ތަފާތު ގިނަ ކުންފުނިތަކުގެ އުފެއްދުންތަކާއެކު ފުޑް އެންޑް ބެވަރެޖަސް ޝޯގެ ފަސްވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތް މިފަހަރު ކުރިއަށް ދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އަހަރުގެ މައުރަޒުގައި ޖުމްލަ 30މ ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މިއަދު ހަވީރު އޮތް ހަފްލާއެއްގައި މި ހަރަކާތް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ކާބޯތަކެތި ސަޕްލައިކޮށްދޭ ފަރާތްތަކަކީ ރާއްޖޭގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގަޔާއި، ފަތުރުވެރިކަމުގެ ދާއިރާގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

ފުޑް އެންޑް ބެވަރެޖް ޝޯ ހުޅުއްވައި ދެއްވަމުން މިނިސްޓަރު މައުސޫމް ވާހަކަދައްކަވަނީ --- ފޮޓޯ/ ހައިރައިޒް
"ފަތުރުވެރިކަމުގެ އުފަލާ އަދި އެމީހުންގެ ދުޅަހެޔޮކަމާ ވެސް ގުޅިފަ މިއޮންނަނީ އެމީހުންގެ ކެއިން ބުއިން. އަދި އަޅުގަނޑުމެންގެ އުފަލާ ވެސް ގުޅިފައި މި އޮންނަނީ ކެއިން ބުއިން،" މައުސޫމް ވިދާޅުވިއެވެ.
ހައިރައިސްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު މަރިޔަމް މާއިޝާ ވިދާޅުވީ މި އެގްޒިބިޝަން ބޭއްވުމުގެ މަގުސަދަކީ ކެއިން ބުއިމުގެ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލާނެ ފުރުސަތެއް ދިނުން ކަމަށެވެ.
"މިފަހަރު ވެސް އަޅުގަނޑުމެން ވަރަށް އުންމީދުކުރަން ވިޔަފާރިވެރިން އަދި އާންމުންގެ ތަރުހީބު މި ކަމަށް ލިބޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހަކު 16:00ން 22:00އަށެެވެ.