ށ. ފޭދޫގައި އަނބިމީހާ ބަނޑަށް ވަޅަށް ހެރި މައްސަލައިގައި ފިރިމީހާ ހައްޔަރުކޮށްފިއެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް "ސަން"އަށް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު އޭނާއަށް ލިބުނީ 9:30 ހާއިރު ކަމަށެވެ.
ހާދިސާ ހިނގި ތަނަށް ދިޔައިރު އަންހެން މީހާ ބަނޑުގައި އަތް އަޅައިގެން ހުރިއިރު ފިރިމީހާ ވަޅި ހިފައިގެން ކައިރީގައި ހުރިކަމަށް ރައިސަމް ވިދާޅުވިއެވެ. އަދި އެވަގުތު ފިރިހެން މީހާގެ ބައްޕަ ހުރީ އޭނާގެ އަތުގައި ހިފައިގެން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެތަނަށް ދިޔައިރު ކައުންސިލްގެ ނައިބު ރައީސް ވެސް އެތަނުގައި ހުރި. އަޅުގަނޑުމެން އެތެރެއަށް ވަންއިރު ފިރިހެން މީހާ ހުރި ވަޅިއެއް ހިފައިގެން. އަދި އޭނާގެ ބައްޕަ ހުރީ އޭނާގެ އަތުގަ ހިފަހައްޓައިގެން. އަންހެން މީހާ ހުރީ ބަނޑުގައި އަތް އަޅައިގެން. އަޅުގަނޑު އަހާލިން ވަޅި ހެރީ ހެއްޔޭ. ބުނީމަ އަންހެން މީހާ ބުނީ އާނއެކޭ،" ރައިސަމް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެތަަނަށް ފުލުހުން ގޮސް އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ދެން އަޅުގަނޑު އެވަގުތު އެ އަންހެން މީހާ ގޮވައިގެން ސައިކަލުގައި ސިއްޙީ މަރުކަޒަށް ގެންދިޔައީ،" ރައިސަމް ވިދާޅުވިއެވެ.
ޑޮކްޓަރާ ހަވާލާދީ ކައުންސިލްގެ ރައީސް ވިދާޅުވީ އެ އަންހެން މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ބަނޑަށް ވަޅި ހެރީ ދެމަފިރިންގެ ދެމެދުގައި އުފެދުނު ދެބަސްވުމެއްގެ ތެރޭގައި ފިރިމީހާ ރުޅި ކޮންޓްރޯލް ނުކުރެވިގެން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މީގެ ކުރިންވެސް އެ މީހާ އަކީ އަނބިމީހާއަށް ވަޅިން ހަމަލާދިނުމަށް މަސަކަތް ކޮށްފައިވާ މީހެއް،" ރައިސަމް ވިދާޅުވިއެވެ.
އަނބިމީހާ ގަޔަށް ވަޅި ހަރަން އުޅުނު މައްސަލައެއްގައި މީގެކުރިން ޕޮލިސް ސްޓޭޝަނަށް އޭނާ ހާޒިރުކުރިޔަސް އެއްވެސް ދައުވާއެއް ކޮށްފައެއްނުވެއެވެ.
ރައިސަމް ވިދާޅުވިގޮތުގައި އެ ދެ މީހުންނަކީ ވެސް އުމުރުން 30 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުގެ މީހުންނެވެ. އެ ދެ މީހުންގެ ކައިވެންޏަށް މިހާރު 10 އަހަރު ވެދާނެއެވެ. އެ ކައިވެންޏަށް ހަތަރު ދަރިން ނޫނީ ފަސް ދަރިން ލިބިފައިވާކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.