އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައިވާ މީހަކަށް އައިސީޔޫގައި ފަރުވާ ދެނީ

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައިވާ މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު ތިނެއްޖަހާކަން ހާއިރު މާރާމާރީއެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި އެ ހާދިސާގައި ޒަޚަމްވެފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން "ސަން''އަށް މައުލޫމާތުދިން ގޮތުގައި އެ ފިރިހެން މީހާގެ ގައިގެ އެތައް ތަނަކަށް ވަނީ ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފައެވެ. އެގޮތުން، އަތުގެ މުލައްދަނޑިއަށާއި ބުރަކަށްޓަށް ވަޅި ހަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން ޒަޚަމްވެފައިވާ މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާގެ ހާލަތާ ބެހޭ ގޮތުން އިތުރު އެއްޗެއް މިވަގުތު ބުނަން ނޭނގޭކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް