ބައިނަލްއަގުވާމީ ކުރެހުމުގެ މުބާރާތުން އެއްވަނަ ޒިމްއަށް

"ތްރޫ ދި އައި އޮފް ވެންގޯ"ގެ ނަމުގައި ބޭއްވި ބައިނަލްއަގުވާމީ ކުރެހުމުގެ މުބާރާތުން އެއްވަނަ ހޯދި ޢަލީ އާޒިމް (ޒިމް) -- ސަން ފޮޓޯ/ ނާއިލް ހުސައިން

ފަންނުވެރިކަމުގެ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ މިއުޒް އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ކުރެހުމުގެ މައުރަޒުގެ އެއްވަނަ މަޝްހޫރު ކުރެހުންތެރިޔާ ޢަލީ އާޒިމް (ޒިމް) ހޯދައިފިއެވެ.

"ތްރޫ ދި އައި އޮފް ވެންގޯ" ގެ ނަމުގައި ކުރިއަށްދާ މި މައުރަޒުގައި ޒިމް ކުރެހި ކުރެހުމަށް ދީފައިވާ ނަމަކީ "ސްޓާރީ ނައިޓްސް" އެވެ. އެ ކުރެހުން އެއްވަނައަށް ގޮސްފައިވާތީ އޭނާއަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ބައިނަލްއަގުވާމީ މި މުބާރާތް ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން ހަވީރު 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށެވެ.

އެ މައުރަޒު ރޭ ހުޅުއްވައިދެއްވީ ތާރީޚާއި ތަރިކަ އާއި ސަގާފަތާ ބެހޭ ވަޒީރު ޔުމްނާ މައުމޫނެވެ.

މި މައުރަޒުން ދެވަނައަށް ގޮސްފައިވަނީ މަރިޔަމް ޔުމްނު ކުރެހި "މޮބިއުލާ ބިރޮސްޓްރިސް"އެވެ. އޭނާއަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ތިންވަނައަށް ގޮސްފައިވަނީ ޒޯޔާ ޢުމަރު ކުރެހި "ސިނަމާލެ ބްރިޖް ސްޓާރީ ނައިޓް"އެވެ. އޭނާއަށް ވެސް ވަނީ ފައިސާގެ އިނާމެއް ދީފައެވެ.

މިއުޒްގެ ތުރޫ ދަ އައިސް އޮފް ވެންގޯ އާރޓް އެގްޒިބިސަން ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ޔުމްނާ ދެއްކެވި ވާހަކަފުޅުގައި މިއުޒްއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ މައުރަޒެއް ބޭއްވީތީ އުފާކުރާކަމަށް ވިދާޅުވިއެވެ. އެ މައުރަޒު ބޭއްވުމަށް އެހީތެރިވެދިން އެންމެނަށް ޔުމްނާ ޝުކުރު އަދާކުރެއްވިއެވެ.

ކުރެހުމުގެ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ޔުމްނާ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް ވިދާޅުވީ މައުރަޒުން ދައްކުވައިދޭ ކުރެހުންތައް އުރީދޫގެ މޫލީ މެދުވެރިކޮށް ގަންނަން ލިބޭނެކަމަށެވެ. އަދި ވޯލްޑް ވައިޑްކޮށް ބޭއްވި މިފަދަ މުބާރާތަކަށް 300އަށް ވުރެ ގިނަ ހުށަހެޅުން ލިބުމުން މައުރަޒުގެ ކާމިޔާބީ ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ.

ކުރެހުމުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން

އެ މައުރަޒުން އެއްވަނައަށް ދިޔަ ޒިމް ބުނީ އޭނާއަށް މައުރަޒުގެ މައުލޫމާތު ލިބުނީ އެންމެ ފަހުވަގުތުކަމަށެވެ. އެހެންކަމުން ތައްޔާރުވާން ވަގުތު ނުލިބުނުކަމަށް އޭނާ ބުންޏެވެ.

"ފަސް ދުވަސްތެރޭ މައި ބެސްޓް ދީގެން މި ޕެއިންޓިން ހަދާފަ މީނީ،" ޒިމް ބުންޏެވެ.

ޒިމް ބުނީ އޭނާގެ ކުރެހުމަކީ ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިޔާ ވިންސެންޓް ވެންގޯގެ މަސައްކަތް ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކުރެހި ކުރެހުމެއްކަމަށެވެ. އަދި ސިނަމާލެ ބްރިޖް ކުރަހާފައިވަނީ ރާއްޖެއާ ގުޅުވާލުމަށްކަމަށް އޭނާ ބުންޏެވެ.

އެ މައުރަޒުން ތިންވަނައަށް ދިޔަ 15 އަހަރުގެ ޒޯޔާ ބުނީ އޭނާ ކުރެހީ އޭނާގެ މަންމަ ރޭގަނޑުގެ ވަގުތެއްގައި ނަގާފައިވާ ސިނަމާލެ ބްރިޖުގެ ފޮޓޯއެއްކަމަށެވެ.

"މަންމަ ނެގި ފޮޓޯ ތީމާ ގުޅުވާލާފަ ކުރެހީ،" ޒޯޔާ ބުންޏެވެ.

comment ކޮމެންޓް