިފަހަރުގެ އީދުގައި ވަރަށް ގިނަ ރަށްރަށުން ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭކަމަށް ޔޫސުފް ވިދާޅުވިއެވެ. އަދި އަންނަ މީހުންނަށް އެންމެ ރަނގަޅު މެހެމާންދާރީ ދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އީދުގައި އެ ރަށުގައި މަޑުކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިކޮޅުގެ އެކޮމަޑޭޝަން އުޅެނީ ވަރަށް ޓައިޓުކޮށް. މިހާރުވެސް އީދަށް ގެސްޓުހައުސްތައް ވަނީ ބުކް ކޮށްފަ. އެކަމު އީދު ކުޅިވަރުތައް ބަލާލަން ޒިޔާރަތް ކޮށްލުމަކުން ދައްޗެއް ނުވާނެ. އަންނަ މީހުންނަށް ކޮފީއާ ސައިވެސް ތައްޔާރު ކުރެވޭނެ. އެކަމުގެ އިންތިޒާމުތައްވެސް ކުރެވެމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ އަޟުހާ އީދު ކުލަ ގަދަކޮށް މާއެނބޫދޫގައި ފާހަގަކުރާއިރު މާޒީގެ އެތައް ސޮފްހާއެއް އާވާނެއެވެ. އަދި ކުރިން އީދު ފާހަގަކޮށް އުޅުނު ގޮތްތައް އިއާދަ ކުރަން މިފަހަރުގެ އީދަކީ ރަނގަޅު ފެށުމަކަށް ވާނެކަމަށް ވެސް އެ ރަށު ކައުންސިލުން ގަބޫލުކުރެއެވެ.

comment ކޮމެންޓް