މާލީގެ އިންގިލާބީ ސިފައިންނަށް ބައިނަލްއަގުވާމީ ފިއްތުންތައް ބޮޑުވެއްޖެ

ބަމާކޯ (މާޗް 23) : މާލީގެ މަޤާމުން ދުރުކުރެވިފައިވާ ރައީސް އަމާދޫ ތޮރޭ ގެ ވެރިކަން އަނބުރައި ގެނައުމަށް ނޫނީ ދިމުޤްރާތީ ގޮތުން އިންތިޚާބުކުރާ ފަރާތަކާ ވެރިކަން ޙަވާލު ކުރުމަށް އެޤައުމުގެ އިންޤިލާބީ ސިފައިންނަށް ބައިނަލްއަޤްވާމީ މުޖްތަމަޢާއި އދ. ން ކުރަމުންދާ ފިއްތުންތައް އާދަޔާ ޚިލާފަށް ބޮޑުވެއްޖެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން ކުއްލި ޖަލްސާއެއް ބޭއްވުމަށްފަހު ނެރުނު ބަޔާނެއްގައި މާލީގެ އިންޤިލާބީ ސިފައިންނަށް ގޮވާލާފައިވަނީ ރައީސް އަމާދޫގެ ވެރިކަން އަނބުރައި ރުޖޫޢަ ކުރުމަށް ނޫނީ ދިމުޤްރާތީ ގޮތުން އިންތިޚާބުކުރާ ފަރާތަކާ ވެރިކަން އަވަހަށް ޙަވަާލު ކުރުމަށެވެ.

ސަލާމަތީ މަޖިލީހުގެ ބަޔާން އިއްވަމުން އިނގިރޭސިވިލާތުގެ ސަފީރު މާކް ލަޔާލް ވިދާޅުވީ މާލީގެ ސިފައިން ޢަސްކަރީ އިންޤިލާބެއް ގެނަސް ރައީސް އަމާދޫ ތޮރޭ ގެ ވެރިކަން ވައްޓާލީ އެޤައުމުގެ ދަސްތޫރާ ޚިލާފަށްކަމަށާ އިންޤިލާބަށްފަހު ސިފައިން ދަސްތޫރުގެ ބާރުކަނޑުވާލައި ދިމުޤްރާތީ މުއައްސަސާތައް ސަސްޕެންޑް ކޮށްފައިވާ ކަމުގައެވެ.

މިބަޔާން މާލީގެ އިންޤިލާބީ ސިފައިންނަށް ގޮވާލާފައިވަނީ ވެރިކަމުގެ ބާރުތައް ރައީސް އަމާދޫގެ ސަރުކާރާ ނޫނީ ރައްޔިތުން އިންތިޚާބުކުރާ ފަރާތަކާ އަލުން ޙަވާލުކުރުމަށްފަހު އެމީހުންގެ ކޭންޕްތަކަށާއި މަރުކަޒުތަކަށް އެނބުރި ރުޖޫޢަ ވުމަށެވެ.

މާލީގެ ދަސްތޫރާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ރައީސް އަމާދޫގެ ވެރިކަން ދަސްތޫރާ ޚިލާފަށް ވައްޓާލައި ދަސްތޫރުގެ ބާރުކަނޑުވާލުން އެއްވެސް ގޮތަކަށް ޤަބޫލުނުކުރެވޭނެ ކަމަށާއި ރައީސް އަމާދޫއަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށްވެސް ސަލާމަތީ މަޖިލީހުގެ ބަޔާން އިންޤިލާބީ ވެރިންނަށް ގޮވާލިއެވެ.

ސަލާމަތީ މަޖިލީހުގެ އިތުރުން ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާއާއި އެފްރިކާގެ އިއްތިޙާދާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އިންވެސްވަނީ ރައީސް އަމާދޫގެ ވެރިކަން އަނބުރައި ރުޖޫޢަ ކުރުމަށް ނޫނީ ދިމުޤްރާތީ ގޮތުން އިންތިޚާބުކުރާ ސަރުކާރަކާ ވެރިކަން އަވަހަށް ޙަވަާލު ކުރުމަށް މާލީގެ އިންޤިލާބީ ސިފައިންނަށް ގޮވާލާފައެވެ.

ވޯލްޑް ބޭންކާއި އައި.އެމް.އެފް.އާއި ބައިނަލްއަޤްވާމީ އެހެން މުއައްސަސާތަކުންވަނީ މާލީއަށް ޝަރުޢީ ވެރިކަމެއް ގެންނަންދެން އެޤައުމަށް އެއްވެސް އެހީއެއް ނުދިނުމަށް ނިންމާފައެވެ.

މާލީގެ ވެރިކަން ވައްޓާލައި އެޤައުމުގެ ސިފައިން ޢަސްކަރީ އިންޤިލާބެއް ގެނައީ އިއްޔެ ހެނދުގައެވެ. ހަތިޔާރުއަޅައިގެންތިބި ޢަސްކަރީ ސިފައިން ދަސްތޫރާ ޚިލާފަށް ޢަސްކަރީ އިންޤިލާބުގެނައީ މާލީގެ ރައީސްގެ ގަނޑުވަރަށާއި އޭނާގެ އޮފީހަށާއި ރަސްމީ ޓީވީ ސްޓޭޝަނަށް ގަދަބާރުން ވަދެގަނެ އެތަންތަން ހިފުމަށްފަހުގައެވެ.

ރައީސް އަމާދޫގެ ސަރުކާރު ވައްޓާލި ސިފައިންގެ އޮފްސަރުންވަނީ ރައީސް އަމާދޫގެ ސަރުކާރަކީ ޤައުމުގެ ބާއީޣިންނާ ކުރުމަތިލައި ޤައުމަށް އަމާންކަން ގެނައުމުގައި ނާގާބިލް ސަރުކާރެއް ކަމަށްބުނެ ޤައުމީ މަސްލަޙަތަށްޓަކައި ސަރުކާރު ވައްޓާލީކަން ޢިޢްލާންކޮށްފައެވެ.
މާލީގެ އިންޤިލާބީ ސިފައިންވަނީ ދިމުޤްރާތީ މުއައްސަސާތައް އުވާލައި ގާނޫނު އަސާސީގެ ބާރުކަނޑުވާލުމަށްފަހު ޤައުމުވަނީ ސިފައިންގެ ވެރިކަމުގެ ދަށުގައި ކަމަށްވެސް އިޢްލާންކޮށްފައެވެ. އިންޤިލާބީ ސިފައިންބުނީ މިއީ ޤައުމަށް ޙަޤީޤީ ޑިމޮކްރަސީ ގެނައުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށާއި ވަރަށް އަވަހަށް ރިޔާސީ އިންތިޚާބެއް ބާއްވައި ދިމުޤްރާތީ ސަރުކާރަކާ ވެރިކަން ޙަވާލުކުރާނެ ކަމުގައެވެ.

ރިޕޯޓްތައް ބުނާގޮތުން ރައީސް އަމާދޫ ވަނީ އޭނާއަށް ވަފާތެރި ރިޔާސީ ގާޑުންނާއެކު ބަމާކޯގައިވާ ސިފައިންގެ ކޭންޕެއްގައެވެ. އެކޭންޕްވަނީ އިންޤިލާބީ ސިފައިންގެ ކޮންޓްރޯލުން ބޭރުގައި ކަމަށާއި އިންޤިލާބީ ސިފައިން އެތަން ހިފުމަށްކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ. މާލީގެ ސަރުކާރު ވައްޓާލާފައިމިވަނީ އެޤައުމުގެ ސަރުކާރާދެކޮޅަށް ހަނގުރާމަކުރަމުން ގެންދާ ހަތިޔާރުއެޅި "ތަވާރިޤް" ހަނގުރާމަވެރިންގެ ބާރު އެޤައުމުގެ އުތުރުގައި ގަދަވެ ހަނގުރާމަވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އަމާދޫ ގެ ސަރުކާރު ނާކާމިޔާބުވެފައިވަނިކޮށެވެ.

ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ލިސްޓްގެ ކުރީގައި ހިމެނޭ މާލީގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގަދަވގެންދިޔައީ އެޤައުމުގެ އަވަށްޓެރި ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ދިފާޢުކުރުމަށްޓަކައި ކުލީސިފައިންގެ ގޮތުގައި ލީބިޔާގައި ޙަރަކާތްތެރިވުމަށްފަހު ގައްޒާފީގެ ވެރިކަން ވެއްޓުމާގުޅިގެން އެނބުރި ޤައުމަށް އައުމުންނެވެ.

ގައްޒާފީގެ ވެރިކަން ވެއްޓި ލީބިޔާގައި އައު ސަރުކާރެއް އުފެދުމުން މާލީގެ ހަނގުރާމަވެރިން ލީބިޔާ ދޫކޮށް އެނބުރި ޤައުމަށްއައިސް އެމީހުންގެ ބާރުގަދަކުރީ ގައްޒާފީގެ ސަރުކާރުން އެމީހުންނަށްދިން އެތަށް މިލިޔަން ޑޮލަރެއްގެ ފައިސާއާއި ޢަސްކަރީ ތަމްރީނާއި ޒަމާނީ ހަތިޔާރުގެ ޝިޕްމަންޓްތަކުގެ އެހީގައި ކަމަށް ޚަބަރު ލިބެއެވެ.

އިންޤިލާބީ ސިފައިންވަނީ ރައީސް އަމާދޫ ތޮރޭ ގެ ވެރިކަން އަނބުރައި ގެނައުމަށް ނޫނީ ދިމުޤްރާތީ ގޮތުން އިންތިޚާބުކުރާ ފަރާތަކާ ވެރިކަން ޙަވަާލު ކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިކުރާ ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށް ބުނެފައެވެ. އަދި އިންޤިލާބީ ސިފައިންވަނީ މާލީގެ ވައިގެ ބަނދަރުތަކާއި ސަރަޙައްދީ ރޮނގުތައް ބަންދުކޮށްފައެވެ. -- އަލްޖަޒީރާ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު